ދެ ވަނަ ހާފް: ރާއްޖެ 0 - 0 ލަންކާ
ދެ ވަނަ ހާފް: ރާއްޖެ 0 - 0 ލަންކާ

ރާއްޖެ އާއި ލަންކާ 0-0 އިން އެެއްވަރުވެގެން މެޗު ނިމިއްޖެ.

ދެ ވަނަ ހާފް: ރާއްޖެ 0 - 0 ލަންކާ
ދެ ވަނަ ހާފް: ރާއްޖެ 0 - 0 ލަންކާ

ރާއްޖޭން އިއްބެ ވަހީދުގެ ބަދަލުގައި އަސަދުﷲ އަރުވައިފި.

ދެ ވަނަ ހާފުގައި ރާއްޖެ އަށް ވުރެ ރަނގަޅަށް ކުޅެމުން އަންނަނީ ލަންކާ. އެ ޓީމުން ޖުމްލަ 11 ޝޮޓް ފޮނުވާލާފައިވާއިރު ރާއްޖެ އަށް ފޮނުވާލެވުނީ 10 ޝޮޓް.

ރާއްޖޭގެ ސެންޓޭ ދިން ބޯޅައަކުން ބޮބީ ގޯލް ޖެހި ނަމަވެސް އޭނާ ހުރީ އޮފްސައިޑުގައި.

އެ ހަމަލާގެ މިނެޓެއް ފަހުން ލަންކާގެ ކަވިންދު ދެ ވަނަ ފަހަރަށް ފޮނުވާލި ނުރައްކާތެރި ޝޮޓް ވެސް ފައިސަލް މަތަކޮށްފި. ލަންކާ އިން އަންނަނީ ރާއްޖެ އަށް ވަރަށް ބޮޑަށް ނުރައްކާކުރަމުން.

ލަންކާ އިން ކައުންޓާ އެޓޭކެއްގައި ފޮނުވާލި ނުރައްކާތެރި ބޯޅައެއް ރާއްޖޭގެ ކީޕަރު ފައިސަލް މަތަކޮށްފި. ލަންކާ އަށް މެޗުގައި ލިބުނު އެންމެ ރަނގަޅު އެއް ފުރުސަތު.

ދާދުގެ ބަދަލުގައި ފޭދޫ އިއްބެ އަރުވައިފި.

ލަންކާ އިން ގޯލެއް ޖެހުމާ ވަރަށް ގާތަށް. އެ ޓީމުގެ ކަވިންދު އަށް އޭރިއާ ބޭރުން ލިބުނު ބޯޅަ ކޮންޓްރޯލްކޮށްލުމަށް ފަހު ކީޕަރު ފައިސަލްގެ ބޯމަތިން ގޮސް އެ ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން.

ލަންކާ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ފަހު ސެންޓޭ ކުރިއަށް ފޯރުކޮށްދިން ބޯޅަ އަށް އިއްބެ އެރި ނަމަވެސް އޭނާ ފައިގައި ލައްވާލުމުގެ ކުރިން ސުޖަން އެ ބޯޅަ ނަގައިފި.

ސެންޓޭ އަރިމަތިން ގޯލް ކުރިމައްޗަށް ހުރަސްކުރި ބޯޅަ އިރުފާން ވެއްޓިގެންފައި ފޮނުވާލަން އުޅުނު ނަމަވެސް ފައިގައި ލައްވާލާ ގޮތެއް ނުވި. އޭރު ލައިންސްމަން ހުރީ އޮފްސައިޑް ދިދަ ނަގައިގެން.

ލަންކާގެ ކައުންޓާ އެޓޭކެއް ހުއްޓުވައި ރާއްޖޭން ކުރިއަށް ފޮނުވާލި ބޯޅަ އޭރިއާ ތެރެއިން ދާދު ޖަހަޖަހާ އޮއްވާ ލަންކާ ކީޕަރު ސުޖަން އެ ބޯޅަ ސަލާމަތްކޮށްފި.

ރާއްޖޭގެ އަކްރަމް ބޯޅަ ހިފައިގެން އޭރިއާ އަށް ވަންނަނިކޮށް ލަންކާގެ ވަރަކަގޮޑާ އޭނާ ވައްޓާލުމުން ރީނދޫ ކާޑެއް ދައްކައި ހިލޭ ޖެހުމެއް ދީފި. އެ ހިލޭ ޖެހުމުން ސެންޓޭ ފޮނުވާލުމުން ދިޔައީ ވަރަށް ނުރައްކާތެރިކޮށް.

