09 ސެޕްޓެމްބަރ 2018 - 10:09

ބުދަ ދުވަހާ ގުޅޭ
އޭނަ ދިގުކަމުން އެ ތަނުގައި ޖާގަ ނެތިގެން ޖެނީ ގުދުވިއެވެ. ފަންގިފިލާގައި ބުރިކަށި ޖެހިފައި އޮތްއިރު ޖެނީ އޮތީ ޝާޒްލީއާ ދިމާއަށް ގުދުވެގެންނެވެ. ޖެނީގެ ދެއަތް އޮތީ ޝާޒްލީގެ ފުރަގަހުން ތަޅުންގަނޑުގައި ޖެހިފައެވެ. ކުއްލިއަކަށް ސިއްސައިގެން ގޮސްފައި ސަކީނާއަށް ހޭލެވުނެވެ. ޝަހާދަތް ކިޔަންފެށިއެވެ. ގަޑި ބަލައިލިއިރު ދަންވަރު ދޭއްޖަހަނީއެވެ. ވާރެއެއް ނުވެހެއެވެ. ނުވެސް ގުގުރައެވެ. ސަކީނާ ތެދުވެގެން ގޮސް ގާދިރަށް ގޮވިއެވެ. ގާދިރަށް ދޮރު ހުޅުވުނީ އިރުކޮޅެއް ފަހުންނެވެ. އޭރު ވެސް ސަކީނާގެ މޫނުމަތިން ފެންނަންހުރި ހާސްކަމެއް ނުފިލައެވެ.
"ކިހިނެއްވީ؟" ގާދިރު އެހިއެވެ.
"ބިރުގަންނަ ހުވަފެނެއް ފެނުނީ. އެ ޖެނީ ގޭގެ ކުދިން ކައި ހުސްކޮށްފާނެ،" ސަކީނާ ބުންޏެވެ. "މީ ހޯމަ ވިލޭރޭ. ކޮންމެވެސް ޙަޤީޤަތެއް އޮންނާނެ. މާދަމާ އެއްކަލަ އިދުރީސް ގޮވައިގެން ޒޫނާ އުޅޭ ގެޔަށް ގޮސް.."
"ސަކީނާ!" ގާދިރު ކޮޓަރިން ނުކުންނަމުން ބުންޏެވެ. "އެއީ އަހަރުމެންގެ ބާރުފޯރާ ގެއެއް ނޫނޭ. އެހެންނޫނަސް އިދުރީސްގެ މަޝްވަރާ ވެސް ހޯދައިގެނެއްނު އެ ކައިވެނި ހަމަޖެއްސީ. އަނެއްކޮޅުން ފަންޑިތައަކީ ޒޫނާ ނުލާހިކު ދެކޮޅުހަދާ އެއްޗެއް. ސިއްރުން ވެސް ކަމެއް ކުރެވިދާނެ. އެކަމަކު ފަހުން އެ މަންޖެއަށް އެނގިއްޖެއްޔާޔޯ؟"
ސަކީނާ ވިސްނައިލިއެވެ. އެއްވެސް ފަންޑިތައެއްހެދުން ޒޫނާ އޮތީ މަނާކޮށްފައެވެ.
"އެހެންވިއްޔާ މާދަމާ ޒޫނާ މި ގެއަށް ގެނެސްބަލަ!" ސަކީނާ އެދުނެވެ. "ވަރިހަމަ ދެމަފިރިން ގެނަޔަސް. އެކަމަކު އެ ޖެނީ ނުގެންނާތި! އެ ގެއަށް ގޮސް ބުނެ މަންމަ ބުންޏޭ އައިސްބަލާށޭ!"
ހާސްވެފައި ހުރިވަރުން ސަކީނާ ދައްކާ ވާހަކަ ހަމަނުޖެހޭކަން ގާދިރަށް ފާހަގަކުރެވުނެވެ.
"އަހަރެން ނުދިޔަކަސް ސަކީނާ ގުޅާފަ ބުނީމަ އެ މަންޖެ އަންނާނެއްނު!" ގާދިރު ބުންޏެވެ.
ސަކީނާގެ އެހެން ބޭނުމެއް ވެސް އޮތެވެ. އެ ވާހަކަ ބުނީ ފަހުންނެވެ.
"އެހެންވިޔަސް ގާދިރު އެބަޖެހޭ ދާން،" ސަކީނާ ބުންޏެވެ. "ހުންނާނެ ފޯނުން ނޭނގޭ، ގޮސްގެން ނޫނީ ނުފެންނަ ކަހަލަ ކަންކަން. އެބަހުރި ގެންދަންޖެހޭ ތެއްލި ބަނބުކެޔޮ ދަޅެއް ވެސް."
