ގުދުސްގެ ހޮސްޕިޓަލްތަކަށް ދޭ އެހީ ޓްރަމްޕް ކަނޑާލައިފި
ގުދުސްގެ ހޮސްޕިޓަލްތަކަށް ދޭ އެހީ ޓްރަމްޕް ކަނޑާލައިފި

ވޮޝިންޓަން (ސެޕްޓެމްބަރު 9) - ފަލަސްތީނުގެ އިރުމަތީ ގުދުސްގެ ހޮސްޕިޓަލްތަކަށް ދޭ 25 މިލިއަން ޑޮލަރުގެ އެހީ ކަނޑާލަން ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވައިފި އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނީ "އީސްޓް ޖެރޫސަލް ހޮސްޕިޓަލް ނެޓްވޯކް" އަށް ކަނޑައެޅި 25 މިލިއަން ޑޮލަރު އެހެން ކޮންމެވެސް ދިމާއަކަށް ހޭދަކުރަން ޓްރަމްޕް އަންގަވާފައިވާ ކަމަށެވެ. އެހެންވެ އެ ފައިސާ ދެން ޚަރަދު ކުރާނީ ބޭނުން ޖެހިފައިވާ ދުނިޔޭގެ ކޮންމެ ވެސް އެހެން ދިމާއަކަށް ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ.

ފަލަސްތީނާ ދެކޮޅަށް ޓްރަމްޕް އަޅުއްވަމުން ގެންދާ ފިޔަވަޅުތަކުގެ ދަށުން ދާދި ފަހުން ވަނީ ފަލަސްތީނުގެ ރެފިއުޖީންނަށް އެމެރިކާ އިން ދޭ ހުރިހާ އެހީއެއް ހުއްޓާލަން އަންގަވައިފަ އެވެ. އަދި ސަޕޯޓް ޕްރޮގްރާމް ފަންޑުގެ ދަށުން ހުޅަނގު އައްސޭރި އާއި ގާޒާ އަށް އެމެރިކާ އިން ދޭ 200 މިލިއަން ޑޮލަރު ވެސް ޓްރަމްޕް ވަނީ ހުއްޓުވައިފަ އެވެ.

މީގެ އިތުރުން މިދިޔަ ޑިސެމްބަރު މަހު ވަނީ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނަ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފަ އެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާ އިން ސްޕޮންސާކޮށްފައިވާ މެދުއިރުމަތީގެ ސުލްހައިގެ މަޝްވަރާތައް ފަލަސްތީނުން ވަނީ ބޮއިކޮޓް ކޮށްފަ އެވެ.

އެމެރިކާ އިން ދާދި ފަހުން ވަނީ ޕާކިސްތާނަށް ދޭ 300 މިލިއަން ޑޮލަރުގެ އެހީ ވެސް ކަނޑާލައިފަ އެވެ.