ސުޖަންގެ ބޭނުން ހިފާނަން، ރާއްޖެ ބަލިކުރެވޭނެ: ކޯޗު
ސުޖަންގެ ބޭނުން ހިފާނަން، ރާއްޖެ ބަލިކުރެވޭނެ: ކޯޗު

ސާފް ސުޒުކީ ކަޕްގައި މިއަދު މޮޅުވުން މަޖުބާރު މެޗަކަށް ރާއްޖެއާ ދެކޮޅަށް ނުކުންނައިރު ސްރީލަންކާ އަށް އޮތް އެންމެ ބޮޑު ހިތްވަރަކީ ރާއްޖޭގައި ކުޅޭ ގޯލްކީޕަރު ސުޖަން ޕެރޭރާ އެ ޓީމުގައި ހުރުމުން ކަމަށް ކޯޗު ނިޒާމް ޕަކީރު އަލީ ބުނެފި އެވެ.

ސުޖަންގެ ބޭނުން ހިފާނަން، ރާއްޖެ ބަލިކުރެވޭނެ: ކޯޗު
ސުޖަންގެ ބޭނުން ހިފާނަން، ރާއްޖެ ބަލިކުރެވޭނެ: ކޯޗު

ސްރީލަންކާ ކުޅުނު ފުރަތަމަ މެޗުން އިންޑިއާ އަތުން 2-0 އިން ބަލިވިއިރު، މުބާރާތުގައި ކުރިއަށް ދިއުމަށް މިއަދު ރާއްޖެ އަތުން މޮޅުވާން އެ ޓީމަށް އޮތީ މަޖުބޫރުވެފަ އެވެ. ޕަކީރު އަލީ ވަނީ ކުރިން ރާއްޖޭގައި ކުޅެފައިވާ އަދި މިދިޔަ އަހަރުތަކުގައި ރާއްޖޭގައި ކޯޗުކޮށްދީފަ އެވެ. އޭނާ ބުނީ ރާއްޖެ ބަލިކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

"އަހަރެމެންނަށް ރާއްޖެ ބަލިކުރެވޭނެ. އެއީ ކުރެވޭނެ ކަމެއް. އެކަން ފޮރުވަން އަހަރެން ނެތިން. މިއީ ވަރަށް ފޯރިގަދަ މެޗަކަށްވާނެ. ރާއްޖެ އަކީ އަހަރެމެންގެ އަވަށްޓެރިން. އަހަރެމެންނަށް ރާއްޖޭގެ ބަލިފައިތައް ވަރަށް ރަނގަޅަށް އެނގޭ،" އިންޑިއާ އަތުން ބަލިވި މެޗަށް ފަހު ޕަކީރު އަލީ ބުންޏެވެ.

މުބާރާތް ފެށުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕަކީރު އަލީ ބުނީ ރާއްޖޭގެ ކްލަބް އީގަލްސް އަށް ކުޅޭ ސުޖަން ހުރުމަކީ ރާއްޖެއާ ދެކޮޅަށް އޭނާ އަށް ލިބޭނެ އެންމެ ބޮޑު ހިތްވަރު ކަމަށެވެ.

"ސުޖަން އަށް އެނގޭނެ ރާއްޖޭގެ ހުރިހާ ކުޅުންތެރިން. އޭނަ ހުރުމަކީ އަހަރެމެންނަށް ވަރަށް ރަނގަޅަށް ދިމާވިކަމެއް. އޭނާ އަކީ ވަރަށް މޮޅު ގޯލްކީޕަރެއް. އަހަރެމެން އޭނާގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފާނަން،" ޕަކީރު އަލީ ބުންޏެވެ.

ޕަކީރުގެ މި ވާހަކަތަކާ ބެހޭގޮތުން ގައުމީ ކޯޗު ޕީޓަ ސެގަޓާ ސުވާލުކުރުމުން އޭނާ ބުނީ ސުޖަންގެ ޓްރެއިނަރަކީ ގައުމީ ޓީމުގެ ވެސް ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުއްރަހީމް ކަމަށާއި އެހެންކަމުން ސުޖަންގެ ކަންތައްތައް ރާއްޖޭގެ ކުޅުންތެރިންނަށް ވެސް އެނގޭނެ ކަމަށެވެ.

އީގަލްސްއާ 2015 ވަނަ އަހަރު ގުޅުނު ސުޖަން ވަނީ މިދިޔަ 2016 ވަނަ އަހަރު ދިވެހި ލީގުގެ މޮޅު ކީޕަރުގެ މަގާމް ހޯދައިފަ އެވެ. އެ ޓީމުން 2016 ވަނަ އަހަރުގެ ގައުމީ މުބާރާތް ކާމިޔާބުކުރިއިރު ވެސް ތަފާތު ދެއްކި ސުޖަން އަށް ލަންކާ ކެޕްޓަކަން ލިބުނީ ވެސް އޭގެ ސަބަބުންނެވެ. އޭގެ ކުރިން އޭނާ ވަނީ ލަންކާގެ 23 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަންކަންކޮށްފަ އެވެ.

ލަންކާ ޓީމުގައި ސުޖަން ވަނީ 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅެފަ އެވެ. އެ ފަހަރު ލަންކާ ވަނީ ސެމީ ފައިނަލުގައި ކުޅެފަ އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ލަަންކާ ވަނީ 1-0 އިން ނޭޕާލް ބަލިކޮށްފަ އެވެ. މުޅި މެޗުގައި ނޭޕާލުން ފޮނުވާލި ގިނަ ހަަމަލާތައް ހުއްޓުވުމުގައި ސުޖަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ދެ ވަނަ މެޗުގައި އިންޑިއާ އަތުން ލަންކާ 2-0 އިން ބަލިވި ނަމަވެސް އެ މެޗުގައި ވެސް އިންޑިއާ އިން ފޮނުވާލި ގިނަ ބޯޅަތަކެއް ސުޖަން ހުއްޓުވި އެވެ. ލަންކާ ކެޓީ ސެމީ ފައިނަލުގައި އަފްގާނިސްތާން އަތުން 5-0 އިން ބަލިވުމުންނެވެ.

މި ފަހަރުގެ މުބާރާތުގައި އިންޑިއާ އަތުން ލަންކާ ބަލިވި މެޗުގައި އިންޑިއާ ކޯޗު ސްޓެފަން ކޮންސްޓަންޓިން އެންމެ ހިތްހަމަ ނުޖެހުނު އެއް ސަބަބަކީ ލަނޑު ޖަހަން ލިބުނު ގިނަ ފުރުސަތުތައް ގޯލަށް ބަދަލުކޮށްނުލެވުމެވެ. އިންޑިއާ އިން ފޮނުވާލި ނުރައްކާތެރި ގިނަ ބޯޅަތަކެއް ސުޖަން ހުއްޓުވި އެވެ.

ސްރީލަންކާ އެންމެ ފަހުން ރާއްޖެ އަތުން މޮޅުވީ މީގެ 16 އަހަރު ކުރިން 2002 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗަކުންނެވެ. ސްރީލަންކާގައި ކުޅުނު އެ މެޗު ނިމުނީ 1-0 އިންނެވެ.

ސާފް ސުޒުކީ ކަޕްގައި ރާއްޖެ އާއި ސްރީލަންކާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.