ކެފެއިން މަދުކޮށްލަންޖެހޭ ބައެއް ސަބަބުތައް
ކެފެއިން މަދުކޮށްލަންޖެހޭ ބައެއް ސަބަބުތައް

ކެފެއިންގެ ވާހަކަ ދައްކާއިރު އެންމެ ފުރަތަމަ ވެސް އަންނާނީ ކޮފީގެ ވާހަކަ އެވެ. ކޮފީ އަކީ ހަށިގަނޑަށް ކެފެއިން އެތެރެވާ އެންމެ އާންމު ބުއިމެވެ. ކޮފީ އަދި ކެފެއިންގެ ސަބަބުން ހަށިގަނޑަށް އެކި ގޮތްގޮތުން ފައިދާކުރެ އެވެ. އެކަމަކު ކެފެއިން އަކީ މެލަޓޯނިން އަށް އަސަރުކޮށް ހަށިގަނޑުގެ "ގުދުރަތީ ގަޑި" ހަމައިން ނައްޓުވާލައި ނިންޖަށް ނޭދެވޭ އަސަރުކުރާ އެއްޗަކަށް ވާތީ މިކަމާ މެދު ސަމާލުވާން ވެސް ޖެހެ އެވެ.

ފަސޭހައިން އެޑިކްޓުވާ ކެފެއިންގެ މަދުކޮށްލަން ޖެހޭ ބައެއް ސަބަބުތައް ނަފްސާނީ އިލްމުގެ ތަޖުރިބާކާރެއް ކަމަށްވާ މާކް ވިންޑްވުޑް "އިންޑިޕެންޑެންޓް" އަށް ވިދާޅުވެފައިވެ އެވެ.

ނިދުމުގެ ހަ ގަޑިއިރު ކުރިން ބޯ ކޮފީތައްޓެއްގެ ސަބަބުން ވެސް ފުރިހަމަ ނިންޖަކަށް ހުރަސް އެޅެ އެވެ. ނިދީގެ އެކި މަރުހަލާތައް ހުންނައިރު ކެފެއިންގެ ސަބަބުން އެ މަރުހަލާތަަކަށް ބަދަލު އާދެ އެވެ. އެގޮތުން، މަޑު ނިދި ނުވަތަ ދެބަދޭތެރޭގައި އޮންނަ ވަގުތު މަދުވެ އަދި ނިދި ހަމަވެގެން ހޭލެވުމުގެ މާކުރިން ހޭލެވުން އިތުރުވެ ނިދި މަދުވުމުން ކުރިމަތިވާ އުނދަގޫތައް ތަޖުރިބާކުރަން ޖެހިދާނެ އެވެ.

ކެފެއިން އިން ސެންޓްރަލް ނާވަސް ސިސްޓަމުގެ ހަރަކާތްތައް އިތުރުވެގެންދެ އެވެ. މި މަރުހަލާ، ކޮފީތައްޓެއް ބޮއެ ނިންމާލާތާ 15 މިނެޓް ތެރޭގައި ފެށެ އެވެ. މި ހަލަބޮލިކަން ނާވަސް ސިސްޓަމް ތެރޭ އެތައް ގަޑިއިރަކަށް ހުރެ އެވެ.

ސްޓްރެސް ކުރުވާ ހޯމޯން ކަމަށްވާ ކެޓެކޮލަމީން ކެފެއިންގެ ސަބަބުން އިތުރުވެ އެވެ. ސްޓްރެސްގެ ސަބަބުން އެހެން ވަރަށް ގިނަ މައްސަލަތައް ކުރިމަތިކުރުވަ އެވެ. ސްޓްރެސްވެ މީހާގެ މޫޑު ހަރާބުވެގެން ދިއުމުގެ ފުރުސަތު ކުޑަކުރުމަށް ކެފެއިން މަދުކޮށްލުން ރަނގަޅުވާނެ އެވެ.

ބަނޑުގައި ވައި ހެދި ބަނޑު ކެއްކުމަކީ އުނދަގޫ ބޮޑު ކަމެކެވެ. ކެފެއިންގެ ސަބަބުން މިކަން ވެސް ފަސޭހައިން ކުރިމަތިވެ އެވެ. އަދި މޭއެންދުމާއި ގޯލްބްލެޑާ އާއި ކޮލޮން އަށް އުނދަގޫ ވެސް ވާނެ އެވެ. ބަނޑަށް ތަދުވެ ގިނައިން ބޮޑުކަމު ދެވޭ ގޮތް ކެފެއިން އިން މެދުވެރިވެ އެވެ.

ކޮފީގެ ސަބަބުން ބްލެޑާ އަށް ބާރު ބޮޑުވެ އުނދަގޫވެ އެވެ. ބްލެޑާގައި މައްސަލައެއް ހުންނަ ނަމަ ކެފެއިންގެ ސަބަބުން އެކަން އިތުރަށް ގޯސްވެދާނެ އެވެ. ކުޑަކަމު ދިއުން ހަމައިން ނެއްޓިދާނެ އެވެ.

ދަރިން ހޯދަން މަސައްކަތްކުރާ ނަމަ ހަމަ ނިދި ލިބުމާ އެކު ސްޓްރެސް ދަށްކުރުން މުހިންމެވެ. މި ދެ ކަންތައް ހަމަޔަކަށް އަޅުވާފައި ބެހެއްޓުމަށް ފަސޭހައިން ދަރިމައިވާނެ އެވެ.

މާބަނޑު ދުވަސްވަރު މާގިނައިން ކެފެއިން ބޭނުންކުރާ ނަމަ، ބަނޑުގައި އޮންނަ ދަރިފުޅުގެ ބަރުދަން ލުއިވުމުގެ މައްސަލަ ކުރިމަތިވާކަން ދިރާސާތަކުން ވަނީ ހާމަވެފަ އެވެ.

ކެފެއިން ހުންނަ ބުއިންތަކާއި ފިޒީ ބުއިންތަކަކީ ދަތަށް ގެއްލުން ހުރި އެއްޗިއްސެވެ. މީގެ ސަބަބުން ދަތްތަކުގެ ކުލަ ހުތުރުވުމާ އެކު ހަކުރުގެ ސަބަބުން ދަތްތައް ހަލާކުވެ އެވެ.