09 ސެޕްޓެމްބަރ 2018 - 11:20

މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި، އެކަކަށް ދެ ފަހަރު ވޯޓުލުމުގެ ފުރުސަތު ނޯންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އިއްޔެ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭ ގޮތުން، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފް ވިދާޅުވީ ވޯޓު ލުމަށް ދާ މީހަކީ، އެ މީހަކަށް ކަނޑައަޅާފައިވާ ފޮއްޓަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހެއް ކަން އިލެކްޝަންސް ކޮމިޝަނުން ކަށަވަރު ކުރާނެ ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނަށް ޔަގީން ކުރާނަން ވޯޓުލާ މަރުކަޒަށް އަންނަ މީހަކީ އެ ފޮއްޓަށް ވޯޓުލުމަށްޓަކައި ރަޖިސްޓްރީ ކުރެވިފައި ނުވަތަ ލިސްޓުގައި ހިމެނިފައިވާ މީހެއްކަން،" ޝަރީފް ވިދާޅުވި އެވެ.
"އެ މީހަކީ ލިސްޓުގައިވާ މީހެއް ކަން ޔަގީން ކުރުމަށް ލިބިފައިވާ ވަސީލަތްތައް ބޭނުން ކުރާނަން،"
ރިޔާސީ އިންތިޚާބާ ދިމާކޮށް، ބައެއް ފަރާތްތަކުން ފޭސް ރިކޮގްނިޝަން (އާންމުން ދެނެގަންނަ ވަސީލަތެއް) ބޭނުން ކުރާ ކަމުގައި މައުލޫމާތު ލިބިވަޑައިގެންފައިވާތީ ޝަރީފް ވިދާޅުވީ، ފޭސް ރިކޮގްނިޝަން ސިސްޓަމް ބޭނުން ކުރުމަށް އެ ކޮމިޝަނުން ހިތްވަރު ދޭ ކަމަށެވެ. އެ ސިސްޓަމް ބޭނުން ކުރުމުން، އިންތިޚާބުގެ ސައްހަ ކަން އެ ފަރާތްތަކަށް ކަށަވަރުވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"އެކަމަކު ފޭސް ރިކޮގްނައިޒް ކުރާށޭ ކިޔާފައި، ކޮންމެހެން ޕޯލިން ސްޓޭޝަންގައި ފޭސް ރިކޮގްނިޝަން މެޝިނެއް ނުބެހެއްޓޭނެ. ވޯޓުލާ މަރުކަޒު ބޭރު، މަގުމަތީގައި ވޯޓުލާ ކޮންމެ މީހަކު ފޮޓޯ ނަގައިގެން އެ ރިކޮގްނައިޒް ކުރުމުގެ މަސައްކަތް ކުރުމަކީ އިއުތިރާޒް ކުރާނެ ކަމެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އޮބްޒާވަރުންގެ ފޯމުތައް ލިބުނުއިރު، ޕްރިންޓުކޮށްގެން ފޭކް އައިޑީ ކާޑުގެ ގޮތުގައި ހަދާފައި ހުރި އެއްޗެހި ފެނިފައިވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ފޯމުތައް ވެސް ސިޔާސީ ޕާޓީއަކުން ހުށަހަޅާފައިވާތީ ފޯމު ހުށަހެޅި މީހުންނާ ދެކޮޅަށް ދައުވާ ކުރަން ނިންމައިފަ އެވެ.
މި ރިޔާސީ އިންތިޚާބުގައި 262،135 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ. ރިޔާސީ އިންތިޚާބު މޮނިޓަ ކުރަން 10،506 މޮނިޓަރުން ބައިވެރިވާނެ އެވެ. އަދި އޮފިޝަލުންގެ ގޮތުގައި 1،895 މީހުން ހަރަކާތްތެރިވާނެ އެވެ.