ތަހުގީގަށް "ފިލައިގެން" އުޅޭ މީހުން ވޯޓުލާން ޖެހޭނީ ރަޖިސްޓްރީ އޮތް ތަނަކަށް!
ތަހުގީގަށް "ފިލައިގެން" އުޅޭ މީހުން ވޯޓުލާން ޖެހޭނީ ރަޖިސްޓްރީ އޮތް ތަނަކަށް!

މި މަހު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓުގައި، ފުލުހުން ހިންގާ ތަހުގީގުތަކަށް "ފިލައިގެން" އުޅޭ ބަޔަކު އެބަތިބި ކަމަށް އަންގާފައިވާތީ، އެ މީހުން ވޯޓުލާ ގޮތަށް ހަމަޖައްސާފައި ވަނީ ރަޖިސްޓްރީ އޮތް ތަނަކަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

މީގެ ތެރޭގައި ހިމެނެނީ، އެނގިފައިވާ ގޮތުގައި، ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ބައެކެވެ. އެކަމަކު، އެއީ ކިހާ އަދަދެއް ކަން އަދި ކޮން ކުށްތަކެއްގައި ހިމެނޭ ބައެއް ކަން ވެސް ސާފެއް ނުވެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ، ފުލުހުން ކުރަމުން ދާ ސީރިއަސް ތަހުގީގުތަކަކަށް ފިލައިގެން އުޅޭ ބަޔަކު ރާއްޖެ އިން ބޭރުގައި ތިބި ކަން އެ ކޮމިޝަނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެހެންވެ އެ މީހުން ވޯޓުލާ ގޮތަށް ހަމަޖައްސާފައި ވަނީ ރަޖިސްޓްރީ އޮތް ތަނަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަނުން ހޯދަން ޖެހޭ ގާނޫނީ ލަފާ ހޯދުމަށް ފަހު، ގާނޫނީ އިމުގެ ތެރެއިން އެކަން ކޮށްފައި ވާނީ،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މީހުން، ރާއްޖޭގެ ފޮއްޓެއްގައި ވޯޓުލާ ގޮތަށް ރީ ރަޖިސްޓްރީ ކުރަން ފުރުސަތު ވެސް ހުޅުވާލި އެވެ. އެ ފުރުސަތުގައި ރީރަޖިސްޓްރީ ނުކުރާ މީހުން ވޯޓުލާން ޖެހޭނީ ދާއިމީ އެޑްރެސް އޮތް ތަނަކަށް ކަމަށް ވިދާޅުވި އެވެ.

"އެއްވެސް ރައްޔިތަކު ވޯޓުލުމުގެ ހައްގުން މަހްރޫމެއް ނުކުރަން އެ މީހުން ރަޖިސްޓްރީ އޮތް ތަނަކަށް ވޯޓުލެވޭ ގޮތަށް ހެދީ."

ތަހުގީގަށް ފިލި ބައަކު ވޯޓާސް ލިސްޓުގައި ތިބިކަން އީސީ އަށް އެންގިއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެންނާއި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން، ރަސްމީ ލޯންޗުކޮޅު ގޮއްވާލި މައްސަލައިގައި ހިމެނޭ ބަޔަކު ރާއްޖެ އިން ބޭރަށް ދިޔަ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އޭގެތެރެއިން ބައެއް މީހުން ހޯދަން ރެޑް ނޯޓިސް ނެރުނުއިރު، ތަހުގީގަށް ޖަވާބުދާރީވާން ރާއްޖެ އައުމަށް ވެސް ބައެއް މީހުންނަށް އަންގާފައިވެ އެވެ.

އެކި ހުކުމްތަކުގައި ތިއްބެވުމަށް ފަހު ރާއްޖެ އިން ބޭރަށް ވަޑައިގެން ސިޔާސީ ހިމާޔަތް ހޯއްދެވި ބޭފުޅުންނަށް ވެސް މި އިންތިޚާބުގައި ވޯޓު ނުލެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އޭގެތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހިމެނިވަޑައިގަންނަވަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި، އެ ދެ ބޭފުޅުންނަކީ ވެސް ހުކުމް ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅުންނަށްވާތީ، ވޯޓުލާން ޖެހޭނީ ޖަލު ފޮއްޓަށެވެ.