ހެނދުނުގެ ވަގުތެވެ. ޖެނީ ކުޑަކުޑަ ފޮށްޓެއް ހުޅުވައިލިއެވެ. ފޮށި ހުޅުވައިލުމާއެކު މަޑުމަޑު މިޔުޒިކެއްޖެހެން ފެށިއެވެ. އެ ފޮށި ތެރޭގައި ހުރީ ގަހަނާއާއި އެ ކަހަލަ ކުދިކުދި ސާމާނެވެ. ޖެނީ ގާތުގައި ޖިނާ އިނެވެ. ފޮށި ހުޅުވައިދިނީ ޖިނާއެވެ.
"ލޯބި!" ޖެނީ ވަރަށް ހިނިއައިސްފައި ބުންޏެވެ.
"ބޭނުން؟" ޖިނާ ސުވާލުކުރިއެވެ.
ދެބަފައިން ތިބީ ބޮޑުކޮޓަރީގެ ސޯފާގައި އިށީނދެގެންނެވެ. އެ ވަގުތު ދޮރެއް ހުޅުވުނު އަޑު އިވުނެވެ. ޖިނާ ބަލައިލިއިރު ޒޫނާ ނުކުމެ ހުއްޓެވެ. އަޒީޒާ ވެސް ނުކުތެވެ. ދެމައިން ތިބީ ވަރަށް ނަލަހެދިގެންނެވެ.
"ނަލަހެދިގެން ކޮންދިމާއަކަށް ނައްޓާލަނީ؟" ޖިނާ އެހިއެވެ.
"މިދަނީ ކެވެލިކޮޅެއް ހައްދަން ދޭންވެގެން،" ޖަވާބުދިނީ ޒޫނާއެވެ. "މަންމަ ވެސް އެބަޖެހޭ ފިހާރަޔަކަށް ވަދެލަން."
އެ މީހުން ދިޔުމުން ގަހަނާފޮށި ތެރެއިން ރަން ފަށެއް ޖިނާ ނެގިއެވެ. އެއީ ރީތި ގެތުމަކުން ގަތައިފައިވާ، ދަޅަ ގަދަ، ފަލަ ފަށެކެވެ. ޖިނާ އެ ފަށް ޖެނީގެ ކަރުގައި ޖައްސައިލިއެވެ.
"ހާދަ ގުޅެއޭ!" ޖިނާ ބުންޏެވެ. "ހިނގާ އަޅަމާ!"
ކުއްލިއަކަށް މީހަކު އެ ފަށް ދަމައިގަތެވެ. ޖެނީ ދިޔައީ ސިއްސައިގެންނެވެ. ފަށް ދަމައިގަތީ ޝާޒްލީއެވެ.
"މީ އަހަރެންގެ އެއްޗެއް،" ރުޅިއައިސްފައި ޝާޒްލީ ބުންޏެވެ. "ބުނީމެއްނު މި ބޮކްސްއާ ނުކުޅެއްޗޭ!"
ޖެނީ ހިތުގައިޖެހުނެވެ. ޖިނާގެ ހިތުގައި ހީވީ ވަކިއެޅިހެންނެވެ.
"އެކަމަކު ތިވަރު އަރުވައިނުލިޔަސް ވެދާނެ،" ޖިނާ ރުޅިއައިސްފައި ބުންޏެވެ. "ޖެނީ ހަމައެކަނި ބަލައިލީއޭ."
ޝާޒްލީ އެ ފޮށި ޖަހައިގަތެވެ. ޖެނީ އެކައްޗެއް ވެސް ނުބުނެ އިނީއެވެ.
"ދެން މީގަ އަތްލައިފިއްޔާ.." ޝާޒްލީ އެ ހިސާބަށް ބުނެފައި ހުއްޓައިލިއެވެ.
ޖިނާ ފުންމައިގެން ތެދުވިއެވެ. ޝާޒްލީ ސިއްސައިގެންދިޔައެވެ. ޖެނީ އިސްޖަހައިލައިގެން އިނީއެވެ. ޝާޒްލީއަށް އެ ކުރެވުނީ ކިހާ ވަރެއްގެ ކަމެއްކަމާއި، އޭގެ ނަތީޖާ ކިހާ ހިތިވާނެކަން ޖެނީއަށް އެނގެއެވެ.
