10 ސެޕްޓެމްބަރ 2018 - 08:14

ޒަމާނީ ފެޝަނާއި ޕާސްޓާ އާއި ޕިއްޒާ ފަދަ ނަންތަކާ އެކު އިޓަލީގެ ނަން އަންނާނީ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓަށެވެ. އެކަމަކު މިހާތަނަށް އިޓަލީ ވަނީ އެމެރިކާގެ މަޝްހޫރު ކޮފީ ބްރޭންޑް ސްޓާބަކްސް އިން މަހުރޫމުވެފަ އެވެ.
އިޓަލީ އަށް ލޯބިކުރާ މީހުންނަށް އޮތް އުފާވެރި ޚަބަރަކީ ސްޓާބަކްސް ވެސް މިހާރު އިޓަލީ އަށް އެތެރެވެއްޖެ ވާހަކަ އެވެ. އެ ގައުމުގައި ބުރާސްފަތި ދުވަހު ވަނީ ސްޓާބަކްސްގެ އައުޓްލެޓެއް ފުރަތަމަ ފަހަރަށް ހުޅުވައި ހިދުމަތް ދޭން ފަށައިފަ އެވެ.
މިލާންގެ ތާރީހީ އިމާރާތެއް ކަމަށްވާ ޕޯސްޓެގައި ހުޅުވި އެ އައުޓްލެޓްވެގެން ގޮސްފައި ވަނީ ސްޓާބަކްސް ރޯސްޓްރީގެ ދަށުން ހުޅުވި ތިން ވަނަ އައުޓްލެޓަށެވެ.
މިފަދަ އަނެއް ދެ އައުޓްލެޓް ހިންގަނީ އެމެރިކާގެ ސިއެޓްލް އާއި ޗައިނާގެ ޝަންހާއީގަ އެވެ. ސްޓާބަކްސް ރޯސްޓެރީޒް އައުޓްލެޓްކަކީ އާންމުކޮށް ހިދުމަތް ދޭ އައުލެޓްތަކާ ތަންކޮޅެއް ތަފާތު އަދި ބިޔަކޮށް ހިދުމަތް ދޭ ތަންތަނެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިޓަލީގައި ސްޓާބަކްސްގެ އައުޓްލެޓެއް ހުޅުވައި ހިދުމަތް ދޭން ފެށުމާ އެކު، އަލަށް 300 އެއްހާ ވަޒީފާގެ ފުރުސަތު ވެސް ވަނީ ހުޅުވިގެން ގޮސްފަ އެވެ.
ނަވާރަސަތޭކަ ހަތްދިހަ އެކެއްގައި ވުޖޫދަށް އައި ސްޓާބަކްސްގެ އައުޓްލެޓްތައް މިހާރު ދުނިޔޭގެ 28،000 އަށް ވުރެ ގިނަ ސިޓީތަކުގައި ހިންގަ އެވެ.