09 ސެޕްޓެމްބަރ 2018 - 08:11

އިނގިރޭސިވިލާތުގެ ޒުވާން ލަވަކިޔުންތެރިޔާ ޒޭން މާލިކަކީ ފެޝަން އައިކަންއެއްގެ ގޮތުގައި ވެސް ޒުވާނުންގެ މެދުގައި މަގުބޫލު ފަންނާނެކެވެ. އެހެންވެ އޭނާގެ ސްޓައިލް ފޮލޯކުރާ މީހުން ބައިވަރެވެ. އެފަދަ މީހުންނަށް މިފަހަރު ދަބަސްތަކެކެވެ.
ފްރާންސްގެ މަޝްހޫރު ފެޝަން ކުންފުނި ދަ ކޫޕްލްސްއާ ގުޅިގެން 26 އަހަރުގެ ލަވަކިޔުންތެރިޔާ ފަރުމާކޮށްފައިވާ މި ދަބަސް ކަލެކްޝަންގައި ލެދަރު ވެސް ބޭނުންކޮށްފައިވެ އެވެ.
މީގެ އެންމެ ހާއްސަ ކަމަކީ ދަބަސްތަކުން ޒޭންގެ ގޮތްގަނޑު ދައްކުވައިދޭނެތީ އެވެ.
އެމެޒޯން އިން މިހާރު ޕްރި-އޯޑަރަށް ހުޅުވާލައިފައިވާ ދަބަސް ކަލެކްޝަނުގައި ތަފާތު ކުލަތަކާއި ތަފާތު ޑިޒައިންތައް ހިމެނޭނެ އެވެ. ދަބަހެއްގެ ރިޓެއިލް އަގަކީ 500 ޑޮލަރެވެ.
ދަ ކޫޕްލްސް އިން ބުނި ގޮތުގައި ކުރީގެ މަޝްހޫރު ބޭންޑް ވަން ޑިރެކްޝަންގެ މެމްބަރާ ގުޅިގެން ފިރިހެނުންނަށް ހާއްސަ ދަބަސް ކަލެކްޝަނެއް ފުރަތމަ ފަހަރަށް ގެނެސް ދޭން ނިންމީ ޒޭންގެ ސްޓައިލް ގިނަ ބަޔަކަށް ކަމުދާތީ އެވެ. އަދި މި ދަބަސްތައް ޒުވާނުންގެ މެދުގައި ވަރަށް ހިނގާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ބުންޏެވެ.
މިހާރު ސޯލޯ އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޒޭންގެ އާ އަލްބަމެއް ވެސް ވަރަށް އަވަހަށް ނެރެން އަންނަނީ ތައްޔާރުވަމުންނެވެ.