09 ސެޕްޓެމްބަރ 2018 - 10:56

ލަންޑަން (ސެޕްޓެމްބަރު 9) – ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ވާދަކޮށް ރަނގަޅު ފޯމެއްގައި އޮތް އިންގްލެންޑް ޔުއެފާ ނެޝަނަލް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ރޭ ސްޕެއިން އަތުން 2-1 އިން ބަލިވެއްޖެ އެވެ.
މިއީ 2007 ވަނަ އަހަރު ޔޫރޯ ކޮލިފައިންގައި ކްރޮއޭޝިއާ އަތުން ބަލިވި ފަހުން ވެމްބްލީ ސްޓޭޑިއަމުގައި ވާދަވެރި މެޗަކުން އިންގްލެންޑް ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ ކޯޗު ގަރެތު ސައުތުގޭޓުގެ ކޯޗުކަމުގައި އެ ޓީމު އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ މެޗު ވެސް މެ އެވެ.
ރޭގެ މެޗު ފެށުމުގެ ކުރިން އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭންއާ ވަނީ އޭނާ ވޯލްޑް ކަޕުގައި ހާސިލްކުރި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ، ރަންބޫޓް އެވޯޑް ހަވާލުކޮށްފަ އެވެ.
މެޗުގެ 11 ވަނަ މިނެޓުގައި ލުކް ޝޯ ތަނަވަސްކޮށްދިން ފުރުސަތަކުން ޒުވާން ފޯވާޑް މާކަސް ރަޝްފޯޑް ގޯލް ޖަހައި އިންގްލެންޑަށް އުއްމީދީ ފެށުމެއް ހޯދައިދިނެވެ. އެކަމަކު ލީޑު ހިފެހެއްޓުނީ ދެ މިނެޓަށެވެ. ސައުލް ނިގުއޭޒް ވަނީ ސްޕެއިނަށް ހަމަހަމަކޮށްދީފަ އެވެ. އަދި ތިއާގޯ އަލްސަންޓްރާ ދިން ބޯޅައަކުން 32 ވަނަ މިނެޓުގައި ރޮޑްރިގޯ ގޯލް ޖަހައި ސްޕެއިނަށް ކުރި ހޯދައިދިނެވެ.
މެޗުގެ ފަހުބައިގައި އިންގްލެންޑުގެ ޑެނީ ވެލްބެކް ގޯލް ޖެހި ނަމަވެސް ރެފްރީ އެ ލަނޑު ގަބޫލެއް ނުކުރި އެވެ. ވެލްބެކް ބޮލުން ޖަހަން ތައްޔާރުގައި ހުއްޓާ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާ ފުންމައިގެން އަރައި އެ ބޯޅަ ހިފި ނަމަވެސް އޭނާ، ތިރިވި ވަގުތު ވެލްބެކްގެ ގައިގައި ޖެހި އެ ބޯޅަ ޑެހެއާ އަތުން ދޫވީ އެވެ. އެ ބޯޅަ އޭނާ ވަގުތުން ގޯލަށް ވައްދާލި އެވެ. ފެންނަ ފެނުމަށް މި ގޯލް ޖެހުމުގައި ވެލްބެކް ފައުލްކޮށްފައެއް ނުވެ އެވެ.
ރޭގެ މޮޅަކީ ސްޕެއިނުގެ އާ ކޯޗު ލުއިސް އެންރިކޭ އެ ޓީމު އަލުން ބިނާކުރަން ފެށި މަސައްކަތަށް ލިބުނު ކުރިއެރުމެކެވެ. ވޯލްޑް ކަޕް ބޯމަތީގައި އޮއްވާ، ރެއާލް މެޑްރިޑާ ހަވާލުވާން އެއްބަސްވުމުން ހުލެން ލޮޕެޓީގް ވަކިކުރުމަށް ފަހު ވޯލްޑް ކަޕުގައި ސްޕެއިން ހަވާލުކުރީ ފެނާންޑޯ ހިއެރޯއާ އެވެ. އެ ޓީމު އެ މުބާރާތުން ކެޓީ ދެ ވަނަ ބުރުގައި ރަޝިއާ އަތުން ބަލިވެގެންނެވެ. އެކަމަކު ރޭގެ މެޗުގައި އެ ޓީމުގެ ފަރާތުން އުއްމީދުގެ ކުލަވަރުތައް ފެނުނެވެ.