ޓީވީ އަށް އިތުރު "އެޗްޑީއެމްއައި" ޕޯޓެއް
ޓީވީ އަށް އިތުރު "އެޗްޑީއެމްއައި" ޕޯޓެއް

ކޮމްޕިއުޓަރު މޮނީޓަރުތަކާއި ޓީވީ ސްކްރީންތަކުގެ ފަރަގު ވަރަށް ކުޑަވެއްޖެ އެވެ. ޓީވީތަކަށް އޯލެޑް ޓެކްނޮލޮޖީ އައުމުން، ކޮމްޕިއުޓަރު މޮނީޓަރެއް ގޮތުގައި ޓީވީ ބޭނުންކުރުން ވަނީ އާންމުވެފަ އެވެ.

ބާޒާުރުން ގަންނަން ލިބެން ހުރި ޓީވީތަކަށް ބަލާއިރު، "ވީޖީއޭ" ޕޯޓް މުޅިންހެން ގެއްލިއްޖެ އެވެ. ޓީވީ އަށް ޑިވައިސްއެއް ގުޅުމަށް މައިގަނޑު ވަސީލަތަކީ މިހާރު "އެޗްޑީއެމްއައި" ޕޯޓެވެ. ސަބަބަކީ، "އެނަލޮގް" ފަހަނައަޅައި ޒަމާން ޑިޖިޓަލްވުމެވެ. ނަމަވެސް، މަތިފަޑި އަށް ނިސްބަތްކުރެވޭ ކޮންމެ މަރުކާއެއްގެ ޓީވީއެއް ގަތް ނަމަވެސް، ހެޔޮވަރު ބޭނުމެއް ހިފޭ ވަރަށް އެޗްޑީއެމްއައި ޕޯޓް ނުހުންނަކަން ފާހަގަކުރެވެ އެވެ.

ތިޔަ ބޭނުންކުރާ ޓީވީ އަށް ދެން އިތުރު ޑިވައިސްއެއް ގުޅޭ ވަރަށް އެޗްޑީއެމްއައި ޕޯޓް ނެތް ނަމަ، ޕޯޓެއް އިތުރުކުރެވިދާނެ ގޮތް މި ބުނެދެނީ އެވެ. ކުރަންޖެހޭހާ ވެސް ކަމަކީ ދެތިން އެއްޗެއްގެ ފަރަގު އެނގި، ދެތިން އެއްޗެއް ބޭނުންހިފަން އެނގުމެވެ.

"އެޗްޑީއެމްއައި ސްޕްލިޓާ": ބާޒާުރުގައި ވަރަށް ހެޔޮ އަގުގައި ލިބެން އެބަ ހުއްޓެވެ. އެކަމަކު ތިޔަ ކުރަން އުޅޭ ބޭނުން ފުދޭނެ ވަސީލަތަކަށް އެޗްޑީއެމްއައި ސްޕްލިޓާ ވާން ޖެހެ އެވެ. މިހެން މި ބުނީ، އެޗްޑީއެމްއައި ސްޕްލިޓާ އަކީ، އެއަށް އެޗްޑީއެމްއައި ވާގަނޑެއް ގުޅައި، ބައިވަރު އެޗްޑީއެމްއައި ކޮޅުތަކަކަށް ބައިކޮށްލައިދޭ ވަސީލަތަކަށް ވާތީ އެވެ. އެއިރުން އެއް "އިންޕުޓް" ބައިވަރު "އައުޓްޕުޓް"ތަކަކަށް ބެހެވިގެން ދާނެ އެވެ.

"އެޗްޑީއެމްއައި ސްވިޗް": މިއީ ބައިވަރު އެޗްޑީއެމްއައި ކޮޅުތަކެއް ގުޅޭ، "އިން-ކުރެވޭ" ޑިވައިސްއެކެވެ. އެކަމަކު އެޗްޑީއެމްއައި ސްވިޗުން ސިގްނަލް ބޭރުކުރެވެން ހުންނާނީ އެންމެ އެޗްޑީއެމްއައި ކޮޅެކެވެ. މާނަ އަކީ، ކޮމްޕިއުޓަރު، ޑިކޯޑަރު، ގޭމް ކޮންސޯލް އަދި މި ނޫނަސް، އެޗްޑީއެމްއައި ޕޯޓަކުން ސިގްނަލް ބޭރުވާ ގޮތަށް ހުރި ނަމަ ހުރި ކޮންމެ ޑިވައިސްއެއް، އެޗްޑީއެމްއައި ސްވިޗަށް ގުޅާލެވުމެވެ. އެހެންކަމުން، ޓީވީގައި އެންމެ އެޗްޑީއެމްއައި ޕޯޓެއް އިން ނަމަވެސް، އެޗްޑީއެމްއައި ސްވިޗް މެދުވެރިކޮށް، ހިތު ހުރިހައި ޑިވައިސްއެއް ޓީވީ އަށް ގުޅައިލެވުނީ އެވެ.