އިނގިރޭސި ވިލާތުގެ މަހުޖަނަކު 72 އަހަރުގައި އަންބަކު ހޯދަނީ
އިނގިރޭސި ވިލާތުގެ މަހުޖަނަކު 72 އަހަރުގައި އަންބަކު ހޯދަނީ

އުމުރުން 72 އަހަރުވެފައިވާ އިނގިރޭސިވިލާތުގެ މަހުޖަނަކަށް އަންބަކު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

އިނގިރޭސި ވިލާތުގެ މަހުޖަނަކު 72 އަހަރުގައި އަންބަކު ހޯދަނީ
އިނގިރޭސި ވިލާތުގެ މަހުޖަނަކު 72 އަހަރުގައި އަންބަކު ހޯދަނީ

ސާ ބެންޖަމިން ސްލޭޑް އައިޓީވީގެ ގުޑް މޯނިން ބްރިޓްން (ޖީއެމްބީ) އަށް ދިން އިންޓަވިއުއެއްގައި ބުނީ ޒުވާން އަންބަކު ހޯދަން މިހާތަނަށް އޭނާ ކުރި މަސައްކަތް މުޅިން ވީ ނާކާމިޔާބު ކަމަށަވެ. އެކަމަކު އަދިވެސް އުންމީދު ކަނޑައިނުލާ ކަމަށް ބުންޏެވެ. އޭނާ 1970 ގައި ކުރި ކައިވެނި ރޫޅިފައި ވަނީ 1991 ގަ އެވެ.

ބެންޖަމިން ބުނި ގޮތުގައި އޭނާގެ ހަޔާތަށް މިހާރު ގެންނަން ބޭނުން ވަނީ އުމުރުން 30-40 އަހަރާ ދެމެދުގެ އަންހެނެކެވެ. އަދި އެ މީހެއްގެ އިސްކޮޅު 5 ފޫޓް 6 އިންޗި އަށް ވުރެ ދިގުވެގެން ނުވާނެ ކަމަށް ބުންޏެވެ.

ބެންޖަމިން ބުނި ގޮތުގައި އަންބަކު ހޯދުން މިހާތަނަށް ނާކާމިޔާބުވީ އެކަމަށް އޭނާ ގެންގުޅުނު ބައެއް އުސޫލުތަކުގެ ސަބަބުން ކަމަށް ވެދާނެ އެވެ.

އެހެންވެ މި ފަހަރު މިކަން މިއޮތީ ތަންކޮޅެއް ލުއިކޮށެވެ. އޭނާ ބުނި ގޮތުގައި އަންބަކު ހޯދަން ކުރި މަސައްކަތުން މިހާތަނަށް ބޮޑަށް އިޖާބަދީފައި ހުރީ ބޭނުންވާ ވަރަށް ވުރެ އުމުރުން ދުވަސްވީ މީހުންނެވެ. އަދި ދަރިން ހޯދަން ބޭނުން ނުވުމަކީ ގިނަ އަންހެނުން އޭނާ އަށް ފުރަގަސް ދީފައިވާ ސަބަބެއް ކަމަށް ބެންޖަމިން ބުންޏެވެ.

"މި ފަހަރު އަހަރެންގެ ފައިސާ އިން ބޭނުން ވަރަކަށް އެ މީހަކަށް [އަންބަކަށް ވާ މީހަކަށް] ޝޮޕިންކޮށްލައި، ހަރަދުކޮށްލުމުގައި އެއްވެސް ހިފަހެއްޓުމެއް ނޯންނާނެ،" އޭނާ ބުންޏެވެ. "އަދި އަހަރެން ބޭނުންހާ ވެސް އެއްޗަކީ ލޯބި."

އަންބަކަށްވާ މީހަކަށް ލިބޭ އިތުރު އިނާޔަތްތަކުގެ ތެރޭގައި މަޝްހޫރު އަދި އަގު ބޮޑެތި މަންޒިލްތަކަށް ސިއްރު ޗުއްޓީތައް ހަދާލަން ދިއުމާއި ދުނިޔޭގެ ލެއްވިހާ މީރު ކެއުންތައް ކާން ވެސް ފުރުސަތު ލިބުން ހިމެނެ އެވެ.

"ހަމަމިއާ އެކު އަހަރެންގެ މިލްކިއުޔާތުން އެ މީހަކަށް ބައި ވެސް އެޅޭނެ،" ބެންޖަމިން ބުންޏެވެ.