07 ސެޕްޓެމްބަރ 2018 - 20:02

ސާފް ސުޒުކީ ކަޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން މިރޭ ސްރީ ލަންކާއާ ލަނޑެއް ނުޖެހި އެއްވަރުވެ ނުވަ އަހަރު ތެރޭ ލަންކާ އަތުން މޮޅެއް ނުލިބި ފުރަތަމަ ފަހަރަށް ރާއްޖޭން މެޗެއް ނިންމާލައިފި އެވެ.

މި ނަތީޖާއާ އެކު މި ގްރޫޕުން އިންޑިއާ އަށް ވަނީ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވެފަ އެވެ. މިރޭގެ މެޗަށް ފަހު ގްރޫޕް ބީގެ އެއް ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު އިންޑިއާ އެވެ. ދެ ވަނައިގައި އޮތް ރާއްޖެ އާއި ތިން ވަނައިގައި އޮތް ލަންކާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. މި ގްރޫޕުގެ ފަހު މެޗުގައި އާދިއްތަ ދުވަހު ރާއްޖެ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް ސެމީ އަށް ދެވޭނެ އެވެ. އެކަމަކު އެ މެޗުން ރާއްޖެ ދެ ލަނޑަށް ވުރެ ތަފާތު ބޮޑުކޮށް ބަލިވެއްޖެނަމަ ސެމީގެ އަނެއް ޖާގަ ލިބޭނީ ލަންކާ އަށެވެ.
މިއީ ސާފްގެ ތާރީހުގައި ރާއްޖެ އާއި ލަންކާ އެއްވަރުވި ދެ ވަނަ ފަހަރެވެ. އެންމެ ފަހުން ލަންކާ އާއި ރާއްޖެ ސާފްގައި ކުޅުނު މެޗުން 2013 ވަނަ އަހަރު ރާއްޖެ މޮޅުވީ 10-0 އިންނެވެ. އެ މެޗުގައި އަލީ އަޝްފާގު (ދަގަނޑޭ) ޑަބަލް ހެޓްރިކެއް ހެދި އެވެ. އޭގެ ކުރިން 2009 ވަނަ އަހަރުގެ ސެމީ ފައިނަލުގައި ރާއްޖެ މޮޅުވީ 5-1 އިންނެވެ. އެކަމަކު އެ އަހަރުގެ ކުރީކޮޅު ކޮލަމްބޯގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ރާއްޖެ އާއި ލަންކާ 1-1 އިން އެއްވަރުވި އެވެ.
މި މެޗަށް ރާއްޖޭން ނުކުތީ މިދިޔަ މާޗް މަހު އޭޝިއަން ގޭމްސް ކޮލިފައިންގައި ބޫޓާން އަތުން 7-0 އިން މޮޅުވި މެޗުގައި ބޭނުންކުރި ފުރަތަމަ އެގާރައާ އެކު އެވެ. މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ނާއިޒު ހަސަން (ދާދު) ނަަގައިދިން ކޯނަރަކުން އިބްރާހިމް ވަހީދު (އިއްބެެ) ބޮލުން ޖެހި ބޯޅަ ސްރީލަންކާ ގޯލު ބަލަހައްޓާ ރާއްޖޭގެ އީގަލްސްގެ ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ.
ރާއްޖެ އަށް ލީޑުނަގައިދޭން މެޗުގެ 14 ވަނަ މިނިޓްގައި އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ފަހުން ދާދު އޭރިއާ ބޭރުން ޖެހި ބާރު ބޯޅަ ވެސް ކީޕަރު ސުޖަން ވަނީ ހުއްޓުވައިފަ އެވެ.
މެޗުގެ 21 ވަނަ މިނިޓްގައި އޭރިއާ ބޭރުން ހިލޭ ޖެހުމަކުން ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ޖެހި ބޯޅައިގެ ހުރަހަކަށްވީ ވެސް ސުޖަން އެވެ.
ކައުންޓަ އެޓޭކުގައި މެޗުގެ 21 ވަނަ މިނިޓްގައި ސްރީލަންކާގެ ފޯވާޑް އަސޭލާ މަދުޝަން ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ. އޭނާ އެ ލަނޑު ޖެހިއިރު ހުރީ އޮފްސައިޑް ކަމަށް ނިންމުމަށް ފަހު ރެފްރީ އެ ލަނޑު ގަބޫލެއް ނުކުރި އެވެ. އެކަމަކު ރީޕްލޭ އިން ފެންނަ ގޮތުގައި އެ ބޯޅަ އޮފްސައިޑެއް ނޫނެވެ.
ރާއްޖޭގެ ކުރިއަށް ކުޅޭ ކުޅުންތެރިން ހަލުވިވުމުގެ ސަބަބުން ލިބޭ ކޮންމެ ބޯޅައެއް ކަހަލަ ގޮތަކަށް ލަންކާގެ ފަހަތަށް ދިޔައީ ބާރުބޮޑުވަމުންނެވެ. އެ ގޮތުން މެޗުގެ 26 ވަނަ މިނިޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) ހުސްކޮށްލާފައި ދާދު އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ސުޖަން ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ.
