09 ސެޕްޓެމްބަރ 2018 - 08:14

ކްރިއާޖް އެންޓަޓައިންމަންޓޫން ހަދަން ނިންމާފައިވާ ކުރީގެ ފިލްމް "ވޯ ކޯން ތީ" ގެ ބަތަލާގެ ރޯލަށް އައިޝްވާރިޔާ ރާއީގެ ބަދަލުގައި މިހާރު ކުޅޭނެ ފިލްމެއް ވެސް ނުލިބޭ ބަތަލާ ބިޕާޝާ ބާސޫ ހަމަޖައްސައިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި އެ ފިލްމް ކުރިން އައިޝްވާރިޔާ އަށް ހުށަހަޅާފައި، އެހެން ބަތަލާއަކަށް ފިލްމް ދިނީ، ފިލްމް ޝޫޓްކުރަން ނިންމާފައިވާ ދުވަސްވަރަށް އައިޝްވާރިޔާ އަށް ވަގުތު ދެވެން ނެތުމުންނެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ކްރިއާޖާއީ އައިޝްވާރިޔާއީ ވެސް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ދާދި ފަހުން ރިލީޒް ކުރި ފްލޮޕް ފިލްމް "ފަނޭ ހާން" ގެ ބަތަލާ ވަނީ "ވޯ ކޯން ތީ" ގެ ރިމެކިން އޭނާ އަށް ހުށަހެޅިކަން ކުރިން ކަށަވަރުކޮށް ދީފަ އެވެ. އަދި އެ ފިލްމަކީ އޭނާ ކުޅެލަން ވަރަށް ބޭނުންވާ ކަހަލަ ރޯލެއް އިން ފިލްމެއް ކަމަށް ބުންޏެވެ. ނަމަވެސް ފިލްމަށް ރަސްމީކޮށް ސޮއި ނުކުރާ ކަމަށް އައިޝްވާރިޔާ ބުނެފައިވެ އެވެ.
"ވޯ ކޯން ތީ" އަކީ 1964 ގައި މަނޯޖް ކުމާރާއި ސާދްނާ ލީޑް ރޯލަށް ލައިގެން ރާޖް ކޯސްލާ ޑައިރެކްޓްކޮށް ގެނެސް ދިން ވަރަށް ކާމިޔާބު ސައިކޮލޮޖިކަލް މިސްޓްރީ ތުރިލާއެކެވެ. މި ފިލްމްގެ ލަވަތައް ވެސް ވަރަށް މަޝްހޫރެވެ. އޭގެ ތެރެއި އެންމެ ފާހަގަކޮށްލެވޭ އެއް ލަވައަކީ "ލަގްޖާ ގަލޭ" އެވެ.
ކްރިއާޖުން "ވޯ ކޯން ތީ" ގައި ރައިޓްސް ހޯދުމަށް ފަހު، މި ފިލްމުން ވަނީ އެ ކުންފުނީގެ ޕްރޮޑިއުސަރު ޕްރޭރްނާ އަރޯރާގެ ވިޔަފާރި ޕާޓްނަރު އަރްޖުން އެން ކަޕޫރް ފިލްމްގެ ރޯލަކުން ބޮލީވުޑަށް ތައާރަފު ކުރަން ވެސް ނިންމައިފަ އެވެ.
ކުރިން އަޑުތައް އަރާފައިވާ ގޮތުން "ވޯ ކޯން ތީ" ބަތަލުގެ ރޯލުން ފެނުމުގެ ފުރުސަތު ބޮޑީ ޝާހިދު ކަޕޫރެވެ. ނަމަވެސް ކާސްޓަށް ގެނައި ބަދަލާ އެކު، ޝާހިދު ފެންނާނެތޯ ނޫންތޯ ވެސް އަދި ކަށަވަރެއް ނުވެ އެވެ.
ބިޕާޝާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ ފިރިމީހާ ކަރަން ސިންގް ގްރޯވާއާ އެކު 2015 ގައި ކުޅުނު ބިރުވެރި ފިލްމް "އެލޯން" އިންނެވެ. އެ ދެ މީހުން މިހާރު އަންނަނީ ލަވަކިޔުންތެރިޔާ މިކާ ސިންގް ޕްރޮޑިއުސް ކުރާ ފިލްމް "އާދަތު" ގެ މަސައްކަތް ފަށަން ތައްޔާރުވަމުންނެވެ.
އައިޝްވާރިޔާ އަށް ހުށަހެޅި ފިލްމެއް ބިޕާޝާ ސޮއިކޮށްފައިވާ ކަމަށް ބުނާ އިރު، އޭނާ މީގެ ކުރިން ވެސް ވަނީ އެފަދަ ޕްރޮޖެކްޓެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ 2006 ގައި ޑައިރެކްޓަރު މަދޫރް ބަންޑާކަރް ގެނެސް ދިން "ކޯޕަރޭޓް" އެވެެ.
ބިޕާޝާ ވަނީ އައިޝްވާރިޔާއާ އެކުގައި ވެސް ފިލްމެއްގެ މަސައްކަތްކޮށްފަ އެވެ. އެއީ 2006 ގެ "ދޫމް 2" އެވެ.