09 ސެޕްޓެމްބަރ 2018 - 11:57

ކ. މާފުށީ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް، މުހައްމަދު އަލްތާފު އަލީ ހޮވައިފި އެވެ.

މިިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި އެ ސްކޫލުގެ މިދިޔަ އަހަރު އިނާމު ދިނުމުގެ ހަފުލާގައި އަލްތާފަށް އިނާމު ހަވާލުކޮށްދެއްވީ ދިވެހި ބަހުގެ އެކަޑެމީގެ ރައީސް އަޝްރަފު އަލީ އެވެ.

އޭނާ ވަނީ އޯ ލެވެލްގައި ފަސް މާއްދާއިން އޭ ސްޓާ އާއި އެއް މާއްދާއިން އޭ އަދި ދެ މާއްދާއިން ބީ ހޯދައިގެން ގައުމީ ގަދަ 10ގެ ހަ ވަނައިގައި ހިމެނިފަ އެވެ. ސީއެޗްއެސްއީގައި ގްރޭޑް 11 ކިޔަވަމުން އަންނަ އަލްތާފަކީ މާފުށީ ސްކޫލުގެ މިދިޔަ އަހަރު ކެޕްޓަން ވެސް މެ އެވެ.

އެ ސްކޫލުގެ ޖަލްސާގައި އިނާމު ދީފައިވަނީ ގްރޭޑް އަށަކުން ފެށިގެން މަތީ ގްރޭޑުގެ ދަރިވަރުންނަށެވެ. އެގޮތުން ކްލާސް ޕްރައިޒާއި ޔުނީފޯމް ހަރަކާތްތަކުގެ އިތުރުން މިދިޔަ އަހަރު އެކި ވަނަތައް ހޯދި 25 ދަރިވަރަކަށް އިނާމު ދީފައި ވެ އެވެ.
ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އަށް ކިޔަވައިދެމުން އަންނަ ސްކޫލުގައި 386 ދަރިވަރުން އަންނަނީ މިހާރު ތައުލީމް ހާސިލްކުރަމުންނެވެ.