10 ސެޕްޓެމްބަރ 2018 - 11:34

ސިނަމާލެ ބްރިޖް ހުރަސްކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮންނަ ހުޅުލެއަށް އާއްމު ވެހިކަލްތަކަށް ރޭ ދަންވަރު ހުޅުވާލުމުން، ޓެކްސީތަކުން ދަތުރަކަށް 100ރ. ނަގަން ފަށައިފި އެވެ.

މާލޭގައި ޓެކްސީ ދުއްވާ ޑްރައިވަރުން ހުޅުލެއަށް ކުރާ ދަތުރުގެ އަގު އަމިއްލައަށް ކަނޑައެޅިއިރު، ޓްރާންސްޕޯޓް އޮތޯރިޓީ (ޓީއޭ) އިން މިހާތަނަށް ރަސްމީ އަގެއް އިއުލާންކޮށްފައެއް ނުވެ އެވެ.
މާލޭގައި ޓެކްސީގައި ހިދުމަތްދޭތާ އެންމެ ގިނަ ދުވަސްވީ އެއް ސެންޓަރު، ލޯޔަލް ޓެކްސީ ސާވިސް އިން ވާހަކަދެއްކި މީހަކު މިއަދު ބުނީ މާލެއިން ހުޅުލެއަށް 100ރ. އަށް ދަތުރުކުރަން ފަށާފައިވާ ކަމަށެވެ. އަދި އެ އަގު ނަގަނީ ޓްރާންސްޕޯޓް އޮތޯރިޓީން ރަސްމީ އަގެއް ކަނޑައަޅާފައި ނުވާތީ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑުމެންގެ ޑްރައިވަރުން އަމިއްލަ އަށް ނިންމީ ހުޅުލެއަށް ދެވޭނީ 100ރ. އަށް ކަމަށް. އެ އަގު ނަގައިގެން މިހާރު ދަތުރުކުރަން ފަށައިފިން،" އެ މީހާ ބުންޏެވެ.
ލޯޔަލް ޓެކްސީގެ އިތުރުން ޑައިލް ކެބް އަދި ފައިން ޓެކްސީން ޓެކްސީން ވެސް ހުޅުލެއަށް ދަތުރުކޮށްދެނީ 100ރ. އަށެވެ.
ޑައިލް ކެބުން ވާހަކަ ދެއްކި މީހަކު ބުނީ ޓްރާންސްޕޯޓް އޮތޯރިޓީން ރަސްމީ އަގެއް ކަނޑައަޅަން ދެން ހުޅުލެއަށް ދަތުރެއް 100ރ. އަށް ކުރަން ފަށާފައިވާ ކަމަށެވެ.
"މިއީ އަޅުގަނޑުމެން އަމިއްލައަށް ކަނޑައެޅި އަގެއް. ޓްރާންސްޕޯޓުން އަގެއް ކަނޑައެޅީމަ އެ އަގަކަށް އަޅުގަނޑުމެން ކުރާނަން،" އޭނާ ބުންޏެވެ.
ފައިން ޓެކްސީން ވާހަކަދެއްކި މީހަކު ބުނީ ހުޅުލެއަށް ކުރާ ދަތުރަކަށް 100ރ. ނަގަން ފެށީ އެހެން ސެންޓަރުތަކުގެ ޑްރައިވަރުން ވެސް އެ އަގަށް ދަތުރުކުރަން ފެށުމުން ކަމަށެވެ. ނަމަވެސް ޓްރާންސްޕޯޓުން އަގެއް ކަނޑައެޅީމަ އެ އަގަކަށް ދަތުރުކޮށްދޭނެ ކަމަށް ވެސް އެ މީހާ ބުންޏެވެ.
"ބްރިޖް ޓޮލް ނަގަން ފެށުމުން މި އަގު ބޮޑުވުން އެކަށީގެންވޭ. އަސްލު ބްރިޖް އާއްމުކޮށް ހުޅުވާލުމުގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅަން ޖެހޭނެ،" އޭނާ ބުންޏެވެ.
ފައިން ޓެކްސީން ހުޅުލެއަށް 100ރ. ދަތުރެއް ކުރާއިރު، ހުޅުމާލެއަށް ކުރާ ދަތުރަކަށް ވެސް ނަގަނީ 100ރ. އެވެ. ނަމަވެސް އެހެން ބައެއް ޓެކްސީ ހުޅުމާލެ އަށް ސެންޓަރުތަކުން ދަތުރުކުރަނީ 150ރ. އާއި 200ރ. އާ ދެމެދުގެ އަގެއްގަ އެވެ.
މާލެއިން ހުޅުލެއަށް ބައެއް ޓެކްސީތަކުން ދަތުރަކަށް 100ރ. ނަގާއިރު، ހުޅުމާލޭގައި ހިންގާ ގެސްޓް ހައުސްތަކުގެ ކާރުން ހުޅުލެއަށް ކުރާ ދަތުރަކަށް ވެސް ނަގަނީ 100ރ. އެވެ.
ވެލާނާ އެއާޕޯޓަށް އާއްމު ވެހިކަލްތަކަށް ވަދެވޭ ގޮތަށް ހަމަޖެއްސުމުގެ ކުރިން އެ އެއާޕޯޓަށް ވަދެވެނީ ހަމައެކަނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާއްސަ ހުއްދައެއް ދީފައިވާ ވެހިކަލްތަކަށެވެ.
ޓެކްސީތަކުން އަމިއްލައަށް ދަތުރުތަކުގެ އަގު ކަނޑައެޅުމާ ގުޅޭ ގޮތުން ޓީއޭގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.