07 ސެޕްޓެމްބަރ 2018 - 17:57

ކޮލަމްބޯ (ސެޕްޓެމްބަރު 7) - ކޮރަޕްޝަނުގެ ތުހުމަތުތައް ބޮލުގައި އެޅި އެންމެ ފަހުން ސަލާމަތް ނުވާ ހިސާބަށް ދިއުމުން ޚާރިޖީ ވަޒީރުކަމުން އިސްތިއުފާ ދެއްވި ރަވީ ކަރުނަނަޔަކަ އަަނެއްކާ ވެސް ކެބިނެޓަށް ގެންނަން މަޝްވަރާ ކުރަމުންދާ ކަމަށް ލަންކާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
ކެބިނެޓުގެ މަގާމެއް ރަވީ އަށް ދިނުމާ ގުޅޭ ގޮތުން ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ޕޮލިޓިކަލް ބިއުރޯގެ ބައްދަލުވުމެއްްގައި ވަނީ މަޝްވަރާ ކޮށްފަ އެވެ. އަދި އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ކަމަށް ޚަބަރުތައް ބުނެ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު ރަވީ އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ޕާލަމެންޓަށް ހުށަހަޅާފައި ވަނިކޮށެވެ. އަދި އޭރު ކެބިނެޓުގެ ބައެއް މިނިސްޓަރުން ވެސް ވަނީ ރަވީ މަގާމުން ވަކިކުރަން ރައީސް މައިތުރިޕާލާ ސިރިސޭނާ އަށް ދަންނަވައިފަ އެވެ.
ރަވީގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ މަރުކަޒީ ބޭންކުގެ ބޮންޑުގެ މައްސަލާގައި ތުހުމަތުކޮށްފައިވާ ވިޔަފާރިވެރިޔާ އަރްޖުނާ އަލޮއިސިއަސްއާ ގުޅުން އޮންނަ މައްސަލައިގަ އެވެ. މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު އަރުޖުނާ މަހެންދުރަގެ ޅީ ދަރިފުޅެއް ކަމަށްވާ އަލޮއިސިއަސް ވަނީ ރަވީގެ އާއިލާ އަށް 8.7 މިލިއަން ރުޕީސްގެ ލަގްޒަރީ އެޕާޓްމަންޓެއް ގަނެދީފަ އެވެ.
ރަވީ ވަނީ ލަންކާގެ ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.