"ކީއްކުރާނީ؟" ޖިނާ ހަޅޭއްލަވައިގަތެވެ.
ޝާޒްލީގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. ދުވަހަކު ވެސް ބާރަށް އެއްޗެއް ނުބުނާ ބައްޕަޔަކު އެހާ ބާރަށް ހަޅޭއްލަވައިގަތުމުން ޝާޒްލީއަށް ހީވީ މޫނުމަތީގައި އެތިފަހަރެއް ޖެހިހެންނެވެ. ދެ ލޯ ބޮޑުކޮށްގެން ޖިނާއާ ދިމާއަށް ޝާޒްލީ ބަލަހައްޓައިގެން ހުއްޓެވެ.
"ތީ ކިހިނެއް ގެންގުޅެފަހުރި ކުއްޖެއް؟" ޖިނާ އެހިއެވެ. "އަދަބު އަޚުލާޤު ކިޔާ އަޑު އަހަންތަ؟ ކޮން ފާޑަކަށް ތި އުޅެނީ؟"
ޝާޒްލީ އަތުން ޖިނާ އެ ފޮށި ދަމައިގަތެވެ. ފަށް ވެސް ދަމައިގަތެވެ. ފަށުގައި ޝާޒްލީއަށް ހިފޭއްޓިފައި ހުރި ގޮތަކުން ފަށް ކަނޑައިގެންދިޔައެވެ. އެ މަންޒަރު ފެނިފައި ޝާޒްލީއަށް ވަރުގަދަ ޝޮކެއް ލިބުނެވެ. ރަށް ފަށެއް ވީމައި އެކަންޏެއް ނޫނެވެ. އުފަންދުވަސް ފާހަގަކުރި ފަހަރަކު ބައްޕަ ދީފައިވާ ހަދިޔާއަކަށް ވީތީއެވެ.
"އަހަރެންތަ ޑެޑީތަ ފާޑަކަށް އުޅެނީ؟" ޝާޒްލީގެ ރުޅިގަނޑު ކޮންޓުރޯލުން ނެއްޓިއެވެ. "ޑެޑީއަށް މިހާރު މި ޖިންނިގަނޑު ވަރެއް ނެތް."
ޖިނާގެ އަތް ޚަރަކާތްކުރި ގޮތް ޚުދު ޖިނާއަށް ވެސް ނޭނގެއެވެ. ޝާޒްލީގެ މޫނުމަތީގައި އެތިފަހަރެއް ޖެހުނެވެ. އެ ފަހަރު ޖެނީ ސިއްސައިގެންދިޔައެވެ. ޝާޒްލީ ރޮމުންރޮމުން ގޮސް ކޮޓަރިއަށް ވަނެވެ. އަތް އިސްކުރުމަކީ ޖިނާ ކުރަން ވިސްނައިގެން ހުރި ކަމެއް ނޫނެވެ. ބޭއިޚުތިޔާރުގައި ކުރެވުނު ކަމެކެވެ. އެ ކަމާ ޖިނާ ހާހެއްނުވެއެވެ. ދެރައެއް ވެސް ނުވެއެވެ. އެހެންނަމަވެސް، މަސްލަހަތު ގެއްލޭކަށް ޖިނާ ބޭނުމެއް ނޫނެވެ. ޖިނާ އެންމެ ކަންބޮޑުވީ ޒޫނާ ހިތްހަމަނުޖެހިދާނެތީއެވެ. ވީމާ، ޝާޒްލީގެ ކޮޓަރިއާ ދިމާއަށް ޖިނާ ހިނގައިގަތެވެ. ދޮރު ހުރީ ތަޅުނުލައެވެ. ޖިނާ ދޮރު ހުޅުވައިލިއެވެ. ޝާޒްލީ އިނީ އެނދުގައި އިށީނދެލައިގެން ރޯށެވެ. ޖިނާ ވަނުމާއެކު އެނދުގައި އޮށޯވެފައި ބިއްދޮށަށް އެނބުރުނެވެ. "ބައްޕަ" ކަންތައް ކުރި ގޮތުން ޝާޒްލީ ވަރަށް ބޮޑަށް ހިތުގައިޖެހުނެވެ. ޝާޒްލީ ގައިގައި ބައްޕަ ފުރަތަމަ ޖެހި ދުވަހާއި، ހަޅޭއްލަވައިގަތް ދުވަސް އެއްދުވަހަކަށް ވުމުން ޝާޒްލީ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. ޖިނާ މާފަށްއެދުނެވެ. އޭރު ވެސް ޖެނީ އިނީ ސޯފާގައެވެ. ޚިޔާލަކަށް ގެއްލިފައެވެ. މަންމަ ގާތަށް އައުމަކީ ޖެނީއަށް ކުރެވުނު ބުއްދިވެރިކަމެއް ހެއްޔެވެ؟ ޖެނީ ވިސްނީ އެ ކަމާއެވެ. މަންމަގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. ގިނަ ދުވަހު ޖެނީ ގޭގައި ހުރެއްޖެ ނަމަ ގިނަ މައްސަލަތައް ޖެހޭނެއެވެ. މަންމަ ދޫކޮށްލައިފައި ޖެނީ ދާންވީ ހެއްޔެވެ؟ އެ ޚިޔާލުގައި އިނދެ، ކަރުގައި އޮތް ފަށާ ކުޅެމުން ގޮސް ފަށު ފޫ ހެދުމުން ބޭރަށް ލެވުނެވެ.
