އަނުޝްކާ ގޫގުލް ފޯނު ޕްރޮމޯޓްކުރީ އައިފޯނަކުން
އަނުޝްކާ ގޫގުލް ފޯނު ޕްރޮމޯޓްކުރީ އައިފޯނަކުން

މާ ބޮޑު ކަމަކަށް ނުހަދައި ކޮށްލެވޭ ކުޑަކުޑަ ކަމަކުން ވެސް އާންމުންގެ މަލާމާތާއި ފުރައްސާރަ އަމާޒުވާ ފަހަރު މަދެއް ނޫނެވެ. މި ފަހަރު މި ކަހަލަ ކަމެއް ދިމާވީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާއަށެވެ.

ހުދު ކުލައިގެ ކުއްތާއަކާ އެކު ނަގާފައިވާ ފޮޓޯތަކެއް އަނުޝްކާ މި މަހުގެ 4 ވަނަ ދުވަހު ޓްވިޓާގައި ހިއްސާކުރީ ގޫގުލް ޕިކްސެލް12އެކްސްއެލް ޓެގްކޮށް، އެ ޕްރޮމޯޓްކުރުމަށެވެ. އެކަމަކު މައްސަލައަކަށްވީ ފޮޓޯ ނަގާފައި ހުރީ އެޕަލްގެ އައިފޯނަކުންކަން އޭނާގެ ޓްވީޓުން ވަރަށް ރީތިކޮށް އެނގުނެވެ.

އެކަން ފާހަގަކުރެވިގެން، އެމެރިކާގެ ޔޫޓިއުބާ މާކްއެސް ބްރައުންލީ ވަނީ އައިފޯނަކުން ފޮޓޯތައް ނަގައި، އަނުޝްކާ ގޫގުލް ޕިކްސެލް ޕްރޮމޯޓްކުރާ ކަމަށް ބުނެ އެކަން ސަމާލުކަމަށް ގެނެސްފަ އެވެ.

އަދި މިކަން އަނުޝްކާ އަށް ރޭކައިލުމުން އޭނާ ވަނީ ކުރީގެ ޕޯސްޓް ޑިލީޓްކޮށް އަލުން އެ އިސްލާހު ކުރަން ވެސް މަސައްކަތްކޮށްފަ އެވެ. އެކަމަކު އޭރު އޮތީ މާ ލަސްވެފަ އެވެ. މާކްއެސް އޮތީ އަނުޝްކާ ޓްވީޓްގެ ސްކްރީން ޝޮޓް ވެސް ނަގައިފަ އެވެ. އޭނާ ޓްވީޓް ވެސް ކުރީ އެ ސްކްރީން ޝޮޓާ އެކުގަ އެވެ.

ވާދަވެރި ދެ ކުންފުންޏެއްގެ އުފެއްދުމެއް އެއްފަހަރާ "އޮޅުންބޮޅުން" ވެގެން އަނުޝްކާ އަށް ހެދުނު ގޯހާ އެކު ޓްވިިޓާގައި ވަރަށް ގިނަ ބަޔަކު އޭނާ އަށް ޖޯކު ޖަހައި މަލާމާތްކޮށްފައިވެ އެވެ.

އަނުޝްކާ އަށް ދިމާވި ކަހަލަ ކަމެއް މީގެ ކުރިން "ވޮންޑަ ވުމަން" ގެ ބަތަލާ ގަލް ގެޑޯ އަށް ވެސް ކުރިމަތިވި އެވެ. އެ ފަހަރު ވެސް ވާވޭގެ އެޕަލްގެ އައިފޯނަކުން ޓްވީޓް ކުރުމުން އެކަން ވެސް މާކްއެސް ފަޅާއަރުވައިލި އެވެ.