ނުބައި ބައި މީހެއްގެ ރޯލް ދުވަހަކު ވެސް ނުކުޅޭނަން: ސަލްމާން
ނުބައި ބައި މީހެއްގެ ރޯލް ދުވަހަކު ވެސް ނުކުޅޭނަން: ސަލްމާން

ފިލްމެއްގެ ވިލަން ނުވަތަ ނުބައިބައި މީހެއްގެ ރޯލް ދުވަހަކު ވެސް ނުކުޅޭނެ ކަމަށާއި އެކަހަލަ ރޯލެއް ކުޅެން އޭނާގެ ފޭނުން ވެސް ގަބޫލު ނުވާނެ ކަމަށް ސަލްމާން ހާން ބުނެފި އެވެ.

"ދޫމް 4" ގެ ނުބައިބައި ރޯލުން ސަލްމާން ފެނިދާނެ ކަމުގެ އަޑުތަކެއް ވެސް އަރާފައި ވަނިކޮށް އޭނާ ބުނީ ވަފާތެރި ފޭނުން ގަޔާނުވާނެ ރޯލްތަކެއް ކުޅެގެން އެ މީހުން މާޔޫސްކޮށްލަން ބޭނުން ނުވާ ކަމަށެވެ.

"އެކްޓަރުންނަކީ ފޭނުންނަށް ނަމޫނާ ވެސް ދައްކާ ބައެއް. އެހެންވެ އަހަރެން ބޭނުމެއް ނޫން ފިލްމްތަކުގައި ވިލަންއެއްގެ ރޯލް ކުޅެގެން، އެ ކެރެކްޓާތަކުން ފޭނުން މިސާލު ނަގައިގެން ގޯސް ކަންކަން ކުރާކަށް،" އާންމުކޮށް ލޯބީގެ ފިލްމްތަކާއި އެކްޝަން ފިލްމްތަކުގެ އިތުރުން ކޮމެޑީ ރޯލްތައް ކުޅޭ އެކްޓަރު ޑެކަން ކްރޮނިކަލްސް އަށް ބުންޏެވެ.

މިހާރު "ބާރަތު" ގެ މަސައްކަތް ކުރަމުން އަންނަ ސަލްމާން، 52، ބުނި ގޮތުގައި މީގެ ކުރިން ބައެއް ފިލްމްތަކުން އޭނާ ވިލަންއެއްގެ ރޯލް ހުށަހަޅާފައިވެ އެވެ. އެކަމަކު ދުވަހަކު ވެސް އޭނާ އެ ކަހަލަ ރޯލްތަކަށް އެއްބަސް ނުވާނެ ކަމަށް ބުންޏެވެ. ސަލްމާން އަދި ފާހަގަ ކުރެވެނީ ފިލްމްތަކުގައި ގައިގޯޅިކަން ބޮޑު މަންޒަރުތައް ވެސް ނުކުޅޭ އެކްޓަރެއްގެ ގޮތުގަ އެވެ.

ބޮލީވުޑްގެ ބައެއް އެކްޓަރުންނަކީ ވިލަންއެއްގެ ރޯލް ކުޅެން އެއްގޮތަކަށް ވެސް ޖެހިލުންވާ ބައެއް ނޫނެވެ. އޭގެ އެންމެ ބޮޑު އެއް މިސާލަކީ މިހާރު ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެއް ތަރި ކަމަށްވާ ޝާހްރުކް ހާނެވެ. އޭނާ ވަނީ "ޑަރް" އާއި "ބާޒީގަރް" ފަދަ ފިލްމްތަކުގައި ބެލުންތެރިން ނަފުރަތު ކުރާ ކަހަލަ ވިލަންއެއްގެ ރޯލް ކުޅެގެން އެތައް ބައެއްގެ ލޯބި ހޯދައިފަ އެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދޭ "ދޫމް" ފްރެންޗައިޒްގެ އެންމެ ވަރުގަދަ ކެރެކްޓާއަކީ ވެސް އެ ފިލްމްތަކުގެ ވިލަން އެވެ. އެގޮތުން ޖޯން އަބްރަހަމް، ރިތިކް ރޯޝަން އަދި އާމިރް ހާން ވެސް ވަނީ "ދޫމް" ގެ ފިލްމްތަކުގައި ނުބައިބައި ރޯލްތައް ކުޅެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ދޫމް 4" ގެ ވިލަންގެ ރޯލުން ފެނުމުގެ ފުރުސަތު ބޮޑީ ޝާހްރުކެވެ. މި ފަހުން ފިލްމެއްގައި ވިލަންއެއްގެ ރޯލް ކުޅެން އެންމެ ބޮޑު މަގުބޫލު ކަމެއް ހޯދީ ރަންވީރް ސިންގް އެވެ. މި އަހަރު ރިލީޒް ކުރި ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތު" ގެ އޭނާ ކުޅުނު އަނިޔާވެރި ރަސްކަލެއްގެ ރޯލަކީ އެތައް ބައެއްގެ ތައުރީފު ވެސް އޮހުނު ރޯލެކެވެ.