"އައްސަލާމް އަލައިކުމް!" ގާދިރަށް ދޮރު ހުޅުވައިލެވުނީ އެ ވަގުތުއެވެ.
ޖެނީ ސަލާންބަލައިގަތެވެ. ގޮނޑިން ތެދުވެގެން ގާދިރު ގާތަށް ދިޔައެވެ.
"ހާދަ ދުވަހެއް ކޮށްލާފަ ގާދިރުބޭ ތި އައީ،" ހިނިތުންވެލައިފައި ޖެނީ ބުންޏެވެ. "ވަދޭވަދޭ! އިށީނދޭ!"
މުޅި ގެއަށް ނަޒަރުހިންގަމުން ގާދިރު ވަނެވެ. ދޮރުން ވަނީއްސުރެ ގާދިރަށް އިހުސާސްކުރެވުނީ ނުތަނަވަސްކަމެވެ. ނޭވާހާސްކަމެވެ. އެއީ ގެއަށް ވަނުމުގެ ކުރިން ގާދިރު ކިޔެވި ދުޢާގެ ނަތީޖާއެވެ. ގެއަށް ޖިންނިއެއްގެ ނުފޫޒު ފޯރަމުން ނުދާ ނަމަ، ގާދިރަށް އިހުސާސްކުރެވުނީހީ ގޭތެރޭގެ ތަނަވަސްކަމެވެ. ހިތަށް ލިބުނީހީ ފިނިކަމެވެ.
"ތަނަކަށް ދަމުންދަމުން ވަދެލީ،" ސޯފާ ކައިރިއަށް ހުއްޓިފައި ގާދިރު ބުންޏެވެ. "މާ ގިނައިރަކު ނެތޭ ހުރެވޭކަށް ވެސް. ކޮބާ މަންމަ؟"
"ބޭރުގަ ވީ!" ޖެނީ ޖަވާބުދިނެވެ.
ގާދިރުގެ ނުތަނަވަސްކަން ޖެނީއަށް ފާހަގަކުރެވުނެވެ. އަނެއްކޮޅުން ޖެނީގެ ކަރުގައި އޮތް ފަށުގެ ފޫ ގާދިރުގެ ލޮލުގައި އަޅައިގަތެވެ.
"އެހެންވިއްޔާ ފަހުން އަންނާނީ،" ގާދިރު ނުކުންނަށް ދަމުން ބުންޏެވެ. "މަންމަ ގާތުގަ ބުނާތި ގާދިރުބޭ އައޭ."
ގެއިން ބޭރަށް ނުކުތުމާއެކު ގާދިރުގެ ހާސްކަން ފިލިއެވެ. އެކަމަކު، ޖެނީގެ ކަރުގައި އޮތް ފަށުގެ ފޫ ގާދިރަށް ކުރިން ފެނުނީ ކޮންތާކުންކަމެއް ހަނދާނެއް ނުވިއެވެ. އެ ފުލުގައި ދެކެފަރިތަ ގޮތެއް ހުއްޓެވެ.
