ނެދަލެންޑްސް ބަލިކޮށް ފްރާންސުން ވޯލްޑް ކަޕުގެ އުފާފާޅުކޮށްފި
ނެދަލެންޑްސް ބަލިކޮށް ފްރާންސުން ވޯލްޑް ކަޕުގެ އުފާފާޅުކޮށްފި

ޕެރިސް (ސެޕްޓެމްބަރު 10) – ޔުއެފާ ނެޝަނަލް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ނެދަލެންޑްސް އަތުން 2-1 އިން މޮޅުވެ ފްރާންސުން، ވޯލްޑް ކަޕުގެ ކާމިޔާބީ ސަޕޯޓަރުންގެ ކުރިމަތީގައި ފާހަގަކޮށްފި އެވެ.

ފްރާންސުން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ސްޓޭޑިއަމުގައި ރޭ ހޯދި މޮޅަށް ފަހު، ދަނޑަށް އެއްވެ ތިބި އަށްޑިހަ ހާހެއްހާ ސަޕޯޓަރުންނާ އެކު ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.

"މި މޮޅު ވަރަށް މުހިއްމު. މީގެ ސަބަބުން އަހަރެމެންނަށް ސަޕޯޓަރުންނާ އެކު އުފާފާޅުކުރުމުގެ ފުރުސަތު ލިބިގެންދިޔަ،" ފްރާންސް ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ބުންޏެވެ.

ކްރޮއޭޝިއާ 4-2 އިން ބަލިކޮށް ފްރާންސުން މި ފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމަށް ފަހު އަމިއްލަ ގައުމުގައި އެކަށީގެންވާ އުފާފާޅުކުރުންތަކެއް ނުބޭއްވުނެވެ. އޭގެ ސަބަބުން، ޓީމަށް މަރުހަބާ ކިޔަން މަގުތަކަށް ނުކުތް 300،000 ސަޕޯޓަރުން ވަރަށް ބޮޑަށް މާޔޫސްވި އެވެ. އެހެންވެ ރޭގެ މެޗަށް ފަހު ކޮންމެ ކުޅުންތެރިޔަކު ވަކިވަކިން ސަޕޯޓަރުންނަށް ތައާރަފްކޮށްދިނެވެ.

ރޭގެ މެޗަށް ފްރާންސުން ނެރުނީ ނެޝަނަލް ލީގުގެ ފުރަތަމަ މެޗުގައި ޖަރުމަނާ 0-0 އިން އެއްވަރުވި މެޗަށް ނެރުނު ފުރަތަމަ އެގާރަ އެވެ. ވޯލްޑް ކަޕުގެ ފައިނަލުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން މަދުވަނީ ހަމައެކަނި އަނިޔާގައި ހުރި ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް އެވެ. ބަދަލުގައި ގޯލް ބެލެހެއްޓީ ޕީއެސްޖީގެ އަލްފޮންސޭ އަރެއޯލާ އެވެ.

މެޗުގެ 14 ވަނަ މިނެޓުގައި ފްރާންސަށް ކުރި ހޯދައިދިނީ ވޯލްޑް ކަޕުގައި ވިދާލި ޒުވާން ތަރި ކީލިއަން އެމްބާޕޭ އެވެ. ނެދަލެންޑްސް އަށް އެއްވަރުކޮށްދިނީ 67 ވަނަ މިނެޓުގައި ރިޔާން ބަބެލް އެވެ. ފްރާންސް މޮޅުވި ގޯލް 75 ވަނަ މިނެޓުގައި އޮލިވިއޯ ޖިރޫ އެވެ.