07 އޯގަސްޓް 2016 - 11:58

މެންޗެސްޓާ (އޮގަސްޓް 7) - މެންޗެސްޓާ ޔުނައިޓެޑުން ދުނިޔޭގެ ރެކޯޑް އަގަކަށް ޔުވެންޓަސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ގަންނަން ބިޑްކޮށްފައި ވަނިކޮށް، އޭނާ ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި މާދަމާ އިން ފެށިގެން ބައިވެރިވާން އެ ކްލަބުން އަންގައިފި އެވެ.
ޔުނައިޓެޑުން ވަނީ ޕޮގްބާ ހޯދަން 100 މިިލިއަން ޕައުންޑް ހުށަހަޅައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސް އާއި ޔުނައިޓެޑަށް އެއްބަސްވުމަކަށް އާދެވިފައިނުވަނީ ހަ މަސް ދުވަހަށް ބަހާލައިގެން އިތުރު 15 މިލިއަން ޕައުންޑް ދޭން ޔުނައިޓެޑުން އެއްބަސްނުވުމުންނާއި އެޖެންޓް ފީ ބޮޑުވުމުންނެވެ.
މިރޭ ކުޅޭ ޗެރިޓީ ޝީލްޑް މެޗުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ކުރިއަށް އޮތް ތިން ވަރަކަށް ދުވަސް ތެރޭގައި ވަރަށް މޮޅު މިޑްފީލްޑަރެއް އެ ޓީމަށް ބަދަލުވާނެ ކަމަށެވެ.
ޔުވެންޓަސްގެ ކޯޗު އަލެގްރީ ބުނީ ޕޮގްބާ އަކީ އަދިވެސް ޔުވެންޓަސްގެ ކުޅުންތެރިއެއް ކަމަށެވެ.
"އަހަރެން އުފާކުރަން މޮރީނިއޯ ޕޮގްބާގެ ނަން ނުގެނެސް އެ ވާހަކަ ދެއްކުމުން. އެއީ ޕޮގްބާ އަކީ އަދި ޔުވެންޓަސް ކުޅުންތެރިއެއް. އަހަރެން ޕޮގްބާ އަށް އަންގައިފިން މާދަމާ އިން ފެށިގެން ފަރިތަކުރުންތަކަށް ނުކުންނަން،" އަލެގްރީ ބުންޏެވެ.
ޕޮގްބާ އަކީ ޔުނައިޓެޑުގެ ޔޫތު ޓީމުން ތަމްރީންވެ 2012 ވަނަ އަހަރު ހިލޭ ޓްރާންސްފާއެއްގައި ޔުވެންޓަސްއާ ގުޅުނު ކުޅުންތެރިއެކެވެ. ރިޕޯޓްތައް ބުނާގޮތުން އޭރު ޕޮގްބާ އެ ކްލަބް ދޫކޮށްލީ، އޭނާ އަށް ފުރުސަތު ނުދީ، ރިޓަޔާމަންޓުގައި ހުރި ސްކޯލްސް އަލުން ގެނެސް ފުރުސަތު ދިނުމުންނެވެ.