ޢިޝާނަމާދު ނިންމައިފައި ޢަލީ ވަނީ ފިހާރަޔަކަށެވެ. ފުރޮޅުލީ ވަށިގަނޑެއް ނަގައިގެން، ބޭނުންވާ ސާމާނު އެއަށް އަޅަމުން ޢަލީ ހިނގިއެވެ. ބޭނުންވި ހުރިހާ އެއްޗެއް ލިބުނެވެ. ބޮލުގައިލާ ޖެލްފުޅި ފިޔަވައެވެ. ގަޔާވާ އެހެން ވައްތަރެއް ފެނޭތޯ ހޯދަމުންދިޔަ ހަރުގަނޑާ ދިމާ ތަންކޮޅެއް ބިއްދޮށުގައި ޝާޒްލީ ހުއްޓެވެ. ޢަލީއަށް ޝާޒްލީ ފެނުނީ ވަރަށް ގާތްވެވުނު ފަހުންނެވެ. ވަގުތުން އައިކޮޅަށް ޢަލީ ހިނގައިގަތެވެ. ކުޑަމިނުން ޝާޒްލީއާ ހަތަރުކަޅި ހަމަކުރާކަށް ވެސް ޢަލީ ބޭނުމެއް ނޫނެވެ. ފަހަތް ނުވެސް ބަލައި އެ ތަނުން ނުކުމެގެން ގޮސް ޖެހިގެން ހުރި ބަޔަށް ޢަލީ ވަނެވެ. ވަދެފައި ފަހަތް ބަލައިލިއެވެ. ފަހަރެއްގައި ޝާޒްލީ އަތުވެދާނެކަމަށް ހީކޮށެވެ. ނާންނަކަން އެނގުމުން ވެސް ޢަލީ ކުރިޔަށް ހިނގީ ފަހަތްބަލަމުންނެވެ.
"މިހިރީ!" ޝާޒްލީ ބުންޏެވެ.
ޢަލީ ދިޔައީ ސިއްސައިގެންނެވެ. ޝާޒްލީ ހުއްޓިގެން ހުރީ ޢަލީއާ ދެ ފޫޓެއްހާ ދުރުމިނުގައެވެ. ޢަލީ ހުރީ ހިތްހަމަނުޖެހިފައެވެ. ޝާޒްލީ ހުރީ ރުޅިއައިސްފައެވެ. އައިކޮޅަށް ދިޔުމަށް ޓަކައި ޢަލީ ހިނގައިގަތް ވަގުތު ޢަލީގެ ވަށިގަނޑުގައި ޝާޒްލީ ހިފޭއްޓިއެވެ. ޢަލީއަށް މަޖުބޫރުވީ ހުއްޓޭށެވެ. އެ ދިމާއިން ވަދެގެން އައި ތިން މީހަކަށް ޖާގަދޭން ފަހަތަށް ޖެހިލުމަށް ފަހު، ދެން ހަދާނެގޮތެއް ނޭނގިފައި ޢަލީ ހުރީއެވެ.
"މިހާރު އަހަރެން ދެކެ ހާދަހާ ފޫއްސެކޭ ދޯ ތި ވަނީ؟" މަޑުމަޑު ޝާޒްލީ ބުންޏެވެ. "ހިތްފުރުނީ؟"
ޢަލީ އެކައްޗެއް ވެސް ނުބުނެއެވެ. އެ ތަނަށް ވަދެވުނު މޮޔަ ހިތަށްއަރައިފައި ހުރީއެވެ.
"ފިރިހެނުންނަކީ ދެން ހާދަ ހެއްވާ ބަޔެކޭ ދޯ!" ޝާޒްލީ ދެން ވެސް ވާހަކަދެއްކީ އެހެން މީހަކަށް ނީވޭހާ މަޑުމަޑުންނެވެ. "ރައްޓެހިވާންވެގެން އުޅޭއިރު އެންމެ ފަހަރަކު ގަޑިޖެހުނަސް އެއް ހާސް ރީޒަން ދައްކާނެ. އެކަމަކު ފޫހިވެގެން އަނބުރާލާފަ ދާއިރު، ކުޑަމިނުން ނުކެރޭތަ އަހަރެން މި ދަނީ ހިތްފުރުނީމައޭ ވެސް ބުނެލާކަށް؟ ކީއްވެތަ؟ ފިނޑިކަމުން؟ ނޫނީ މާތްވާންވެގެން؟"
"އަހަރެން ނޫޅެން މާތްވާކަށް،" އެހެން ދިމާއަކަށް ބަލަހައްޓައިގެން ހުރެ ޢަލީ ބުންޏެވެ. "މަށަކީ ފިނޑިއެއް ވެސް ނޫން."
ޝާޒްލީ މަޑުމަޑުން ހިނިތުންވެލިއެވެ. މަލާމާތުގެ ރާގެއްގައެވެ.
"ޔާ ރައިޓް!" ޝާޒްލީ ބުންޏެވެ.
ނުނިމޭ