08 ސެޕްޓެމްބަރ 2018 - 10:50

ރިޔާސީ ދެ ކެންޑިޑޭޓުންގެ ފަރާތުން ވޯޓާސް ލިސްޓްގައި ސޮއިކުރުމުގެ މަސައްކަތް މިއަދު ފަށައިފި ކަމަށާއި އެކަން ދަނީ ވަރަށް "ސުމޫތުކޮށް" ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އަންނަ ބުދަދުވަހުގެ ހަވީރު ހަޔަކާ ހަމައަށް 24 ގަޑިއިރު އެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ކޮންމެ ބޭފުޅެއްގެ ފަރާތުން 25 މަންދޫބުންނަށް، ލިސްޓްގައި ސޮއިކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
"ވަރަށް ސުމޫތުކޮށް އެކަން ކުރިއަށް ދާކަމުގެ މައުލޫމާތު ދަނީ ލިބެމުން،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮމިޝަނުން ގެޒެޓްކުރި ވޯޓާސް ލިސްޓްގައި ސޮއިކުރަން ފަސް ދުވަހުގެ މުއްދަތެއް ދެއްވީ، އިތުރު ވަގުތު ބޭނުންވާ ކަމަށް އެއް ކެންޑިޑޭޓަކު އެދިވަޑައިގަތުމުންނެވެ.
"އިލެކްޝަންސް ކޮމިޝަނުން އުއްމީދުކުރަނީ ދެ ކެންޑިޑޭޓުން ފޮނުއްވާ މަންދޫބުން، ރަނގަޅަށް ޗެކްކޮށްފައި، ގެޒެޓްކުރި ވޯޓާސް ލިސްޓްތޯ ނުވަތަ ނޫންތޯ ކަށަވަރުކޮށް، ސޮއިކުރެއްވުން،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެ ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރި ލިސްޓް ނޫން އެހެން ލިސްޓެއް، 23 ސެޕްޓެމްބަރުގައި ވޯޓު ލާއިރު، މަރުކަޒުތަކުގައި ބޭނުންނުކުރާނެ ކަމަށެވެ.