10 ސެޕްޓެމްބަރ 2018 - 11:35

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ދާދި ފަހުން އާންމުކުރި ރޭންކިންގައި ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ހުސެއިން ޒަޔާން ޝަހީދު ޒަކީ ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.
ޒަޔާން ދުނިޔޭގެ 188 ވަނައިގައި އޮތްއިރު މިއީ އޭނާގެ ކެރިއަރުގައި މިހާތަނަށް އެންމެ ބޮޑު ކުރިއެރުމެއް ހޯދި ފަހަރެވެ. ރާއްޖޭން ދެ ވަނަ އަށް ރޭންކް ކުރެވިފައިވަނީ 487 ވަނައިގައި އޮތް ޒުވާން ކުޅުންތެރިޔާ ނިބާލް އަހުމަދު އެވެ. ތިން ވަނައިގައި އޮތް މުހައްމަދު އަޖުފާން އޮތީ 637 ވަނައިގަ އެވެ.
އަންހެން ރޭންކިންގައި އެންމެ ކުރީގައި އޮތީ ދުނިޔޭގެ 197 ވަނައިގައި އޮތް ފާތިމަތު ނަބާހާ އެވެ. ދެ ވަނައިގައި އޮތް އައިމިނަތު ޝަހުރުނާޒް އޮތީ 226 ވަނައިގަ އެވެ. ތިން ވަނައިގައި އޮތް އައިމިނަތު ނަބީހާ އޮތީ ދުނިޔޭގެ 344 ވަނައިގަ އެވެ.
ޒަޔާން ވަނީ އިންޑޮނީޝިއާގެ ޖަކާޓާ އާއި ޕަލެމްބަންގައި ދާދި ފަހުން އޮތް އޭޝިއަން ގޭމްސްގެ ދެ ވަަނަ ބުރުގައި ވާދަކޮށްފަ އެވެ. ދެ ވަނަ ބުރުގައި އޭނާ ނުކުތީ ދުނިޔޭގެ ރޭންކިންގެ 14 ވަނައިގައި އޮތް ޖަޕާނުގެ ނަޝިމޯޓޯ ކެންޓާއާ ދެކޮޅަށެވެ. އެ މެޗުން ޒަޔާން ބަލިވިއިރު، އޭނާ ވަނީ ޓާގެޓެއް ހާސިލްކޮށްފަ އެވެ. އެއީ ދުނިޔޭގެ ރޭންކިންގެ މަތީގައި އޮތް ކުޅުންތެރިއަކާ ދެކޮޅަށް ނުކުމެ 30 މިނިޓް ވަންދެން މެޗު ކުރިއަށް ގެންދިއުމެވެ.
މި ފަހަރުގެ އޭޝިއަން ގޭމްސްގެ ކުރިން އޮތް މޮރިޝަސް މުބާރާތުގައި ޒަޔާން ވާދަނުކުރެ އެވެ. ޒަޔާނަށް އެ ފަހަރު ޓީމުން ފުރުސަތު ނުލިބުނީ އެސޯސިއޭޝަނާ އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ސަބަބުންނެވެ. ޒަޔާން ވަނީ 2020 ވަނަ އަހަރުގެ އޮލިމްޕިކްސް އަށް ކޮލިފައިވުމުގެ އަޒުމުގައި އަމިއްލަ ގޮތުން ވެސް ރާއްޖޭން ބޭރުގައި އެކި ތަމްރީންތަކެއް ހަދަމުންނެވެ.
ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން ފަހަކަށް އައިސް އަންނަނީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ. ބައިނަލްއަގްވާމީ މުބާރާތްތަކުގައި ކުޅުންތެރިންނަށް ފުރުސަތު ދީގެން އެ ކުޅުންތެރިން ކުރިއަރުވަން ބެޑްމިންޓަން އެސޯސިއޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ބީއޭއެމް އިން 2019 ވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރާއްޖެ އަށް ރަން މެޑެއްޔެއް ގެނައުމަށް އެކުލަވާލާފައިވާ ޕްލޭނާ އެއް ގޮތަށް ބީއޭއެމްގެ ގިނަ މަސައްކަތްތައް ދަނީ ކުރިއަށެވެ. އަދި އަންނަ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސްގައި ވެސް ރަނގަޅު ނަތީޖާތަކަކަށް ބީއޭއެމުން އުއްމީދުކުރެ އެވެ.