09 ސެޕްޓެމްބަރ 2018 - 13:31

ކުރީގެ އިންތިޚާބުތަކުގައި އަމަލުކުރި ގޮތާ ޚިލާފަށް މިމަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެއްވެސް ކަމެއް ކުރަން ނިންމާފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅިގެން ހަގީގަތާ ޚިލާފަށް ވާހަކަތަކެއް ފަތުރަމުންދާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވެސް އަމަލުކުރާނީ ގާނޫނު އަސާސީ އާއި ކަމާބެހޭ ގާނޫނުތަކާއި 2013 ގެ ރިޔާސީ އިންތިޚާބާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ. އަދި މިފަހަރު ވެސް އަމަލުކުރާނީ ކުރީގެ އިންތިޚާބުތަކުގައި އަމަލުކުރި ގޮތަށް ކަމަށް އެ ބަޔާނުގައިވެ އެވެ.
"އިންތިޚާބުގެ ކަންކަން ކުރުމުގައި، ފާއިތުވެދިޔަ އިންތިޚާބުތަކުގައި ކަންކަން ކޮށްފައިވާ ގޮތާ ޚިލާފަށް އެއްވެސް ކަމެއް ކުރުމަށް މި ކޮމިޝަނުން ރާވާފައެއް ނުވާނެ އެވެ،" އެ ބަޔާނުގައިވެ އެވެ.
އެގޮތުން ވޯޓު ގުނުމާއި ނަތީޖާ އިއުލާން ކުރުމުގައި ވެސް އަމަލުކުރާނީ އިންތިޚާބުތަކާ ބެހޭ ގާނޫނާ އެއްގޮތަށް އަދި ކުރީގެ އިންތިޚާބުތަކުގައި ވެސް އަމަލުކުރި ގޮތަށް، ކަމަށް އެ ބަޔާނުގައިވެ އެވެ. އެ ބަޔާނުގައިވާ ގޮތުން ވޯޓުލާ މަރުކަޒުގައި ވޯޓު ގުނުމަށް ފަހު ނަތީޖާ ޝީޓްގައި ސޮއިކޮށް، ވަގުތުން ނަތީޖާ އިއުލާން ކުރުމުގެ އިތުރުން ނަތީޖާ ޝީޓް އެތަނެއްގައި އާންމުކޮށް ފެންނަ ގޮތަށް ބަހައްޓާނެ އެވެ.
އިންތިޚާބުގެ ކަންކަމުގައި ހަރަކާތްތެރިވާ އޮފިޝަލަކަށް ވުމަށް ފޯމް ހުށަހަޅާފައި ނުވާ އަދި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މީހުން އުޅެމުންދާ ކަމަށް ބުނެ އަމާޒުވެފައިވާ ފާޑުކިޔުމާ ގުޅިގެން އެ ބަޔާނުގައި ބުނީ ފޯމް ހުށަހަޅާފައި ނެތް އެއްވެސް މީހަކު އޮފިޝަލެއްގެ ގޮތުގައި ނުހުންނާނެ އެވެ. އެއިން ކޮންމެ މީހަކީ ވެސް ވަކިން އިންޓަވިއުކުރުމަށް ފަހު އޮންނަ އުސޫލުގެ ތެރެއިން ނަގާފައިވާ މީހުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި އުސޫލާ ޚިލާފަށް އޮފިޝަލުން ނެގި ކަމުގެ ޝަކުވާއެއް ރަސްމީ ގޮތަކުން އެ ކޮމިޝަނަށް ލިބިފައެއް ނެތް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"އެފަދަ ޝަކުވާއެއް ހުށަހެޅިއްޖެ ނަމަ، އެ މައްސަލައެއް ބެލުމަށް ފަހު ފިޔަވަޅު އަޅާނެ،" އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ބައެއް މަރުކަޒުތަކަށް އެއް ފޮއްޓަށް ވުރެ ގިނަ ފޮށި ފޮނުވާފައިވާ މައްސަލައާ ގުޅިގެން އެ ބަޔާނުގައިވާ ގޮތުން ވޯޓު ފޮށި ފޮނުވަނީ ވޯޓުލާ މީހުންގެ ނިސްބަތަށް ބެލުމަށް ފަހު އެވެ. ކުރީގެ އިންތިޚާބުތަކުގައި ވެސް 600 އަށް ވުރެ މަދު މީހުން ވޯޓުލާ ތަންތަނަށް ކުޑަ އެއް ފޮށި ފޮނުވާއިރު، 600 މީހުންނާއި 1،000 މީހުންނާ ދެމެދުގެ އަދަދަށް ވޯޓުލާ މީހުން އުޅޭ ތަންތަނަށް ކުޑަ ދެ ފޮށި ފޮނުވުމުގެ އިތުރުން 1،000 އަށް ވުރެ ގިނަ މީހުން ވޯޓުލާ ނަމަ ބޮޑު އެއް ފޮށްޓާއި ކުޑަ ފޮށްޓެއް ފޮނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްޓަކައި އެ ކޮމިޝަނުން ދޭ ގަލަމަކީ ދެލި ފޮހެވޭނެ ގަލަމެއް ނޫނެވެ. އަދި ވޯޓުލާން އަންނައިރު އާދައިގެ ގަލަމެއް އަމިއްލަށް ގެނައުމަކީ ކުރެވިދާނެ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތާ ދެކޮޅަށް ސައްހަ ނޫން މައުލޫމާތު ފަތުރަމުންދާ ކަމަށާއި އެފަދަ ކަންކަން ނުކުރަން އިލްތިމާސް ކުރާ ކަމަށެވެ. އަދި ކޮމިޝަންގެ ބަހެއް ނެތި، އެއްވެސް ފަރާތަކުން ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް ވެސް އެ ބަޔާނުގައި އެދިފައިވެ އެވެ.