ދެ ޗެމްޕިއަނުންގެ މެޗު އެއްވަރުވެއްޖެ
ދެ ޗެމްޕިއަނުންގެ މެޗު އެއްވަރުވެއްޖެ

ބާލިން (ސެޕްޓެމްބަރު 7) – އަލަށް ފެށި ޔުއެފާ ނެޝަނަލް ލީގުގެ ފުރަތަމަ މެޗުގައި މި އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަން ފްރާންސާއި 2014 ވަނަ އަހަރުގެ ޗެމްޕިއަން ޖަރުމަން 0-0 އިން އެއްވަރުވެއްޖެ އެވެ.

އާ މުބާރާތެއް ފަށަން ވަރުގަދަ ދެ ޓީމުގެ މެޗެއް ލައްވާލި ނަމަވެސް ދެ ޓީމަށް ވެސް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އެކަމަކު ޖަރުމަނުގެ ހަމަލާތަކެއް ފްރާންސްގެ ގޯލްކީޕަރު އަލްފޮންސޭ އަރެއޮލާ އަށް މަތަކުރަން ޖެހުނެވެ.

ކެޕްޓަން ހޫގޯ ލޮރިސް އަނިޔާގައި ހުރުމުން އަރެއޮލާ އަށް ފުރުސަތު ލިބުނު އިރު މިއީ އޭނާ ގައުމީ ޖާޒީގައި ކުޅުނު ފުރަތަމަ މެޗެވެ. އަދި އޭނާ އަކީ ވޯލްޑް ކަޕުގެ ފައިނަލުން ކްރޮއޭޝިއާ އަތުން ފްރާންސް މޮޅުވި މެޗުގައި ނެރުނު ފުރަތަމަ އެގާރައިން ރޭ ފެނުނު ހަމައެކަނި ބަދަލެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ބުނީ ޖަރުމަނުގައި ކުޅެ އެ ގައުމުގެ އަތުން ޕޮއިންޓް ލިބުމަކީ ރަނގަޅު ނަތީޖާއެއް ކަމަށެވެ. މި ގްރޫޕުގައި ދެން ހިމެނޭ ނެދަލެންޑްސްއާ ދެކޮޅަށް ފްރާންސުން އާދީއްތަ ދުވަހުގެރެ ޕެރިހުގައި ނުކުންނާނެ އެވެ.

ވޯލްޑް ކަޕް ކޮލިފައިން އަދި ޔޫރޯ ކޮލިފައިން ނޯންނަ އަހަރުތަކުގައި ޓީމުތަކަށް ވާދަވެރި މެޗުތަކެއް ހޯދައިދޭން ފެށި މި މުބާރާތުގައި ހަތަރު ފަންތީގެ ހަތަރު ލީގެއް އޮވެ އެވެ. ކޮންމެ ލީގެއްގައި ހިމެނެނީ ހަތަރު ގްރޫޕެވެ.

މުބާރާތުގެ އެންމެ މަތީ ލީގު ކަމަށްވާ އޭ ލީގުގައި ގްރޫޕެއް އެކެއްގައި ޖަރުމަން، ފްރާންސް އަދި ނެދަލެންޑް އޮތްއިރު ދެ ވަނަ ގްރޫޕުގައި ހިމެނެނީ ބެލްޖިއަމް، ސްވިޒަލެންޑް އަދި އައިސްލެންޑެވެ. ގްރޫޕް ތިނެއްގައި ޕޯޗުގަލް، އިޓަލީ އަދި ޕޮލެންޑް ލައްވާލިއިރު ހަތަރު ވަނަ ގްރޫޕުގައި ހިމެނެނީ ސްޕެއިން، އިންގްލެންޑް އަދި ކްރޮއޭޝިއާ އެވެ.

ހަތަރު ގްރޫޕުގެ އެއް ވަނަ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލުން ފަށާ މިނީ މުބާރާތެއް އަންނަ އަހަރުގެ ޖޫން މަހު އޮންނާނެ އެވެ.