ހުރަސްތައް ކުރިމަތި ވިޔަސް، އަނިޔާއަށް ދެން ފުރުސަތެއް ނެތް: އިބޫ
ހުރަސްތައް ކުރިމަތި ވިޔަސް، އަނިޔާއަށް ދެން ފުރުސަތެއް ނެތް: އިބޫ

މިމަހު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅިގެން، އެތައް ހުރަސްތަކެއް ސަރުކާރުން ކުރިމަތި ކުރަމުންދާ ކަމަށާއި އެކަމަކު ރައްޔިތުން ތިބީ އެއިން އެއްވެސް ކަމަކަށް ފުރުސަތު ދޭ ގޮތަކަށް ނޫން ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

ހުރަސްތައް ކުރިމަތި ވިޔަސް، އަނިޔާއަށް ދެން ފުރުސަތެއް ނެތް: އިބޫ
ހުރަސްތައް ކުރިމަތި ވިޔަސް، އަނިޔާއަށް ދެން ފުރުސަތެއް ނެތް: އިބޫ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ "މައުމޫން ރިފޯމް މޫވްމަންޓް" (އެމްއާރުއެމް) ގެ ޖަގަހައެއް މާލޭގައި ހުޅުއްވައި ދެއްވުމަށް ފަހު، ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް ކުރަމުންދާ ދަތުރުތަކުގައި އެތައް ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށާއި އެއީ މި ސަރުކާރުން އެކަން ކުރާނެ ގޮތް ކަމަށެވެ. އޭނާ ވިދާޅުވީ، މިހާތަނަށް ވެސް ސަރުކާރުން ދެއްކީ ޚުދު މުހުތާރު ކަމާއި އަނިޔާވެރިކަން ކަމަށެވެ. އެކަމަކު މިހާރު ރައްޔިތުން ތިބީ އެފަދަ ކަންކަމަށް ފުރުސަތު ދޭ ގޮތަކަށް ނޫން ކަމަށް އިބޫ ވިދާޅުވި އެވެ.

"ރައްޔިތުން މި ތިބީ އެ އަށް އަލުން ފުރުސަތު ދޭކަށް ނޫން. އިރާދަކުރެއްވިއްޔާ މި ރާއްޖެ އަލުން އަނބުރާ ރައްޔިތުންގެ ވެރިކަމަކަށް ބަދަލުވެގެން ދާ ތަން 23 ސެޕްޓެމްބަރުގައި ފެނިގެންދާނެ." އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުކަން ކުރައްވާ އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމަށް ގެންނަން ބޭނުންވާ ހެޔޮ ބަދަލު ގެނެވެން އޮތީ އެންމެ އެއްކޮށް މަސައްކަތް ކޮށްގެން ކަމަށާއި އިދިކޮޅު އިއްތިހާދާ އެކު އިދިކޮޅު ޕާޓީތަކުން ނުކުތީ އެ ސަބަބާ ހެދި ކަމަށެވެ. އޭގެ ނަތީޖާ ދައްކާނީ މި ރިޔާސީ އިންތިޚާބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅި ކަމުގެ މައްސަލައެއް ސާތިބު މިހާރު ޖަލަށް ލާފައިވާ މައުމޫން ކޮށްދެއްވި ޚިދުމަތްތައް ފާހަގަ ކުރައްވަމުން އިބޫ ވިދާޅުވީ، އާ ގާނޫނުއަސާސީ ވުޖޫދަށް ގެނެސް ވާދަވެރި ސިޔާސީ ނިޒާމެެއް ރާއްޖެއަށް ގެނެސް ދެއްވީ މައުމޫން ކަމަށެވެ. އަދި އެ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި ފަހުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބަކީ އެއްވެސް ހުރަހެއް ނެތި މިނިވަންކަމާ އެކު، މައުމޫންގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ އިންތިޚާބެއް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި، އެއްބަފާ ކޮއްކޯފުޅު އަދި ރައީސް އަބްދުﷲ ޔާމީނަށް ޔާމީނަށް ކުރެއްވި ތާއީދު މައުމޫން އަނބުރާ ގެންދެވީ ގައުމާއި ރައްޔިތުންނަށްޓަކަ އެވެ. އެކަން އެގޮތަށް ދިމާވީ ޕީޕީއެމްގެ އެތެރޭގައި ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފަށް ހިނގަމުން ދިޔަ ކަންކަން އިސްލާހު ކުރެއްވުމަށް މައުމޫން ކުރެއްވި މަސައްކަތްޕުޅަށް ހުރަސް އެޅި ހިސާބުން ކަމަށާއި އޭގެ ފަހުން އިސްލާހީ މަސައްކަތުގައި ނުކުމެވަޑައިގެން ކުރަން ފެއްޓެވި މަސައްކަތަށް ވެސް ސަރުކާރުގެ އަނިޔާވެރިކަމާ މައުމޫނަށް ކުރިމަތިލާން ޖެހިވަޑައިގަތް ކަމަށް އިބޫ ވިދާޅުވި އެވެ.

"ފަހަރަކު މީހަކު ބަންދު ކުރަމުން ގޮސް އެންމެ ފަހުން ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް އެ ހުންނެވީ އެއްވެސް ކުށެއް ނެތި ޖަލުގެ ކުޑަ ގޮޅިތަކުގެ ތެރޭގައި. ފާރިސް އެ ހުންނެވީ ޖަލުގެ ކުޑަ ގޮޅިތަކުގެ ތެރޭގައި. ނަދީމް [މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން] އެ ހުންނެވީ ކުޑަ ގޮޅީގައި އެއްވެސް ކުށެއް ނެތި،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އޭނާ ވަޑައިގަތް ހުރިހާ ރަށެއްގައި ވެސް މައުމޫނަށް ތާއީދުކުރާ މީހުން ތިބި ކަން ފާހަގަ ކުރެއްވޭ ކަމަށާއި މައުމޫން ޖަލުގައި ހުންނެވުމަކީ އެ މީހުން ވެސް ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. އެ އެންމެން ވެސް މިހާރު ތިބީ އިދިކޮޅު ކޯލިޝަނާ އެކު ކަމަށާއި އަނިޔާވެރިކަން ނިންމަން އެ މީހުން ވެސް ބޭނުންވާ ކަމަށް އިބޫ ވިދާޅުވި އެވެ. އިންތިޚާބަށް ކުރިއަށް އޮތީ މަދު ދުވަސްކޮޅެއް ކަން ފާހަގަ ކުރައްވައި، އިބޫ ވިދާޅުވީ ބާކީ އޮތް މުއްދަތުގައި އިތުރު ހިތްވަރާ އެކު މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"އެކަކު އަނެކަކާ ބައްދަލުކޮށް، އެކަކު އަނެކަކާ ފޯނުން ގުޅައި، މި ވާހަކަތައް އެބަ ކިޔައިދޭން ޖެހޭ. އިރާދަކުރެއްވިއްޔާ މި އިންތިޚާބު އަޅުގަނޑުމެން ކާމިޔާބު ކުރާނަން،" އިބޫ ވިދާޅުވި އެވެ.