ވަރަށް އަވަހަށް އަލުން ކޯޗިން ފަށާނަން: ޒިދާން
ވަރަށް އަވަހަށް އަލުން ކޯޗިން ފަށާނަން: ޒިދާން

ޕެރިސް (ސެޕްޓެމްބަރު 10) – ވަރަށް އަވަހަށް ކޯޗިންގެ ތެރެއަށް އަލުން ވަންނާނެ ކަމަށް ބުނެ ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން، މެންޗެސްޓާ ޔުނައިޓެޑުގެ ސަޕޯޓަރުން އެލާޓަށް ގެނެސްފި އެވެ.

ޒިދާން މިދިޔަ ސީޒަނަށް ފަހު ކުއްލިގޮތަކަށް މެޑްރިޑުން ވަކިވީ އެ ޓީމަށް ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށް ފަހު އެވެ.

"ޔަގީނުން ވެސް ވަރަށް އަވަހަށް އަހަރެން ކޯޗިން ފަށާނަން، އެއީ އަހަރެން ކުރާ ހިތްވާ މަސައްކަތަކީ ވެސް އަދި އުމުރުގައި ކުރި މަސައްކަތަކީ ވެސް،" ޒިދާން ބުންޏެވެ.

ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ވަރަށް އަވަހަށް ވަކިކޮށްފާނެ ކަމަށް ބެލެވޭއިރު މީޑިއާ ރިޕޯޓްތައް އަންނަނީ ޔުނައިޓެޑާއި ޒިދާނާ ގުޅުވަމުންނެވެ. އިނގިރޭސި ނޫސްތަކުން ބުނާ ގޮތުގައި ޒިދާން ވަނީ އޭނާ އެ ކްލަބާ ހަވާލުވެއްޖެ ނަމަ ގެންނާނެ ކުޅުންތެރިންގެ ލިސްޓެއް އެކުލަވާލަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ރެއާލް މެޑްރިޑުގެ ޓޯނީ ކްރޫޒާއި ބަޔާން މިއުނިކުގެ ތިއާގޯ އަލްސަންޓްރާ އާއި ހަމެސް ރޮޑްރިގޭޒް އަދި ޕީއެސްޖީގެ އެޑިންސަން ކަވާނީ އެވެ.

ޔުނައިޓެޑުން ވަރަށް އަވަހަށް އޭނާ އަށް ގުޅާނެ ކަމަށް ބެލެވޭ ކަމަށް ޒިދާން އޭނާގެ އެކުވެރިން ގާތު ބުނެފައިވާ ކަމަށްވެ އެވެ.

ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ޕްރިމިއާ ލީގުގެ 10 ވަނައިގައި ޔުނައިޓެޑް އޮތްއިރު ސަޕޯޓަރުންގެ ނުރުހުން ކޯޗު މޮރީނިއޯ އަށް ވަނީ އަމާޒުވެފަ އެވެ. އަދި އޭނާއާ އެކު މަސައްކަތްކުރަން ޕައުލް ޕޮގްބާ ބޭނުންނުވާ ކަމަށްވެ އެވެ.