ޕްރަދީޕް ސަރްކާރް، އެންތޮލޮޖީ ފިލްމެއް ހަދަނީ
ޕްރަދީޕް ސަރްކާރް، އެންތޮލޮޖީ ފިލްމެއް ހަދަނީ

އަންނަ މަހުގެ 12 ވަނަ ދުވަހު ރިލީޒްކުރާ، ކާޖޮލްގެ ފިލްމް "ހެލިކޮޕްޓާ އީލާ" ގެ ޑައިރެކްޓަރު ޕްރަދީޕް ސަރްކާރް، ސިލްސިލާއެއް ގޮތަށް (އެންތޮލޮޖީ) ފިލްމެއް ހަދަން ނިންމައިފި އެވެ.

ކަލްކަތާގައި ހިނގާ ހާދިސާތަކެއް ދައްކުވައިދޭ ފިލްމަށް ދީފައިވާ ނަމަކީ "އެރޭންޖްޑް މެރިޖް" އެވެ. ފިލްމުގެ މައި ބަތަލާއަކަށް ހަމަޖައްސާފައި ވަނީ "ސިޓީ ލައިޓްސް" ފަދަ ފިލްމްތައް ކުޅެފައިވާ ޕަޓްރަލޭކާ އެވެ. އޭނާއަކީ ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ ފިލްމް "ސްޓްރީ" ގެ ބަތަލު ރާޖްކުމާރް ރާއޯގެ ލޯބިވެރިޔާ އެވެ.

ޕަޓްރަލޭކާގެ އެންމެ ފަހުގެ ފިލްމަކީ އެޕްރީލް މަހު ރިލީޒްކުރި "ނާނޫ ކީ ޖާނޫ" އެވެ.

"އެރެންޖްޑް މެރިޖް" އާ ބެހޭ ގޮތުން 28 އަހަރުގެ ބަތަލާ ބުނީ އޭނާ ނިސްބަތްވާ ކަލްތާގެ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމަކުން ފުރުސަތު ލިބުމުން ވަރަށް އުފާވެފައިވާ ކަމަށެވެ. އަދި ޕްރަދީޕް ކަހަލަ މޮޅު ޑައިރެކްޓަރަކާ އެކު މަސައްކަތްކޮށްލަން ލިބުމަކީ ވެސް ކުރިއެރުމެއް ކަމަށް ބުންޏެވެ.

"އަހަންނަށް ފިލްމްގެ ސްކްރިޕްޓް ވެސް ވަރަށް ކަމުދިޔަ. އެހެންވެ ވަގުތުން ފިލްމަށް އެއްބަސްވީ. މިހާރު މި ހުންނަނީ މީގެ ޝޫޓިން ފަށާނެ ދުވަހެއްގެ އިންތިޒާރުގައި." ޕަޓްރަލޭކާ ބުންޏެވެ.

"އެރޭންޖްޑް މެރިޖް" ގެ އިތުރު ކާސްޓުންނާއި ޝޫޓިން ފަށާނެ އިރަކާއި ރިލީޒް ކުރާނެ ތާރީހެއް އަދި ނުނިންމަ އެވެ. ބެލެވޭ ގޮތުން ފިލްމްގެ މަސައްކަތާއިގެން ޕްރަދީޕް ރަސްމީކޮށް ކުރިއަށް ދާނީ "ހެލިކޮޕްޓާ އީލާ" ސިނަމާތަކަށް ގެނައުމަށް ފަހު އެވެ.

އޭނާ ޑައިރެކްޓްކޮށްފައިވާ އިތުރު ފިލްމްތަކުގެ ތެރޭގައި ރާނީ މުކަރްޖީގެ "މަރްދާނީ" އާއި ވިދިޔާ ބާލަންގެ "ޕަރިނީތާ" ފާހަގަކޮށްލެވެ އެވެ.

އެންމެ ފަހުން ބޮލީވުޑުން ބެލުންތެރިންނަށް ގެނެސް ދިން އެންތޮލޮޖީ ފިލްމަކީ ޖޫން މަހު ނެޓްފްލިކްސް އިން ސްޓްރީމް ކުރި "ލަސްޓް ސްޓޯރީޒް" އެވެ. ހަތަރު ސެގްމަންޓަށް ގެނެސް ދިން ފިލްމްގެ ޑައިރެކްޓަރުންނަކީ ކަރަން ޖޯހަރް، ޒޯޔާ އަހްތަރު، އަނޫރާގް ކެޝަޕް އަދި ދިބާކަރް ބެނަޖީ އެވެ.