11 ސެޕްޓެމްބަރ 2018 - 09:13

ބޮލީވުޑްގެ ގިނަ ތަރިންނަކީ އެ މީހުންގެ ހަޔާތާ ބެހޭ ވާހަކަ ބޮޑު ސްކްރީނަށް ގެންނަން ބޭނުންވާ ބައެއް ނޫނެވެ. އެކަމަކު ދާދި ފަހުން ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި ސަންޖޭ ދަތުގެ ބައޮގްރަފިކަލް ޑްރާމާ "ސަންޖޫ" އަށް ފަހު، ބައެއް ތަރިންގެ ހިޔާލު މިހާރު ތަފާތެވެ.
ނުވަދިހައިގެ އަހަރުތަކުގައި އެންމެ ކާމިޔާބު އެއް އެކްޓަރު ކަމަށްވާ ގޯވިންދާ ބުނި ގޮތުގައި އޭނާގެ ހަޔާތާ ބެހޭ ފިލްމެއް ހަދަން ޝައުގުވެރިކަން އެބަ ހުއްޓެވެ. އަދި އެފަދަ ފިލްމެއް ހަދަން ޕްރޮޑިއުސަރެއް ނުވަތަ ޑައިރެކްޓަރަކު ޝައުގުވެރިވާ ނަމަ އޭނާ ހުރީ އެކަމާ އެއްބަސްވާން ތައްޔާރަށެވެ.
"އަހަންނަށް ގަބޫލުކުރެވޭ ބޮލީވުޑްގައި ކާމިޔާބު މީހަކަށްވާން އަހަރެންގެ ކެރިއަރުގެ ކުރީކޮޅުގައި ކުރަން ޖެހުނު އުނދަގޫ އަދި ހުރަސްތައް ގިނަ ދަތުރަކީ ވަރަށް ގިނަ މީހުންނަށް އިންސްޕިރޭޝަނަކަށް ވާނެ،" ގޯވިންދާ، 54، ބުންޏެވެ.
ބޮލީވުޑްގައި ކޮމެޑީ ރޯލްތައް ކުޅެން މަޝްހޫރު އަދި ހުނަރުވެރި ނެށުންތެރިއެއްގެ ގޮތުގައި ވެސް ވިދާލި އެކްޓަރު ބުނި ގޮތުގައި އޭނާއަކީ ބުރަ މަސައްކަތުން ކާމިޔާބީއާ ހަމައަށް ވާސިލުވި މީހެކެވެ. އަދި ކޮންމެ މީހަކަށް ވެސް "ޒީރޯއަކުން ހީރޯއަކަށް" ވެވިދާނެ ކަމަށް ބުންޏެވެ.
ހަޔާތާ ބެހޭ ފިލްމަކަށް، ދެ ކުދިންގެ ބައްޕަ ޝައުގުވެރިކަން ހުއްޓަސް، އޭނާ ބުނީ އަދި މިއީ އެކަމަށް އެންމެ ރަނގަޅު ދަނޑިވަޅު ނޫން ކަމަށެވެ.
"އަހަންނަށް ހީވަނީ ރިޓަޔާ ކުރީމަހެން އަހަރެންގެ ހަޔާތާ ބެހޭ ފިލްމެއް ހެދުން ބުއްދިވެރީ،" ދެހާސް ހަތަރެކުން 2009 އަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ވެސް ކުރި އެކްޓަރު ބުންޏެވެ.
ފިލްމް "އިލްޒާމް" އިން 1986 ގައި ބޮލީވުޑަަށް ނުކުތް ގޯވިންދާ ދިގު ކެރިއަރުގައި ވަރަށް ފާހަގަކޮށްލެވޭ ކާމިޔާބު ފިލްމްތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "ހީރޯ ނަމްބަރު 1" "ޕާޓްނާ"، "ހުދްގަރްޒް"، "ހަތިޔާ"، "ކޫލީ ނަމްބަރު 1" އަދި "ހަސީނާ މާން މާން ޖާއޭގީ" ފަދަ ފިލްމްތައް ހިމެނެ އެވެ.
ނަމަވެސް މި ފަހުން ގޯވިންދާ އަށް ރަނގަޅު ފިލްމެއް ނުލިބޭ އިރު، އޭނާގެ ފަހުގެ ހުރިހާ ފިލްމްތައްހެންވީ ފްލޮޕެވެ. ގޯވިންދާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 12 ގައި ރިލީޒް ކުރާ "ފްރައި ޑޭ" އެވެ.