07 ސެޕްޓެމްބަރ 2018 - 13:12

މެކްސިކޯ ސިޓީ (ސެޕްޓެމްބަރު 7) – މަޝްހޫރު ފުޓްބޯޅަ ކޯޗު ޕެޕް ގާޑިއޯލާ ކުޅުންތެރިޔެއްގެ ގޮތުގައި އެންމެ ފަހުން ފެނުނު ކްލަބް ކަމަށްވާ މެކްސިކޯގެ ޑޮރަޑޮސް ޑި ސިނަލޯގެ ކޯޗަކަށް އާޖެންޓީނާގެ ކުރީގެ ކެޕްޓަން އަދި ކޯޗު ޑިއެގޯ މަރަޑޯނާ ހަމަޖައްސައިފި އެވެ.
އޭނާ މި މަގާމާ ހަވާލުވިއިރު، މިދިޔަ މޭ މަހު ވަނީ ބެލަރޫސްގެ ފުރަތަމަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ޑައިނަމޯ ބްރެސްޓުގެ ޗެއާމަންގެ މަގާމާ ވެސް ހަވާލުވެފަ އެވެ. އެ ކްލަބުން އޭރު ބުނީ މަރަޑޯނާގެ ދައުރަކަށްވާނީ ދިގު މުއްދަތަކަށް ކްލަބް ރަނގަޅު ގޮތުގައި ހިންގާނެ ގޮތުގެ ޕްލޭން ހަދައި އެކަމުގެ އަމަލީ މަސައްކަތްކުރުން ކަމަށެވެ.
އާޖެންޓީނާ އަށް 1986 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން މަރަޑޯނާ އެންމެ ފަހުން ކޯޗުކޮށްދިން ޔޫއޭއީގެ އަލް ފުޖައިރާ އިން އޭޕްރިލް މަހު ވަކިވީ އެ ޓީމު ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްނުދެވުމުންނެވެ. މީގެ ކުރިން ޔޫއޭއީގެ އަލް ވަސްލް އަށް ވެސް ކޯޗުކޮށްދިން މަރަޑޯނާގެ ކޯޗިން ކެރިއަރުގައި މިހާތަނަށް އެކަށީގެންވާ ކާމިޔާބެއް ނުހޯދެ އެވެ. އޭނާ އަށް އާޖެންޓީނާގެ ގައުމީ ކޯޗުކަން 2008 އިން 2010 އަށް ލިބުނު ނަމަވެސް، މާބޮޑު ކަމެއް ނުކުރެވުނެވެ. އެގޮތުން ލިއޮނަލް މެސީ ފަދަ ކުޅުންތެރިންނާ އެކު ފޭވަރިޓުންގެ ގޮތުގައި ނުކުމެ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ދެ ވަނަ ބުރުން ކެޓީ އެވެ.
މެކްސިކޯގެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރާ ޑޮރަޑޮސް އޮތީ ޖުލައި މަހު ފެށި ސީޒަނުގައި 13 ވަނައިގަ އެވެ. ހަ މެޗު ކުޅުނުއިރު ތިން މެޗުން ބަލިވެ ތިން މެޗު އެއްވަރުވީ އެވެ. އެހެންވެ މެކްސިކޯ ކޯޗު ޕަކޯ ރަމިރޭޒް ވަކިކުރުމަށް ފަހު މަރަޑޯނާ ގެނައީ އެވެ.
މެކްސިކޯ ފުޓްބޯޅައަށް 2003 ވަނަ އަހަރު ތައާރަފްވި މި ކްލަބް ގިނަ ބަޔަކު ފާހަގަކުރަނީ ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު ގާޑިއޯލާ ކެރިއަރު ނިންމާލި ކްލަބުގެ ގޮތުގަ އެވެ. އޭނާގެ ކާމިޔާބު ކޯޗިން ކެރިއަރު 2007 ވަނަ އަހަރު ބާސެލޯނާގެ ޔޫތު ޓީމާ އެކު ފެށީ ޑޮރަޑޮސް އަށް 2006 ގައި ކުޅުމަށް ފަހު އެވެ.