ކެރިއަރު ނިންމާލާނީ އެމެރިކާގައި: ގްރިޒްމަން
ކެރިއަރު ނިންމާލާނީ އެމެރިކާގައި: ގްރިޒްމަން

މެޑްރިޑް (ސެޕްޓެމްބަރު 9) – ކެރިއަރު ނިންމާލަން ބޭނުންވަނީ އެމެރިކާގެ މޭޖާ ލީގުގައި ކަމަށާއި ޑޭވިޑް ކްލަބް އެދިއްޖެ ނަމަ ކުޅޭނީ އޭނާގެ ކްލަބަށް ކަމަށް އެތުލެޓިކޯ މެޑްރިޑުގެ ފޯވާޑް އެންޓޮއިން ގްރިޒްމަން ބުނެފި އެވެ.

އުމުރުން 27 އަހަރުގެ ކުޅުންތެރިޔާގެ ކުރިމަތީގައިި ދިގު ކެރިއަރެއް އަދި އޮތް ނަމަވެސް މިހާރު ވެސް އޭނާ އަންނަނީ އެމެރިކާ ލީގާ މެދު ވިސްނަމުންނެވެ. ލީގުގައި 2020 ވަނަ އަހަރު ވާދަކުރަން ތައްޔާރުވަމުން އަންނަ އިންޓަ މަޔާމީގެ ހިއްސާ އޮންނަ ބެކަމް އަކީ އެ ލީގު މަޝްހޫރު ކުރި ކުޅުންތެރިޔާ އެވެ. އޭނާ 2007 ވަނަ އަހަރު މޭޖާ ލީގުގެ ލޮސް އެންޖެލްސް ގެލެކްސީއާ ބަދަލުވި ހިސާބުން ފެށިގެން މަޝްހޫރު ގިނަ ކުޅުންތެރިން ކެރިއަރުގެ ފަހުކޮޅު އިހުތިޔާރުކުރާ ލީގަކީ އެއީ އެވެ.

"އަހަރެންގެ ކެރިއަރު ނިންމާލަން ބޭނުންވަނީ އެމެރިކާގައި. އެކަމަކު އަދި ނޭގޭ އެއީ މަޔާމީގައި ކަމެއް ނުވަތަ ލޮސް އެންޖެލްސްގައި ކަމެއް. ބެކަމް އޭނާގެ ކްލަބަށް އަހަރެން ބޭނުންވާ ނަމަ ދާނަން،" ގްރިޒްމަން ބުންޏެވެ.

ފްރާންސާ އެކު މި އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ގްރިޒްމަން ގެންދަން ބާސެލޯނާ އިން މި ސީޒަނުގައި ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ. ބެލެވޭ ގޮތުގައި އެމެރިކާ އަށް މިސްރާބު ޖެހުމުގެ ކުރިން އޭނާ ޔޫރަޕުގެ ވަރުގަދަ އެހެން ކްލަބަކަށް އަދި ކުޅޭނެ އެވެ.