ރާއްޖޭން އަސަދުﷲ އަބްދުﷲ އާއި ރިހާމް އަބްދުލްގަނީ (ބޮބީ) އަދި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވާމް އަޕަށް ނެރެފި.

ލަންކާ އިން ފުލުފުލުގައި ތިން ހަމަލާ ފޮނުވާލައިފި. ފުރަތަމަ ފަހަރު އޮފްސައިޑްވީ ނަމަވެސް އަނެއް ދެ ބޯޅައިން އެ ޓީމުން ރާއްޖޭގެ ގޯލަށް ނުރައްކާކުރި.

ދެ ވަނަ ހާފު ފަށައިފި.

ފުރަތަމަ ހާފު ނިމިއްޖެ. ސްކޯ އަކީ 0-0.

ރާއްޖެ އަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެއްޖެ. މެދުތެރެއިން ދާދު ކުރިއަށް ވައްޓާލި ބޯޅަ ހަމްޕު އަށް ލިބުމުގެ ކުރިން ލަންކާ ޑިފެންޑަރު ފައިގައި ޖެހިފައި ދެން ލިބުނީ ކީޕަރު ސުޖަން އަށް. އޭނާ ޕަންޗުކޮށްލުމުން ގޯލް ކުރިމަތީ ހުސްކޮށް ހުރި ހަމްޕު އަށް ލިބިލިބި އޮއްވާ ލަންކާ ޑިފެންޑަރުން ވަނީ ބޭރުކޮށްލާފައި.

ލަންކާ އިން ކުޅެނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން. އެ ޓީމުން މަސައްކަތްކުރާނީ ރާއްޖޭގެ އެޓޭކްތައް ހުއްޓުވުމަށް ކުރިއަށް ދިގު ބޯޅައެއް ލައިގެން ހަމަލާ އުފައްދަން.

މެޗު ކުރިއަށްދާ ވަރަކަށް ލަންކާ އިން އަންނަނީ މަޑުމަޑުން ހަމަލާތައް ވަރުގަދަކުރަމުން. ދެންމެ އުފެއްދި ހަމަލައެއްގައި އޭރިއާ ތެރެއިން މަދުޝަން ޖައްސާލި އޭރިއާ ބޭރުގައި ހުރި ޑިލަން ޖެހުމުން ދިޔައީ ގޯލް މަތިން.

ޅަންކާގެ މަދުޝަން ރާއްޖޭގެ ދެ ޑިފެންޑަރުން ކައިރިން ދެމި ގަނެ އޭރިއާ ތެރެއަށް ވަދެ ގޯލަށް ބޯޅަ ފޮނުވާލަން އުޅެނިކޮށް ސަމުއްޓެ އެ ބޯޅަ ދިފާއުކޮށްފި.

ރާއްޖޭގެ ހަމްޕު އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅަ ލަންކާ ޑިފެންޑަރަކު ބްލޮކްކޮށްފި.

ރާއްޖޭގެ ނުރައްކާތެރި ހަމަލައެއް އަނެއްކާ ވެސް ލަންކާ ކީޕަރު ސުޖަން މަތަކޮށްފި. ހަމްޕު ދިން ބޯޅައެއް އޭރިއާ ތެރެއިން ދާދު ހުސްކޮށް ހުރެ ގޯލް ބުޑުން ފޮނުވާލުމުން ސުޖަން ވަނީ މަތަކޮށްފައި.

ރާއްޖޭން ހަ ހަމަލާ މިހާތަނަށް ފޮނުވާލާފައިވާއިރު ލަންކާ އަށް ފޮނުވާލެވުނީ ދެ ހަމަލާ.

ލަންކާ އިން ކައުންޓާ އެޓޭކެއްގައި ގޯލެއް ޖަހައިފި. އެކަމަކު އެ ގޯލް ޖެހިއިރު އެ ޓީމުގެ އަސޭލާ މަދުޝަން އޮފްސައިޑުގައި ކަމަށް ލައިންސަން ވަނީ ދިދަ ނަގާފައި. އެހެންވެ ރެފްރީ އެ ލަނޑު ގަބޫލެއް ނުކުރޭ.

