07 ސެޕްޓެމްބަރ 2018 - 18:49

އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ވެރިކަން ލިބިއްޖެ ނަމަ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި އޭނާ އަށް ތާއީދު ނުކުރާ މީހުން ވަޒީފާ އިން ވަކިކުރާނެ ކަމުގެ ބިރު، އިދިކޮޅު އެމްޑީޕީން ދައްކަމުންދާ ކަމަށް ޕީޕީއެމުން މިއަދު ތުހުމަތުކޮށްފި އެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ވޯޓު ހޯދުމަށް، ސަރުކާރުގެ ކުންފުނިތަކާއި ޕީޕީއެމްގެ މެމްބަރުންނަށް އެމްޑީޕީން ބިރު ދައްކައި ގޯނާ ކުރަމުންދާ ކަމަށެވެ. ބައެއް ރަށްރަށުގައި ހުރި ޕީޕީއެމްގެ ތަކެއްޗަށް ގެއްލުންދީ މެމްބަރުންނާ މާރާމާރީ ހިންގަމުންދާ ކަމަށާއި އެ މައްސަލަތައް ތަހުގީގުކޮށްދޭން ފުލުސް އޮފީހަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ފިކުރު ތަފާތުވުމަކީ މުވައްޒަފުންނާއި ޕީޕީއެމްގެ މެމްބަރުންނަށް ބިރު ދައްކައިގެން ވޯޓު ހޯދަން ޖެހޭ ސަބަބެއް ނޫނެވެ.
ޚަލީލް ވިދާޅުވީ ކޮންމެ މީހަކީ ވެސް އެ މީހެއްގެ ސިޔާސީ ފިކުރުގައި ދެމިހުރެވޭނެ މީހެއް ކަމަށާއި ޚާއްސަކޮށް ޕީޕީއެމްގެ ސަރުކާރަކީ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ކަންކަން ކުރުވާ ބައެއް ނޫން ކަމަށެވެ. ކުންފުނިތަކަށް ބޮޑެތި ފައިދާ ލިބޭ ތަންތަނަށް ހަދައި މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސަވައި ދެއްވީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން ކަމަށް ޚަލީލް ވިދާޅުވި އެވެ.
ކުންފުނިތަކުގެ މުވައްޒަފުން ރައީސް ޔާމީނަށް ތާއީދު ކުރަނީ، ޚަލީލް ވިދާޅުވި ގޮތުގައި، ކުންފުނިތަކުގެ އާމްދަނީ އިތުރު ކުރައްވަން އެޅުއްވި ފިޔަވަޅުތައް ބަލައިގަންނާތީ އެވެ.
"އެގޮތަށް ތާއީދުކުރަމުން ގެންދާތީ އެމްޑީޕީ އަށް ވަރަށް އުނދަގޫވޭ. ތިމަންނަމެންނަށް ކުންފުނިތަކުގެ އެއްވެސް ތާއީދެއް ނެތޭ، އެހެންވީމަ މި މީހުންނަށް ބިރުދައްކައިގެން ނޫން ގޮތަށް ލިބޭނެ ވޯޓެއް ނެތޭ. ތިމަންނަމެން ވެރިކަމަށް އަތުވެއްޖެ ނަމަ ކަނޑާލާނަމޭ ކިޔައި ވާހަކަތައް ދައްކައިގެން ވޯޓު ލިބިދާނެ ކަމަށް ހީނުކުރާތި،" ޚަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުންފުނިތަކާއި ސިވިލް ސާވިސް އާއި ދައުލަތުގެ އެހެން މުއައްސަސާތަކުގެ މުވައްޒަފުން ވެސް ތިބީ ރައީސް ޔާމީނާ އެކުގަ އެވެ.
އިންސާފުވެރި އިންތިޚާބެއް ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ޕީޕީއެމުން ދެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު އެމްޑީޕީގެ އަމަލުތައް ހުރީ މިނިވަން އިންތިޚާބަކަށް ހިޔަނި އެޅޭ ގޮތަށް ކަމަށް ވިދާޅުވެ އެކަން ހުއްޓާލަން ޚަލީލް ގޮވާލެއްވި އެވެ.
އެ ބައްދަލުވުމުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވި ގޮތުގައި ރާއްޖޭގެ ރައްޔިތުން ތިބީ ދެ ވަނަ ދައުރަކަށް ރައީސް ޔާމީން އިންތިޚާބު ކުރަން ތައްޔާރަށެވެ. ޕީޕީއެމްގެ ކެމްޕޭން ދަތުރުތަކުގައި ފެންނަނީ އެ މަންޒަރު ކަމަށާއި އއ. ތޮއްޑު އާއި ރަސްދު އާއި ފުވައްމުލަކުގެ މެޖޯރިޓީ ވެސް ޕީޕީއެމަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން މުވައްޒަފުންނަށް ބިރު ދައްކަމުންދާ ކަމަށް ޕީޕީއެމުން ބުނިއިރު، މި ކެމްޕޭންގައި އިދިކޮޅު ޕާޓީތަކުން ވިސްނައިދެމުން އަންނަނީ އެ ޕާޓީގެ ވެރިކަމެއްގައި ބިރެއް ނެތި ހުރިހާ ފިކުރެއްގެ ރައްޔިތުންނަށް ވެސް މިނިވަންކަމާ އެކު މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ހަމަހަމަ ފުރުސަތުތައް ހޯދައިދޭނެ ވާހަކަ އެވެ.