ކަރެކްޝަންސްގެ މުވައްޒަފުންނަށް ދިން ޕްރޮމޯޝަން ބާތިލުކުރުމަށް ކޯޓަށް
ކަރެކްޝަންސްގެ މުވައްޒަފުންނަށް ދިން ޕްރޮމޯޝަން ބާތިލުކުރުމަށް ކޯޓަށް

ކަރެކްޝަނަލް ސާވިސް އިން މިދިޔަ އަހަރު މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ، އޭރު ދިން ޕްރޮމޯޝަންތައް ބާތިލްކޮށް ދިނުމަށް އެދި ސިވިލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

ކަރެކްޝަންސްގެ މުވައްޒަފުންތަކެއްގެ ފަރާތުން މި މައްސަލަ މިދިޔަ މަހު އެ އިދާރާ އަށް ސިޓީއަކުން ހުށަހެޅި އެވެ. ހަތް ދުވަހުގެ ތެރޭގައި ޖަވާބެއް ދޭން އެ ސިޓީގައި އެދިފައިވެ އެވެ.

އެ ގޮތުން ވެސް ހައްލެއް ނުލިބުމުން މިއަދު ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި ކަރެކްޝަންސްގެ މުވައްޒަފުންނަށް މިދިޔަ އަހަރު މަގާމުގެ ކުރިއެރުން ދިނީ ކަމާ ބެހޭ ގަވާއިދުގައިވާ އިޖުރާއާތުތައް ފުރިހަމަ ނުކޮށެވެ. އެކަން ކޮށްފައި ވަނީ ވަކި ބައެއްގެ މަސްލަހަތަށް ބަލައިގެންކަން ފާހަގަ ކުރެވިފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

ޕްރޮމޯޝަން ދިނުމުގައި ހުރި މައްސަލަތަކުގެ ތެރޭގައި:

- ޕްރޮމޯޝަންގެ ކަންކަން ބަލަހައްޓަން ހަތް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލަން ގަަވާއިދުގައި އޮއްވައި، އަށް މެމްބަރުންގެ ކޮމިޓީއަކުން އެކަން ކުރުން.

- ޕްރޮމޯޝަނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުރިހާ މުވައްޒަފުންނަށް ހުޅުވައި ނުލުން.

- ޝަރުތު ފުރިހަމަ ނުވާ މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުން.

- އަހުލާގީ މައްސަލަތައް ހުރި ބައެއް މީހުންނަށް ޕްރޮމޯޝަން ދޭން ގަސްދުގައި ރެކޯޑު ފޮހެލުން.

އެހެންވެ، ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ މިދިޔަ މަހު ދިން ޕްރޮމޯޝަން ބާތިލުކޮށް، ގަވާއިދާ އެއްގޮތަށް އަލުން ޕްރޮމޯޝަންގެ ކަންކަން ކުރި އަށް ގެންދަން ކަރެކްޝަންސް އަށް އެންގުމަށެވެ.

ޕްރޮމޯޝަންގެ އިތުރުން ވެސް ކަރެކްޝަންސްއާ ގުޅުން ހުރި ބައެއް މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. އެ ގޮތުން، މާފުށީ ޖަލުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން އޮރިޔާން ކޮށްގެން ބަލައި ފާސްކުރާ ކަމަށް ބުނެ އެ މައްސަލަ ބަލައި ހުއްޓުވައިދޭން އެދި އަނެއްކާ ވެސް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ވަނީ ހުށަހަޅާފަ އެވެ.