10 ސެޕްޓެމްބަރ 2018 - 09:06

އުމުރުން ކިތަންމެ ދުވަސް ވިޔަސް އެމެރިކާގެ ލަވަކިޔުންތެރިޔާ ޝާގެ މަސައްކަތަކަށް ހުއްޓުމެއް ނެތެވެ. އުމުރުން 72 އަހަރުގެ ލަވަކިޔުންތެރިޔާގެ އާ އަލްބަމް "ޑާންސިން ކްއީން" މި މަހުގެ 28 ގައި ނެރެން ނިންމާފައި ވަނިކޮށް، އޭނާގެ އާ ޓުއާ ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
"ދި އެލެން ޑެޖެނެރެސް ޝޯ" ގައި ޝާ ބުނި ގޮތުގައި "ހިއާ ވީ ގޯ އެގެއިން" ޓުއާ އޭނާ ފަށާނީ އަންނަ ޖެނުއަރީ މަހުގެ މެދުތެރޭގަ އެވެ. ޓުއާ އަށް ނަން ދީފައި ވަނީ އޭނާ ވެސް މުހިއްމު ރޯލެއް ކުޅެ، ދާދި ފަހުން ނެރުނު ފިލްމް "މާމާ މިއާ! ހިއާ ވީ ގޯ އެގެއިން" ގެ ނަމާ ގުޅުވައިގެންނެވެ.
މިއީ ގާތްގަނޑަކަށް ފަސް އަހަރު ފަހުން ޓުއާއަކަށް ޝާ ނުކުންނަ ފުރަތަމަ ފަހަރެވެ. އޭނާ އެންމެ ފަހުން ބޭއްވި ޓުއާއަކީ 2014 ގެ "ޑްރެސްޑް ޓް ކިލް" ޓުއާ އެވެ.
ޝާ ބުނި ގޮތުގައި ޓުއާގެ ފުރަތަމަ ލެގް ޖެނުއަރީ މަހުގެ 17 އިން ފެށިގެން މެއި މަހުގެ 18 އާ ހަމައަށް އެމެރިކާގެ އެކި ސިޓީތަކުގައި ކުރިއަށް ދާނެ އެވެ. "ހިއާ ވީ ގޯ އެގެއިން" ޓުއާގެ ޓިކެޓް އަންނަ ހުކުރު ދުވަހުން ފެށިގެން ވިއްކަން ފަށާނެ އެވެ.
ޒަމާންގަނޑަކަށް ފަހު އަލުން ޓުއާއަކަށް ނުކުންނަން ނިންމާފައިވާތީ އެލެން ވަނީ މީގެ 15 ވަރަކަށް އަހަރު ކުރިން ޝާ ވަދާއީ ޓުއާއެއް ބޭއްވިކަން ވެސް ހަނދާންކޮށް ދީފަ އެވެ. އެ ވާހަކަ އަށް އިޝާރާތްކޮށް އޭނާ ބުނީ "އަހަންނަކީ ވެސް އަލް ޕަޗީނާ ކަހަލަ ފަންނާނެއް" ކަމަށެވެ.
"ހުއްޓާލަން ބުނެފައި ވިޔަސް، ހުއްޓާލެވޭ ގޮތެއް ނުވޭ، އެއީ ކަންކަނޭނގޭ އުމުރުން ދުވަސްވާ ވަރަކަށް ދިމާވާ މައްސަލައަކީ،" ސަމާސާ ރާގަކަށް ޝާ ބުންޏެވެ.
ޝާ ވަނީ މިހާތަނަށް ޖުމްލަ 25 އަލްބަމް ނެރެފަ އެވެ. އޭނާ ފަހުން ނެރުނީ 2013 ގެ "ކްލޯޒާ ޓް ޓްތުރު" އެވެ.