09 ސެޕްޓެމްބަރ 2018 - 14:42

މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި، ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ބޭރު ގައުމުތަކުގައި، ވޯޓު ލުމަށް ހަމަޖެހިފައިވާ ވަގުތުތައް އާންމުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ އިންޑިއާ، ސްރީލަންކާ، އިނގިރޭސި ވިލާތް އަދި މެލޭޝިއާގައި ވޯޓު ލުން އޮންނާނީ ވަކި ގަޑިތަކެއްގަ އެވެ.
އެ އިއުލާނުގައިވާ ގޮތުން މެލޭޝިޔާގެ ކުއާލަ ލަމްޕޫރްގައި ބަހައްޓާ ފޮއްޓަށް ވޯޓު ލުން އޮންނާނީ މެލޭޝިޔާ ގަޑިން އެ ދުވަހު ހެނދުނު 11:00 އިން ރޭގަނޑު 7:00 އަށެވެ. އިނގިރޭސި ވިލާތުގެ ލަންޑަންގައި އެ ތަނުގެ ގަޑިން ހެނދުނު 9:30 އިން ހަވީރު 5:30 އަށެވެ.
ސްރީލަންކާގެ ކޮލޮމްބޯގައި ލަންކާ ގަޑިން ހެނދުނު 8:30 އިން ހަވީރު 4:30 އަށެވެ. އަދި އިންޑިއާގެ ޓްރިވެންޑްރަމުގައި އެ ތަނުގެ ގަޑިން ހެނދުނު 8:30 އިން ހަވީރު 4:30 އަށް ވޯޓު ލުން އޮންނާނެ ކަމަށް އީސީން ބުނެ އެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 262،135 މީހުންނަށް ލިބިފައިވެ އެވެ. ރިޔާސީ އިންތިޚާބު މޮނިޓަ ކުރަން 10،506 މޮނިޓަރުން ބައިވެރިވާނެ އެވެ. އަދި އޮފިޝަލުންގެ ގޮތުގައި 1،895 މީހުން ހަރަކާތްތެރިވާނެ އެވެ.