ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ރިލީޒް ނުކުރެވި ދިގުލައިގެން ގޮސްފައިވާ، ރަޖްނީކާންތުގެ ސައިންސް ފިކްޝަން ފިލްމް "2.0" ގެ މަތިން ބެލުންތެރިން ހަނދާން ނެތޭހާ ދުވަސް މިހާރު ވެއްޖެ އެވެ. މި ފިލްމް ރިލީޒް ކުރަން ކިޔަނީ 2016 އިން ފެށިގެންނެވެ. އެކަމަކު ފިލްމަށް ބޮޑެތި ސްޕެޝަލް އިފެކްޓްސް މަސައްކަތްތަކެއް ކުރަން ޖެހޭތީ، އެކަން ނުނިމިގެން ފިލްމު ލަސްވެގެން ދިޔައީ އެވެ.

"2.0" ގެ ޓީމުން އެންމެ ފަހުން އިއުލާންކޮށްފައިވާ ގޮތުގައި މި ފިލްމު މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 29 ގަ އެވެ.

ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރް ވެސް މިހާތަނަށް އެއްވެސް ފިލްމަކުން ފެނިގެން ނުދާހާ ތަފާތު ގޮތަކަށް ފެނިގެންދާ "2.0" ގެ ޓީޒާ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލަން ނިންމާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އެކަން ހިއްސާކޮށް އަކްޝޭ ވަނީ ފިލްމްގެ އާ ޕޯސްޓަރުތަކެއް ވެސް ދައްކާލައިފަ އެވެ.

"2.0" އަކީ ރަޖްނީކާންތާއި އައިޝްވާރިޔާ ރާއީ ލީޑް ރޯލަށް ލައިގެން ޝަންކަރް 2010 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ރޮބޮޓް" ގެ ދެވަނަ ބައެވެ. ނަމަވެސް މި ފަހަރު ފިލްމްގެ ބަތަލާއަކީ އެމީ ޖެކްސަން އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން "2.0" ގެ ހާއްސަ ފެނިލުމަކުން އައިޝްވާރިޔާ ފެނުމުގެ ފުރުސަތު ވެސް ބޮޑެވެ. މި ފިލްމަކީ މިހާތަނަށް އިންޑިއާގައި އެންމެ ބޮޑު ބަޖެޓަކުން ހެދި ފިލްމްތަކުގެ ތެރެއިން އެކައްޗެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެކްޓަރު ޝާހިދު ކަޕޫރަށް ލިބުނު ދެވަނަ ދަރިފުޅަށް ކިޔާ ނަން ފޭނުންނާ ހިއްސާކޮށްފި އެވެ. އޭނާ ކުރި ޓްވީޓެއްގައި ބުނީ ފިރިހެން ދަރިފުޅުގެ ނަމަކީ ޒައިން ކަޕޫރް ކަމަށެވެ.

ޝާހިދާއި މީރާ ރާޖްޕޫތު އަށް ލިބުނު ފުރަތަމަ އަންހެން ދަރިފުޅުގެ ނަމަކީ މީޝާ ކަޕޫރެވެ. އޭނާ އަށް މިހާރު ދެ އަހަރެވެ. ދޮށީ ދަރިފުޅަށް ޝާހިދު ނަން ކިޔާފައި ވަނީ ފިރިހެން ދަރިފުޅަށް ނަން ދިނީ މީރާ އެވެ.

ޝާހިދު ބުނި ގޮތުގައި ދެ ޖިންސްގެ ދެ ކުދިން ލިބުމާ އެކު، އޭނާގެ އާއިލާ މިހާރު ފުރިހަމަވީ އެވެ. އަދި ވަރަށް އުފަލުން ހުރި ކަމަށް މި މަހުގެ 21 ގައި ރިލީޒް ކުރާ "ބައްތީ ގުލް މީޓަރު ޗާލޫ" ގެ ބަތަލު ބުންޏެވެ.

ފަރްހާން އަހްތަރަކީ ބޮލީވުޑްގައި މަލްޓި ޓާސްކިން ފަންނާނެއްގެ ގޮތުގައި މަޝްހޫރު މީހެކެވެ. އޭނާއަކީ ޑައިރެކްޓަރެއް، ޕްރޮޑިއުސަރެއް، ސްކްރީން ރައިޓަރެއް، އެކްޓަރެއް އަދި ލަވަކިޔުންތެރިއެކެވެ. މީގެ ކުރިން ކުޅުނު ބައެއް ފިލްމްތަކަށް ލަވަ ވެސް ކިޔައިފައިވާ ފަރްހާން މިހާރު ވަނީ އޭނާ ކިޔާފައިވާ ފުރަތަމަ އިނގިރޭސި ލަވަ "ރެއާ ވިއު މިރާ" އެހުންތެރިންނަށް ދޫކޮށްލައިފަ އެވެ. މިއީ އަންނަ އަހަރުގެ ޖެނުއަރީ 25 ގައި ނެރޭ ފަރްހާންގެ ފުރަތަމަ އަލްބަމް "އެކޯޒް" ގައި ހިމެނޭ ލަވަތަކުގެ ތެރެއިން ލަވައެކެވެ.

ލަވަ ކަމުދޭތޯ ބަލައިލަން މި ލަވަ ކޮންމެހެން ވެސް އަޑު އަހައިލަން ވާނެ އެވެ. ފަރްހާން މީގެ ކުރިން ކިޔާފައިވާ ލަވަތައް އެހުންތެރިންނާއި ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލެވެ. "ރެއީ ވިއު މިރާ" އަކީ އޭނާ ފުރަތަމަ އިނގިރޭސި ސިންގަލް އަށް ވިޔަސް، މިއީ އިނގިރޭސި ލަވަތައް ވެސް ކިޔައިލަން ހަމަ ފައްކާ ފަންނާނެކޭ ބުނެވި ދާނެ އެވެ.

"ޑޮން" ފަދަ ފިލްމްތައް ގެނެސް ދިން ފަރްހާން މިހާރު އަންނަނީ ޕްރިޔަންކާ ޗޯޕްޅާއާ އެކު "ދަ ސްކައި އިޒް ޕިންކް" ކިޔާ ފިލްމެއް ކުޅެމުންނެވެ.