ލަންކާ އިން ކުޅެމުންދިޔަ ފިޒިކަލް ގޭމްގެ ސަބަބުން ރާއްޖޭގެ ކުޅުންތެރިންނަށް އުނދަގޫތަކެއް ކުރިމަތިވި އެވެ. އަދި ތަކުރާރުކޮށް އެއް ކުޅުންތެރިންތަކެއް ފައުލުކުރަމުންދާތީ ރާއްޖޭގެ ކޯޗު ޕީޓާ ސެގާޓް ވަނީ ބެންޗުގައި ހުރެ އެކަން ރެފްރީގެ ސަމާލުކަމަށް ގެންނަން މަސައްކަތްކޮށްފަ އެވެ.
މެޗުގެ 40 ވަނަ މިނިޓްގައި ލަންކާގެ އަފީލް މުހައްމަދު ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭނާ ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. ފުރަތަަމަ ހާފުގެ އިތުރު ވަގުތުގައި ރާއްޖޭގެ ހަމްޕު އަށް ލިބުނު ފުރުސަތުގައި ގޯލަށް އޭނަ ބޯޅަ ފޮނުވާލަން އުޅެނިކޮށް ލަންކާ ޑިފެންޑަރުން އެ ބޯޅަ ބޭރުކޮށްލި އެވެ.
ފުރަތަމާ ހާފާ ހިލާފަށް ލަންކާ އިން ދެ ވަނަ ހާފު ފެށީ ކުރިއަށް ވުރެ އެޓޭކަށް އިސްކަންދީގެންނެވެ. މި ހާފް ފެށިގެން ފުރަތަމަ މިނިޓް ތެރޭ އެ ޓީމުގެ އަސޭލާ އަށް އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނީ ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލްގެ ހުށިޔާރުކަމުންނެވެ.
ފުރަތަމަ ފަސް މިނިޓަށް ފަހު އަނެއްކާ ރާއްޖޭން އެޓޭކް ވަރުގަދަ ކުރަން ފެށުމުން ލަންކާ އިން ފަަހަތަށް ޖެހިގެން ކުޅެން ފެށި އެވެ. މެޗުގެ 56 ވަނަ މިނިޓްގައި ރާއްޖެ އަށް ލީޑުނަގައިދޭން މުހައްމަދު އިރުފާން (އިރޭ) އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ސެންޓޭ މުޅިން ހުސްކޮށްލާފައި ދިން ބޯޅަ ވެއްޓިގެންފައި ގޯލަށް ފޮނުވާލަން އިރޭ މަސައްކަތްކުރި ނަމަވެސް ކާމިޔާބެއް ނުވި އެވެ. އެކަމަކު އޭރު ލައިންސްމަން ހުރީ އޮފްސައިޑް ދިދަ ނަގައިގެންނެވެ.
އޭގެ ފަހުން ގާތްގާތުގައި ލަންކާގެ އާސިިިކުއްރަހުމާނާއި މުހައްމަދު ފަޒާލް ފޮނުވާލި ދެ ބޯޅަ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ.
ރާއްޖޭން ވަނީ މެޗުގެ ފަހު ވިހި މިނިޓް ތެރޭ ހަމްޕުގެ ބަދަލުގައި ރިހާމް އަބްދުލް ގަނީ (ބޮބީ) އާއި ދާދުގެ ބަދަލުގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ކުޅެން އަރުވައި ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ.
މެޗުގެ 81 ވަނަ މިނިޓްގައި ލަންކާ އިން ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. ގާތްގާތުގައި އެ ޓީމުގެ އަސޭލާ އާއި ކަވިންދޫ އިޝާން ޖެހި ދެ ބޯޅަ ވެސް ހުއްޓުވީ ކީޕަރު ފައިސަލް އެވެ. އަދި އޭގެ ފަހުން ވެސް އިޝާން ޖެހި ބޯޅައެއް ފައިސަލް ވަނީ މަތަކޮށްފަ އެވެ.
ރާއްޖެ އަށް މެޗުގެ 85 މިނިޓްގައި ބޮބީ ލަނޑެއް ޖަހައިދިނެވެ. ފޭދޫ އިއްބެ ހުސްކޮށްލާފައި ދިން ބޯޅަ ގޯލު ކުރިމަތީގައި ހުސްކޮށްހުރެފައި ބޮބީ ވަނީ އެ ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ. އެހެން ނަމަވެސް ލަނޑު ޖެހިއިރު ބޮބީ އޮފްސައިޑްގައި ހުރުމުން ރެފްރީ ނިންމީ އެ ލަނޑު ނުލާށެވެ. އޭގެ ފަހުން އިތުރު ވަގުުތުގައި ފޭދޫ އިއްބެ ޖެހި ބޯޅައެއް ކީޕަރު ސުޖަން ވަނީ ހުއްޓުވައިފަ އެވެ.