10 ސެޕްޓެމްބަރ 2018 - 08:17

ސްމާޓްފޯނެއް ފަތްޖެހުމަކީ ދެން އޮތް ބުރަ މަސައްކަތެވެ. މި ކަމަށް ފޫގަޅައިގެން ތިބި ކުންފުނިތަކުގެ ތެރޭގައި ވާވޭ އަދި ސެމްސަންގް ހިމެނެ އެވެ. އެހެން ބައެއް ކުންފުނިތަކުން ވެސް މި ކަމަށް ޝައުގުވެރިވެ އެވެ. ނަމަވެސް ވަރަށް ފާޅުކަން ބޮޑު ގޮތުގައި އަދި ކެރިގެން މަސައްކަތްކުރާ ދެ ކުންފުންޏަކީ ސެމްސަންގް އަދި ވާވޭ އެވެ.
ސެމްސަންގަށް ވުރެ ކުރިން ސްމާޓްފޯނެއް ފަތްޖެހުމަކީ ވާވޭ ކުރަން އެދޭ ކަމެކެވެ. މި އަހަރު، ކޮންމެ ގޮތެއް ހަދާފައި ނަމަވެސް، ފަތްޖެހޭ ފޯނެއް ތައާރުފުކުރުމަކީ ސެމްސަންގް ކުރަން ބޭނުންވާ ކަމެކެވެ. ސެމްސަންގުން ބުނި ގޮތުގައި މި އަހަރު ނިމުމުގެ ކުރިން މި ކަހަލަ ފޯނެއް ތައާރުފުކުރާނެ އެވެ. އަދި އެއީ ބަރާބަރަށް މަސައްކަތްކުރާ ފޯނަކަށް ވެސް ވާނެ އެވެ.
ސްމާޓްފޯނެއް ސްކްރީންއާ އެކު ފަތްޖަހާލެވޭ ގޮތަށް ޑިޒައިންކުރުމަށްޓަކައި ވާވޭގެ އިންޖިނޭރުން ކިތަންމެ ރެއަކު ނިދި ނަގާލާފައިވާ ކަމަށް ވެ އެވެ. އެ މީހުން ބޭނުންވަނީ މި މަސައްކަތުގައި އެހެން އެއްވެސް ކުންފުންނަކަށް ވުރެ ކުރި ހޯދުމެވެ. ސެމްސަންގް ބުނީ ލާހިކެއް ނޫން ކަމަށެވެ.
ސްމާޓްފޯނެއް ފަތްޖަހާލުމުން އޮންނާނެ ސިފައެއް އަދި ނޭގެ އެވެ. ސަބަބަކީ، އޯލެޑް ސްކްރީނެއް ފަތްޖަހާލާފައި އޮންނައިރު، އޭގެ އަސްލު ތަސައްވުރުކުރެވިފައި ނުވުމެވެ. ސެމްސަންގް ބުނާ ގޮތުގައި އެންމެ ބުރަ މަސައްކަތަކީ ވެސް، ދެމެހެއްޓެނިވި ގޮތުގައި އޯލެޑް ސްކްރީން މަޅާލައި ފަތްޖެހުމެވެ.
އިންޓަނެޓް ޚަބަރުތައް ބުނާ ގޮތުގައި، ފަތްޖަހާލެވޭ ފޯނާ ބެހޭ ގޮތުން "ސެމްސަންގް ޑިވެލޮޕާސް ކޮންފަރެންސް 2018" ގައި ގިނަ ވާހަކަތަކެއް ދެކެވޭނެ އެވެ. އެ ކޮންފަރެންސް އޮންނާނެ ކަމަށް ބެލެވެނީ ނޮވެމްބަރު 7-8 ގަ އެވެ. މި ބުނާ ކަހަލަ ފޯނެއް ތައާރުފުކުރުމަކީ މި ކޮންފަރެންސްގައި ސެމްސަންގުން ކޮށްފާނެ ކަމެއް ކަމަށް ބެލެވޭ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.