ސެމްސަންގް ގެލަކްސީ އެސް10 އަށް 5ޖީ ސަޕޯޓް
ސެމްސަންގް ގެލަކްސީ އެސް10 އަށް 5ޖީ ސަޕޯޓް

ސެމްސަންގް ގެލަކްސީ އެސް10ގެ ނަމުގައި ދެތިން ފޯނެއް ނެރޭނެ ކަމަށް ލަފާކުރެވެ އެވެ. އެއީ "ގެލަކްސީ އެސް10 ލައިޓް"، "ގެލަކްސީ އެސް10" އަދި ގެލަކްސީ އެސް10 ޕްލަސް" އެވެ. މި ފޯނުތައް އުފައްދަނީ ކޮންމެ ފޯނަކަށް ވަކި ކޯޑު ނަމެއް ދީގެންނެވެ. އެއީ ބުނެވޭ ގޮތުގައި "ބިޔޯންޑް ޒީރޯ"، "ބިޔޯންޑް ވަން" އަދި "ބިޔޯންޑް ޓޫ" އެވެ.

އިންޓަނެޓް ރިޕޯޓްތައް ބުނާ ގޮތުގައި ގެލަކްސީ އެސް10 މަރުކާގައި 5ޖީ ފޯނެއް ސެމްސަންގުން ނެރޭނެ އެވެ. އެއީ ކޮން ފޯނެއްކަން ވަކިކުރަން ކިޔާނެ ނަމެއް ކަމެއް އަދި ނޭނގެ އެވެ. ނަމަވެސް އެއީ "އެސް10 ޕްލަސް" އަށް ވެދާނެ ކަމަށް ބުނެ ލިޔުންތަކުގައި ފާހަގަކޮށްފައި ހުރެ އެވެ.

ގެލަކްސީ އެސް10 އާންމު ބާޒާރަށް ނެރޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު ކުރީކޮޅު އެވެ. ވަކި ތާރީޚެއް ކަނޑައަޅައި ތާވަލުކޮށްފައި އަދި ނުވެ އެވެ. ނަމަވެސް އަންނަ އަހަރު އޮންނަ "ވޯލްޑް މޮބައިލް ކޮންގްރެސް"ގައި ފޯނުތައް ތައާރުފުކޮށްފާނެ ކަމަށް ބެލެވެ އެވެ.

ސެމްސަންގުން އެސް10 މަރުކާގައި 5ޖީ ފޯނެއް އުފެއްދި ނަމަވެސް، އެއީ މުޅި ދުނިޔޭގައި ވިއްކާނެ ފޯނަކަށް ނުވާނެ އެވެ. ސަބަބކީ އަދި މުޅި ދުނިޔެ އަށް 5ޖީ ނެޓްވޯކްގެ ކީދުމަތް ދެވިފައި ނުވާތީ އެވެ. އެހެންކަމުން، ބޮޑަށް ބެލެވެނީ އެންމެ އަވަހަށް 5ޖީ ނެޓްވޯކް ކޮޅަށް ޖެހޭ ގައުމުތަކަށް އެސް10ގެ އެ ފޯނެއް ޚާއްސަކުރާނެ ކަމަށެވެ.

އިންޓަނެޓްގައި ފެތުރޭ ޓެކްނޮލޮޖީ ޚަބަރުތަކަށް ބަލާއިރު، ސެމްސަންގުން 5ޖީ ފޯނެއް ތައާރުފުކުރުމުގައި ގެލަކްސީ އެސް10 އަށް ބުރަނުވުމަކީ ވެސް ކޮށްފާނެ ކަމެވެ. އަދި އެއީ މުޅިން އަޅަށް ތައާރުފުކުރާ މަރުކާއަކަށް ވުމަކީ ވެސް އޮތް ފުރުސަތެކެވެ.