08 ސެޕްޓެމްބަރ 2018 - 11:25

ތަފާތު ވައްތަރުގެ ޑްރޯންތައް މިހާރު ނަން ހުސްކޮށް ލިބެން އެބަހުއްޓެވެ. އުދުހުމުގައި ލާމަސީލު ޑްރޯންތަކާއި އަޑިއަށް ފީނުމުގައި ވެސް ދެވަނައެއް ނެތް ޑްރޯންތައް އެބަހުއްޓެވެ. އެކަމަކު ވައިގެ ތެރެއަށާއި ކަނޑުއަޑިއަށް ވެސް ހެޔޮވަރު ޑްރޯނެއް ހޯދާ ނަމަ މިވަގުތަށް އެންމެ ރަގަޅީ "ސްޕްރައި" އެވެ.
ސްވެލްޕްރޯ އާއި އާބަން ޑްރޯންސް ކުންފުނީގެ ޓެކްނޮލޮޖީން ފައްކާކޮށްފައިވާ މި ޑްރޯން ފަރުމާކޮށްފައިވަނީ ފެން ނުވަންނަ ގޮތަށެވެ. މީގެ ރިމޯޓަކީ ވެސް ކަނޑުމައްޗަށް ހެޔޮވަރު ރިމޯޓެކެވެ. ފެން ނުވަންނާނެކަން ޔަގީނެވެ. ފުރަތަމަ ނަޒަރުން ސްޕްރައި ސިފަކުރެވޭނީ އާދައިގެ ޑްރޯނެއްގެ ސިފައިގައެވެ. އުދުހިފައި އައިސް މޫދަށް ޖެއްސޭނެއެވެ. މޫދުގައި ލޯންޗެއްހެން ދުއްވާލެވެއެވެ. އަދި ހިނދުކޮޅަކަށް އަޑިއަށްގޮސް ކަނޑުއަޑީގައި ފީނާލަންވެސް މި ޑްރޯން ފަރިތައެވެ. މީގެ ހަތަރު ފައިކަށީގައިވާ ބުރަފަތިތަކުން ވައިގެ ތެރޭގައި ހެލިކޮޕްޓަރެއްހައި ކުޅަދާނައެވެ. ކަނޑުއަޑީގައި ސަބްމެރީނެއްހައި ހަލުވި އެއްޗެކެވެ. ފެންމަތިން އުދުހިގަތުމާއި ފެނަށް ތިރިކުރުމުގެ ކުޅަދާނަކަން މިއަށް ލިބިފައިވެއެވެ.
ސްޕްރައި ފަރުމާކޮށްފައިވަނީ ރޭސް ޖަހާ ޑްރޯނެއް އުދުހޭ ބާރުމިނަށް ދަތުރުކުރެވޭ ފެންވަރުގައެވެ. މީގައި ހިމެނެނީ އެންމެ ފަހުގެ 4ކޭ ފެންވަރުގެ ކެމެރާއެކެވެ. އިރުގެ ސީދާ ދޯދިތަކުން އަންނަ ގަދަ އަލި ކަނޑުވާލަދޭ މަތިގަނޑެއް ހިމެނޭ ގޮތަށް މި ޑްރޯން އުފައްދާފައިވަނީ ސާފު ރީތި މަންޒަރުތައް ރައްކާކުރެވޭނެކަން ކަށަވަރުކޮށްދެމުންނެވެ. ގަޑިއަކު 70 ކިލޯމީޓަރުގެ ބާރުމިނުގައި އުދުހުމުގެ ބާރު މިއަށް ލިބިފައިވެއެވެ. މި ބާރުމިނުގައި ދަތުރުކުރަމުން ނަގާ މަންޒަރުތައް އިތުރަށް ސާފުކޮށްދެނީ މީގެ އެޕްގެ އެހީގައި ކެމެރާގެ ސެޓިންގްތައް ހަމައަކަށް އަޅުވައިގެންނެވެ. ބެޓެރީ ބަދަލުކުރާ ކޮންމެ ފަހަރަކު 17 މިނިޓްވަންދެން މީގެ ބޭނުންކުރެވެއެވެ.
ސްޕްރައިގެ ރިމޯޓް ކޮންޓްރޯލް އުފައްދާފައިވަނީ 4.3 އިންޗީގެ ކުޑަ މޮނީޓަރެއް ހިމަނައިގެންނެވެ. ޑްރޯނުން ނަގާ މަންޒަރުތައް މި ކުޑަ މޮނީޓަރުން ފެންނާނެއެވެ. ނޫން ނަމަ ސްޕްރައި ގޮގްލްސްގެ އެހީގައި ހުރިހާ އެކުވެރިންނަށް މި މަންޒަރުތައް ވައިފައިކޮށް ހިއްސާކުރެވޭނެއެވެ.