07 ސެޕްޓެމްބަރ 2018 - 19:17

އިދިކޮޅު ޕާޓީތަކުން މާދަމާ ރޭ އަލިމަސްކާނިވަލުގައި ބާއްވާ ކެމްޕޭން ޖަލްސާ އިޝްތިހާރު ކުރަން ދުއްވި ޕިކަޕް ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.
އެމްޑީޕީން ބުނިގޮތުގައި ޕިކަޕް ފުލުހުންގެ ބެލުމުގެ ދަށަށް، ޓޯޔާޑަށް ގެންދިޔައީ ދެ ފަހަރެއްގެ މަތިން ހުއްޓުވުމަށް ފަހު އެވެ. ޕިކަޕް ގެންދިޔައީ އަޑުގަދަކުރާ ބޭނުންކޮށްގެން ޖަލްސާ އިޝްތިހާރުކުރަން ދުއްވަނިކޮށް މަޖީދީ މަގުންނެވެ.
އެ ޕިކަޕް ހުއްޓުވި ސަބަބެއް ފުލުހުން އަދި ނުބުނެ އެވެ.
އިދިކޮޅު ޖަލްސާއެއް ބާއްވަން މާލެ އިން ބިމެއް މި ދޫކުރީ، ތިން އަހަރު ވަންދެން ފުރުސަތު ނުދީ ހިފެހެއްޓުމަށް ފަހު އެވެ. އެހެންކަމުން އެ ޖަލްސާގައި، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ތިބި މީހުންގެ އަދަދު ދައްކާލާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ވަނީ ބުނެފަ އެވެ.