08 ސެޕްޓެމްބަރ 2018 - 14:10

ބެއިޖިން (ސެޕްޓެމްބަރު 8) - ޗައިނާގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނޭ ޖެކް މާ، އަލިބާބާގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމުން އަންނަ ހޯމަ ދުވަހު ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ.
ޖެކް މާގެ 54 ވަނަ އުފަން ދުވަހު ރިޓަޔާ ކުރެއްވި ނަމަވެސް އީ-ކޮމާސް ކުންފުނީގެ ބޯޑް މެންބަރެއްގެ ގޮތުގައި ހުންނަވާނެ އެވެ. ނަމަވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ހިލޭ ސާބަހަށް ޚިދުމަތް ކުރެއްވުމުގަ އެވެ. ޚާއްސަ ދާއިރާއަކީ ތައުލީމް ފުޅާ ކުރުމެވެ.
ޖެކް މާ 1999 ވަނަ އަހަރު އުފެއްދެވި އަލިބާބާ އަކީ މިހާރު ދުނިޔޭގައި އެންމެ ބޮޑު އެއް އިންޓަނެޓް ކުންފުންޏެވެ. އެ ކުންފުނީގެ މާކެޓް އަގު 400 ބިލިއަން ޑޮލަރަށް އަރަ އެވެ. ޖެކް މާގެ އަމިއްލަ މިލްކިއްޔާތުގައި 40 ބިލިއަން ޑޮލަރު އެބަހުއްޓެވެ. އޭނާ އަކީ ޗައިނާގައި ތިން ވަނަ އަށް އެންމެ މުއްސަނދި މީހާ ކަމަށް ފޯބްސް އިން ބުނެފައިވެ އެވެ.
ޖެކް މާ ވިދާޅުވެފައި ވަނީ ރިޓަރާ ކުރެއްވުމަކީ ކަމެއްގެ ނިމުން ނޫން ކަމަށާއި އެކަމަކު ކަމެއްގެ ފެށުން ކަމަށެވެ.
"އަޅުގަނޑު ތައުލީމަށް ވަރަށް ބޮޑަށް ލޯބި ކުރަން،" އޭނާ ވިދާޅުވެފައިވެ އެވެ.
ޖެކް މާ ވިދާޅުވެފައި ވަނީ މައިކްރޯސޮފްޓުގެ ޗެއާމަން ބިލް ގޭޓްސް މިސާލަކަށް ނަންގަވައިގެން އުޅުއްވަން ބޭނުންވާ ކަމަށެވެ.
ޗައިނާގެ ހެންގްޒޫ ސިޓީގެ ޔުނިވާސިޓީގައި އިނގިރޭސި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޖެކް މާ، އަލިބާބާގެ ވިޔަފާރި، ރަހުމަތްތެރިންތަކަކާ އެކު ފެއްޓެވީ އޭނާގެ އަމިއްލަ ފްލެޓުގައި ވަރަށް އާދައިގެ ގޮތަކަށެވެ.