ދަގަނޑޭ ފަދަ ކުޅުންތެރިޔަކު އަހަރެމެން ބޭނުން: ލަންކާ ކޯޗު
ދަގަނޑޭ ފަދަ ކުޅުންތެރިޔަކު އަހަރެމެން ބޭނުން: ލަންކާ ކޯޗު

މީގެ ފަސް އަހަރު ކުރިން ނޭޕާލްގައި އޮތް ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި ރާއްޖޭން ވަނީ ސްރީ ލަންކާ އަތުން 10-0 އިން މޮޅުވެފަ އެވެ. އެ މެޗުގައި ޑަބަލް ހެޓްރިކެއް ހެދި އަލީ އަޝްފާގް (ދަގަނޑޭ) ނެތި ރާއްޖޭން މި އަހަރުގެ މުބާރާތާ ކުރިމަތިލައި ފުރަތަމަ މެޗުގައި މިރޭ ވަނީ ލަންކާއާ 0-0 އިން އެއްވަރުވެފަ އެވެ.

ދަގަނޑޭ ފަދަ ކުޅުންތެރިޔަކު އަހަރެމެން ބޭނުން: ލަންކާ ކޯޗު
ދަގަނޑޭ ފަދަ ކުޅުންތެރިޔަކު އަހަރެމެން ބޭނުން: ލަންކާ ކޯޗު

މި ފަހަރު ރާއްޖޭގެ ޓީމުގައި ދަގަނޑޭ ނެތުމަކީ ލަންކާ އަށް އޮތް ހިތްހަމަޖެހުމެއްތޯ ސުވާލުކުރުމުން ލަންކާގެ ކޯޗު ނިޒާމް ޕަކީރު އަލީ ބުނީ އޭނާގެ ޓީމަށް ދަަގަނޑޭ ފަދަ ކުޅުންތެރިޔަކު ވަރަށް ބޭނުންތެރި ކަމަށެވެ.

"މިއީ އަހަރެން ޖަވާބުދޭން އެންމެ ރަނގަޅު ސުވާލެއް ނޫން ކަންނޭނގެ. އެކަމަކު އަހަރެން ބޭނުން އެއްޗެއް ބުނާނަން. އެއީ ލަންކާގައި އަޝްފާގު ކަހަލަ ކުޅުންތެރިއެއް ހުރިނަމަ އަހަރެން އޭނާ ބޭނުން ކުރާނަން. އަހަރެމެން ބޭނުން އަޝްފާގު ކަހަލަ ކުޅުންތެރިއެއް. އަހަރެން މި ދައްކަނީ އެއްގޮތަކަށް ވެސް ރާއްޖޭގެ ޓީމުގެ ވާހަކައެއް ނޫން. އަހަރެމެން ދަގަނޑޭ ކިޔާ ކުޅުންތެރިއެއް އަޝްފާގަކީ. އަހަރެން އޭނާ ބޭނުން،" ކުރިން ރާއްޖޭގައި ކުޅުމުގެ އިތުރުން ކޯޗިންގައި ވެސް ގިނަ މަސައްކަތްތަކެއް ކުރި ޕަކީރު އަލީ ބުންޏެވެ.

އޭނާ ވަނީ މި މެޗުގައި ލަންކާގެ ފަރާތުން ފެނުނު ކުޅުމަށް ތައުރީފް ކޮށްފަ އެވެ. އަދި އޮތް ހަމައެކަނި ހިތްހަމަނުޖެހުމަކީ ރެފްރީގެ ބައެއް ނިންމުންތައް ބޭއިންސާފުން އޭނާގެ ޓީމާ ދެކޮޅަށް ދިއުން ކަމަށް ބުންޏެވެ.

"އަހަރެން ވަރަށް ހިތްހަމަ ޖެހޭ މި ޓީމުން ދެއްކި ކުޅުމާ މެދު. އެއީ ފާއިތުވި އަހަރުތަކުގައި އަހަރެމެން ދިޔައީ ވަރަށް ގިނައިން ރާއްޖެ އަތުން ބަލިވަމުން. އެކަން މި ފަހަރު ނުވީމަ އަހަރެން ހިތްހަމަ ޖެހޭ. ދެން އޮތް ހިތްހަމަ ނުޖެހުމެއް އެއީ ރެފްރީގެ ނިންމުންތައް އަހަރެމެންނާ ދެކޮޅަށް ދިއުން،" ޕަކީރު އަލީ ބުންޏެވެ.

ތިން ޓީމު ވާދަކުރާ މި ގްރޫޕުން އިންޑިއާ އަށް ވަނީ ސެމީގެ ފުރުސަތު ލިބިފަ އެވެ. މި ގްރޫޕުގެ ފަހު މެޗުގައި އާދިއްތަ ދުވަހު ރާއްޖެ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް ސެމީ އަށް ދެވޭނެ އެވެ. އެކަމަކު އެ މެޗުން ރާއްޖެ ދެ ލަނޑަށް ވުރެ ތަފާތު ބޮޑުކޮށް ބަލިވެއްޖެނަމަ ސެމީގެ އަނެއް ޖާގަ ލިބޭނީ ލަންކާ އަށެވެ.

"އަހަރެމެން އަދިވެސް އިންތިޒާރުގައި މި ތިބީ. އުއްމީދު ދޫކޮށެއް ނުލަން. ބަންގްލަދޭޝްގައި އަހަރެމެންގެ ރައްޓެހިން ގާތުގައި މި ވަގުތު މަޑުކޮށްލައިގެން މި ތިބީ،" ސެމީ ފައިނަލުގެ ޖާގަ އަކަށް އުއްމީދު ކުރަންތޯ ސުވާލުކުރުމުން ޕަކީރު އަލީ ބުންޏެވެ.

ރާއްޖެ އަށް މިއަދުގެ މެޗުގައި ލަނޑެއް ޖެހިޔަނުދޭން އެންމެ މޮޅު ކުޅުމެއް ދެއްކީ ލަންކާގެ ގޯލު ބެލެހެއްޓި ރާއްޖޭގެ އީގަލްސް އަށް ކުޅޭ ގޯލްކީޕަރު ސުޖަން ޕެރޭރާ އެވެ. ޕަކީރު އަލީ ވަނީ ސުޖަން ދެއްކި ކުޅުމަށް ތައުރީފް ކޮށްފަ އެވެ.

"ސުޖަން ވަަރަށް މޮޅަށް ކުޅުނު. އަހަރެމެންނަށް ވަރަށް މުހިއްމު އޭނަ. އޭނަ އަކީ ރާއްޖޭގައި ވެސް ވަރަށް މޮޅަށް ކުޅޭ ކީޕަރެއް. ދެން މިހާރު މިވީ ގޮތުން ސުޖަންގެ އަގު ރާއްޖޭގައި ވަރަށް ބޮޑަށް އުފުލޭނެ،" ޕަކީރު އަލީ ބުންޏެވެ.

މިއީ ސާފްގެ ތާރީހުގައި ރާއްޖެ އާއި ލަންކާ އެއްވަރުވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ސާފްގައި މި ދެ ޓީމު އެއްވަރުވީ 1999 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އޭގެ ފަހުން 2004 ވަނަ އަހަރު "ހަވީރު" ނޫހުން ރާވައިގެން މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ވެސް މި ދެ ޓީމު އެއްވަރުވި އެވެ. އެންމެ ފަހުން މި ދެ ޓީމު އެއްވަރުވީ 2009 ވަނަ އަހަރު ކޮލަމްބޯގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގަ އެވެ.