09 ސެޕްޓެމްބަރ 2018 - 13:49

މި މަހު 23ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ލަންޑަންގައި ވޯޓުލާ ގޮތަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ފޯމް ހުށަހެޅުއްވުމުން އެ ގޮތަށް ރަޖިސްޓްރީ ކޮށްދިނުމަށް ފަހު، ޝަކުވާ ހުށަހެޅުމުގެ މުއްދަތު ފާއިތުވި ފަހުން، ފުވައްމުލަކުގައި ވޯޓުލާ ގޮތަށް ބަދަލުކޮށްފައިވާ ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކަށް އުފަން، ޖަމީލް މިހާރު ދިރިއުޅުއްވަނީ ލަންޑަންގަ އެވެ. އެއީ، ނައިބު ރައީސް ކަމުގެ މަގާމުން އެ މަނިކުފާނު ދުރުކޮށް، ސަރުކާރުން ކުރި ތުހުމަތުތަކާ އެކު އަމިއްލަ އަށް އަރުވާލެއްވިގެންނެވެ.
ޖަމީލް "މިހާރު" އަށް ވިދާޅުވީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވުމާއެކު އެ މަނިކުފާނު ފޯމު ހުށަހެޅުއްވީ ލަންޑަންގައި ވޯޓުލާ ގޮތަށެވެ. އިލެކްޝަނުން ފުރަތަމަ ރަޖިސްޓްރީކޮށްދީފައި އޮތީ ވެސް އެ ގޮތަށް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އިހައް ދުވަހު ޗެކް ކުރި އިރު އޮތީ، ފުވައްމުލަކަށް ވޯޓުލާ ގޮތަށް ބަދަލުކޮށްފައި. އޭރު މި އޮތީ، ރީރަޖިސްޓްރޭޝަންގެ ޝަކުވާ ހުށަހެޅުމުގެ މުއްދަތު ވެސް ބަންދުވެފައި،" ޖަމީލް ވިދާޅުވި އެވެ.
މި މައްސަލަ އިލެކްޝަނަށް ހުށަހަޅައި ހައްލު ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގެ މިނިވަންކަމާއި ވޯޓު ލުމުގެ ހައްގު ގެއްލޭ ގޮތަށް ސަރުކާރުން ކަންކަން ކުރަމުން ދާ އިރު، ފަހު ވަގުތު ފުވައްމުލަކު ފޮއްޓަށް ވޯޓުލާ ގޮތަށް ބަދަލު ކުރުމަކީ "އަނެއްކާ ވެސް ހައްގެއް ނިގުޅައިގަތުން" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވައްދައި، ނައިބު ރައީސް ކަމުން ވަކިކުރީ ވެސް ގާނޫނާ ޚިލާފަށް ކަން ފާހަގަ ކުރައްވައި ވިދާޅުވީ އެ ހިސާބުން ފެށިގެން އެ މަނިކުފާނުގެ ވަރަށް ގިނަ ހައްގުތަކަށް މި ސަރުކާރުން އަރައިގަނެފައިވާ ކަމަށެވެ. އެންމެ ފަހު ހައްގަކަށް، އޮތީ ވޯޓު ލުމުގެ ހައްގު ކަމަށާއި އެ ހައްގު ނިގުޅައިގަންނަ ގޮތަށް ކަންކަން ކުރަމުންދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
"ހައްގުތައް ނިގުޅައިގަނެ، މަހްރޫމްކުރަމުން ގޮސް، އެންމެ ފަހުން އޮތް ވޯޓުލުން ހައްގު ވެސް ނިގުޅައިގަންނަ ގޮތަށް އަމަލުތައް މި ހުރީ،" ޖަމީލް ވިދާޅުވި އެވެ.
ޖަމީލްގެ ޝަކުވާއާ ގުޅޭ ގޮތުން ސުވާލު ކުރުމުން، އެކަމުގެ ތަފްސީލް ނުދެއްވައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ، ތަހުގީގަށް ފިލައިގެން އުޅޭ ބައެއްގެ ނަންތައް ވޯޓާސް ލިސްޓުން އުނިކޮށްފައިވާނެ ކަމަށާއި އެއީ ފުލުހުން އެދިގެން ކަމަށް ވެސް ވިދާޅުވި އެވެ.
އަކްރަމް އެހެން ވިދާޅުވި ނަމަވެސް، ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުން ނަން އުނިކުރުމަށް އެދުމުގެ ބާރެއް އެއްވެސް ގާނޫނަކުން ފުލުހުންނަށް ދީފައެއް ނުވެ އެވެ. އަދި ފުލުހުންގެ އެދުމަކަށް، ވޯޓާސް ލިސްޓުން ނަން އުނިކުރުމުގެ ބާރު އިލެކްޝަނަށް ވެސް އެއްވެސް ގާނޫނަކުން ދީފައެއް ނުވެ އެވެ.
ޖަމީލްއާ ގުޅުން ހުރި ތަހުގީގެއް ފުލުހުން ހިންގި އެވެ. އެއީ، ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން އދ. މާމިގިލީ ކޯޓުން އަމުރެއް ނެރުނު މައްސަލައިގައި އެ މަނިކުފާނުގެ ބައިވެރިވުމެއް ހިމެނޭ ކަމަށް ތުހުމަތުކޮށެވެ. އެ ތުހުމަތު ޖަމީލް ދޮގު ކުރައްވާފައިވީ ނަމަވެސް ތަހުގީގަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ފުލުސް އޮފީހަށް ހާޒިރުވާން އެ މަނިކުފާނަށް އޮތީ އަންގައިފަ އެވެ.
އޭގެ ފަހުން އެމަނިކުފާނު ހައްޔަރުކުރަން ކޯޓު އަމުރެއް ވެސް ފުލުހުން ހޯދި އެވެ.
ކްރިމިނަލް ކޯޓުން އަމުރު ނެރުނީ، ފުލުހުން ބުނެފައިވާ ގޮތުގައި، ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރެފައިވާކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލައިގެ ތަހުގީގަށް ހާޒިރުވާން ދިން މުއްދަތުގައި ޖަމީލް އެކަން ނުކުރެއްވުމުން ތަހުގީގު ފުރިހަމަ ކުރުމަށެވެ.