07 އޯގަސްޓް 2016 - 11:34

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަގާމަށް އެ ޓްރައިބިއުނަލްގެ މެމްބަރު ކަމުގައި ހުންނެވި ހުސެއިން ފާއިޒު ރަޝާދާއި ނައިބު ރައީސްގެ މަގާމަށް އިސްމާއިލް އަހުމަދު މިދިޔަ ބުރާސްފަތި ދުވަހު ރައީސް އަބްދުﷲ ޔާމީން އައްޔަންކުރައްވައިފި އެވެ.

ޓްރައިބިއުނަލްގެ ރައީސް އާއި ނައިބު ރައީސްގެ މަގާމަށް މި ދެ ބޭފުޅުން މި އައްޔަންކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި އިދުރީސް އިސްމާއީލް އަދި ނައިބު ރައީސް އަބްދުﷲ އަލީ މިދިޔަ ޖޫން 27 ވަނަ ދުވަހު މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.
ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ވެސް ދެ މެމްބަރުން އައްޔަންކުރައްވާފައި ވެ އެވެ. އެއީ ރ. އަލިފުށީ، ނިއޯލައިން، މަރިޔަމް ރިޝްފާ އަދި ގެމަނަފުށީ، އޯކިޑުމާގޭ، އާދަމް ޒާލިފް އެވެ. ޒާލިފަކީ ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އިލްހާމް އަހުމަދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ.