ރޮނާލްޑޯ އަށް އިޓަލީގައި 40 ޖަހަން އުނދަގޫވާނެ: އަލްބިއޯލް
ރޮނާލްޑޯ އަށް އިޓަލީގައި 40 ޖަހަން އުނދަގޫވާނެ: އަލްބިއޯލް

ނޭޕްލްސް (ސެޕްޓެމްބަރު 10) – ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އިޓަލީގައި 40 ގޯލް ޖަހަން އުނދަގޫވާނެ ކަމަށް ނަޕޯލީގެ ޑިފެންޑަރު އަދި ރޮނާލްޑޯއާ އެކު މެޑްރިޑަށް ކުރިން ކުޅުނު ރައުލް އަލްބިއޯލް ބުނެފި އެވެ.

ސްޕެއިނުގެ މެޑްރިޑް ދޫކޮށް މި ސީޒަނުގައި އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވި ރޮނާލްޑޯ އަށް ތިން މެޗުން އަދި ގޯލެއް ނުޖެހެ އެވެ. އޭނާ އަންނަނީ 2010/2011 ގެ ސީޒަނުން ފެށިގެން މިހާތަނަށް ކޮންމެ ސީޒަނެއްގައި އެވްރެޖްކޮށް 52 ގޯލް ޖަހައިފަ އެވެ.

މިދިޔަ ސީޒަނުގެ ލީގުގެ ދެ ވަނަ ހޯދި ޓީމުގެ ޑިފެންޑަރު އަލްބިއޯލް ބުނީ އިޓަލީގައި ފުޓްބޯޅަ ކުޅެނީ ވަރަށް ޓެކްޓިކަލް، ޑިފެންސިވް އަދި ފިޒިކަލް ގޭމެއްގެ ގޮތުގައި ކަމަށެވެ.

"ރޮނާލްޑޯ އަކީ ވަރަށް މޮޅު ކުޅުންތެރިޔެއް އާދަޔާހިލާފު ހުނަރެއް ލިބިފައިވާ. އެކަމަކު އިޓަލީގައި އޭނާ އަށް 40 ޖެހުމަކީ އުނދަގޫ ކަމަކަށް ވާނެ،" އަލްބިއޯލް ބުންޏެވެ. "އަނެއްކާ އަހަރެން އުއްމީދު ވެސް ކުރަން އޭނާ އެވަރަށް ގޯލް ނުޖަހާނެ ކަމަށް. ސަބަބަކީ އޭރުން ޔުވެންޓަސް އަށް ފައިދާވެ ނަޕޯލީ އަށް ގެއްލުންވާނެތީ."

އެކަމަކު އަލްބިއޯލް ބުނީ ރޮނާލްޑޯ މިދިޔަ ސީޒަން މެޑްރިޑާ އެކު ވެސް ފެށީ ދަށްކޮށް ކަމަށާއި އެކަމަކު ސީޒަން ނިންމާލީ ތަފާތު އަދަދަކާ އެކު ކަމަށާއި އެހެންވެ ވިސްނަން ޖެހޭނެ ކަމަށެވެ.