07 ސެޕްޓެމްބަރ 2018 - 18:32

މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލުމާއެކު އެ ދެމެދުގައި ބަސް ދަތުރަށް ވެސް މިއަދު ފަށައިފި އެވެ.

މާލެއިން ހުޅުމާލެއަށް ދަތުރު ކުރި އެންމެ ފުރަތަމަ ބަސް 67 މީހުންނާއެކު ފުރީ ހަވީރު 4:13 ގައި ބީއެމްއެލް ބާސްކެޓް ކޯޓުގައި އަލަށް އިމާރާތްކޮށްފައިވާ ބަސް ޓާމިނަލުންނެވެ. އެ ބަހުގައި ހުޅުމާލެއަށް ދެވުނީ 19 މިނެޓުންނެވެ.

ބަސް ދުއްވުމަށް ހަވާލުކޮށްފައިވާ އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ވިދާޅުވީ މި ވަގުތު ބަހުގެ ހިދުމަތް ދޭން ނުވަ އުޅަނދެއް ގެނެސްފައިވާ ކަމަށެވެ.
މިއަދުން ފެށިގެން ފުރަތަމަ ފަސް ދުވަހަކީ ޓެސްޓު ދަތުރުތަކެއް ކުރާނެ ދުވަސްތައް ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އެހެންކަމުން އެ ފަސް ދުވަހު ބަހުގެ ހިދުމަތަށް ފައިސާ ނުނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދު ބަސް ދަތުރުތައް އޮންނާނީ ހަވީރު 4:00 ފެށިގެން 6:00 ހަމައަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 7:00 ފެށިގެން ހަވީރު 6:00 ހަމައަށް ދަތުރުތައް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އާދީއްތަ ދުވަހުން ފެށިގެން ރޭގަނޑާ އެއްކޮށް ދަތުރުތައް އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބަސް ދަތުރުތަކުގެ ޝެޑިއުލާއި ނަގާނެ ފީގެ އަދަދު ކަނޑައަޅާނީ އަޖުމަ ބެލުމުގެ ދަތުރުތަކަށްފަހު އަންނަ އަންގާރަ ދުވަހަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެމްޕީއެލުން ބަލަނީ ކޮންމެ ފަސް މިނެޓުން ނުވަތަ 10 މިނެޓުން ބަަސް ދަތުރު ބޭއްވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް ބާސްކެޓް ކޯޓު ކުރިމަތިން އިންޑަސްޓްރިއަލް ވިލެޖު ކައިރީގައި އިމާރާތް ކޮށްފައި ހުރި އެމްޕީއެލްގެ ބަސް ޓާމިނަލުން މޯލްޑިވިއަންގެ ފްލައިޓުތަކަށް ޗެކިންވުމުގެ ހިދުމަތް ވެސް ދޭނެ އެވެ.
އެގޮތުން ބަސް ޓާމިނަލަށް ގޮސް ޗެކިންވެފައި ލަގެޖްތައް ޓާމިނަލާ ހަވާލު ކުރުމުން ބޯޓާ ހަމައަށް ގެންގޮސްދޭނެ ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ.
ބަސް ޓާމިނަލް ހަދާފައި ވަނީ އެތެރެ އެއާކޮންޑިޝަންކޮށް ނަމާދު ކޮޓަރި އާއި ޅަދަރިމައި މީހުން ބޭނުން ކުރާ ކޮޓަރިއަކާއި ފާހާނާ ބަރިއަކާ އެކު އެވެ.
ބްރިޖާއި ރިންގު ރޯޑުގެ ލޭންތަކުގައި ދުއްވާނެ ގޮތް:
- ބްރިޖާއި ރިންގު ރޯޑުގެ ވެސް އެންމެ ބޭރު ދެ ލޭން ހާއްސަކޮށްފައި ވަނީ ޕަބްލިކް ބަސް އަދި ދެ ފުރޮޅުލީ އިންޖީނު އުޅަނދަށް.
- ބްރިޖާއި ރިންގު ރޯޑުގެ މެދުގައިވާ ދެ ލޭން ޚާއްސަކޮށްފައި ވަނީ ބަސް ފިޔަވައި ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދުތަކަށް.
- ބްރިޖުގައި ހިނގާ މީހުންނާއި ދުވާ މީހުންނަށް ޚާއްސަކޮށްފައި ވަނީ ދެ ފަރާތުގައި ވާ ލޭން.
ބްރިޖުގެ ވެހިކަލްތައް ދުއްވާ ލޭންތަކުގައި ހިނގާފައި އުޅުމަކީ މަނާ ކަމެކެވެ. އަދި އެ ލޭންތަކުގައި ސައިކަލް ދުއްވާއިރު އަމިއްލަ އަށް އިށީނދެ ނުތިބެވޭވަރުގެ ކުޑަކުދިން ގޮވައިގެން ދުއްވުމަކީ މަނާކަމެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކަނޑައަޅާފައިވާ ސްޕީޑަށް ވުރެ ބާރުމިނުގައި ބްރިޖުގައި ދުއްވާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އެއާއެކު، ބްރިޖާއި ރިންގު ރޯޑުގެ އެއްވެސް ސަރަހައްދެއްގައި ޕާކު ވެސް ނުކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ.