08 ސެޕްޓެމްބަރ 2018 - 15:41

ނިއު ދިއްލީ (ސެޕްޓެމްބަރު 8) - ދެ މީހުންގެ ޖާގައިގެ ކުދި މަތިންދާ ބޯޓު އުފެއްދުމަށް އިންޑިއާ ސަރުކާރުގެ ނޭޝަނަލް އެއަރޯސްޕޭސް ލެބޯޓްރީސް (އެންއޭއެލް) އާއި ދިއްލީގެ މެސްކޯ އެއަރޯސްޕޭސްއާ ދެމެދު އެއްބަސްވުމެއް ގާއިމްކޮށްފި އެވެ.
އެންއޭއެލްގެ ޑިރެކްޓާ ޖީތެންދުރާ ޖޭ. ޖަދާލް ވިދާޅުވީ ހަންސާ- ނެކްސްޓް ޖެނެރޭޝަން މަތިންދާ ބޯޓް ޑިޒައިންކޮށް އުފައްދާ އަދި މާކެޓް ކުރުމުގެ އެއްބަސްވުމުގެ ދަށުން ބޯޓު އުފައްދަން ފެށުމުން އިންޑިއާގައި ޕައިލެޓުން ތަމްރީނު ކުރުމަށް މަތިންދާ ބޯޓު ނުލިބުމުގެ މައްސަލަ އަށް ހައްލެއް ހޯދޭނެ ކަމަށެވެ. އަދި ފުރަތަމަ ބޯޓު އަންނަ އަހަރު ނިންމޭނެ ކަމަށާއި އެ ބޯޓު ދަތުރު ކުރުމަށް 2020 ވަނަ އަހަރު ލައިސަންސް ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެސްކޯ އިން ދިއްލީގައި ވަނީ ސާވިސް ސެންޓަރެއް ގާއިމް ކުރަން ނިންމައިފަ އެވެ. އަދި ދިއްލީ އާއި ބޭރު ގައުމުތަކުގައި އެ ބޯޓު މާކެޓް ކުރާނެ އެވެ.
އެންއޭއެލް އިން އުއްމީދު ކުރަނީ ހަންސާ-އެންޖީ ބޯޓުގެ ބޭސިކް ވާޝަން 80 ލައްކަ ރުޕީސް އަށް ވިއްކޭނެ ކަމަށެވެ. އަދި ފުލް ލޯޑް ވާޝަން 100 ލައްކަ ރުޕީސް އަށް ވިއްކޭނެ ކަމަށެވެ.
މާކެޓް ރިޕޯޓްތައް ބުނާ ގޮތުގައި ދެ ސީޓުގެ 70-80އާ ދެމެދުގެ އަދަދެއްގެ މަތިންދާ ބޯޓު އިންޑިއާ އަށް ބޭނުންވާ ކަމަށް އެންއޭއެލް އިން އެސްޓިމޭޓް ކުރެ އެވެ.