ލަންކާ އިން މަސައްކަތްކުރަނީ ރާއްޖޭގެ ހަމަލާތައް ހުއްޓުވުމަށް ފަހު ކައުންޓާ އެޓޭކްކުރަން. އެކަމަކު އަދި އެ ޓީމަށް ރާއްޖޭގެ ގޯލަށް ނުރައްކަލެއް ކުރެވޭ ގޮތެއް ނުވޭ.

އޭރިއާ ބޭރުން ރާއްޖޭގެ ދާދު ފޮނުވާލި ބާރު ހަމަލައެއް ލަންކާ ކީޕަރު ސުޖަން މަތަކޮށްފި.

ފުރަތަމަ 10 މިނެޓުގެ ކުޅުން ނިމުން އިރު ހުރިހާ ގޮތަކުން ވެސް ކޮންޓްރޯލް އޮތީ ރާއްޖޭގެ އަތުގައި. ލަންކާގެ ފަރާތުން ފެނިގެން ދަނީ ފައުލް ގިނަ ފިޒިކަލް ގޭމެއް.

ކޯނަރަކުން ދާދު ހުރަސްކުރި ބޯޅައެއް ރާއްޖޭގެ އިއްބެ ވަހީދު އޭރިއާ ތެރެއިން ހުހަށް ހުރެ ފޮނުވާލުމުން ލަންކާގެ ކީޕަރު ސުޖަން މަތަކޮށްފި. ވަރަށް ނުރައްކާތެރި ހަމަލައެއް.

މެޗު ފަށައިފި.

ލަންކާގެ ކޯޗު ނިޒާމް ޕަކީރު އަލީ އަކީ ރާއްޖޭގައި ކުޅެފައިވާ ކުޅުންތެރިޔެއް. އަދި ކޯޗެއްގެ ގޮތުގައި ވެސް ރާއްޖޭގައި ވަނީ މަސައްކަތްކޮށްފައި. އަދި އެ ޓީމުގެ ގޯލްކީޕަރަކީ ރާއްޖޭގެ ކްލަބް އީގަލްސް އަށް ކުޅޭ ކުޅުންތެރިޔެއް.

ސްރީލަންކާ އެންމެ ފަހުން ރާއްޖެ އަތުން މޮޅުވީ 2002 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗަކުން. އޭގެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަތަރު މެޗުން ރާއްޖެ މޮޅުވިއިރު، ތިން މެޗު ނިމުނީ އެއްވަރުވެގެން. މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި. އެ ފަހަރު 10-0 އިން ރާއްޖެ މޮޅުވިއިރު، އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ދެ ހެޓްރިކް ހެދި. މި ފަހަރުގެ ޓީމުން ތަފާތު ސަބަބުތަކާ ހުރެ ދަގަނޑޭ އަށް ފުރުސަތު ނުދޭން ސެގާޓް ވަނީ ނިންމައިފައި. އެކަމާ ގިނަ ބަޔަކު ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައި.

މިއީ މި ފަހަރުގެ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު. ލަންކާ ވަނީ ފުރަތަމަ މެޗުން އިންޑިއާ އަތުން 2-0 އިން ބަލިވެފައި. މި މެޗުން ބަލިވެއްޖެ ނަމަ ލަންކާ ކަޓައި ރާއްޖެ އާއި އިންޑިއާ ސެމީ ފައިނަލަށް ދާނެ.

ރާއްޖޭގެ ފުރަތަމަ އެގާރަ: މުހައްމަދު ފައިސަލް (ގޯލްކީޕަރު)، އަކްރަމް އަބްދުލްގަނީ (ކެޕްޓަން)، ސަމޫހު އަލީ (ސަމުއްޓެ)، ހުސެއިން ސިފާހު، މުހައްމަދު މުޖުތާޒު (މުޖޭ)، މުހައްމަދު އާރިފް (ބަކާ)، އިބްރާހިމް ވަހީދު ހަސަން، މުހައްމަދު އިރުފާން، އަލީ ފާސިރު (ސެންޓޭ)، ނާއިޒް ހަސަން (ދާދު)، ހަމްޒާ މުހައްމަދު (ހަމްޕު).

ސާފް ސުޒުކީ ކަޕުގައި ދިވެހިރާއްޖެ އާއި ސްރީ ލަންކާ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.