08 ސެޕްޓެމްބަރ 2018 - 11:25

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ވަރުން ދަވަންގެ އާއިލާ އިން ފިލްމް ކުންފުންޏެއް ލޯންޗް ކުރަން ނިންމައިފި އެވެ.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި އެ ފިލްމް ކުންފުނިވެގެން ދާނީ ވަރުން އާއި އޭނާގެ ބައްޕަ އަދި ބޭބެ ހިއްސާވާ ގޮތަށް އުފައްދާ ކުންފުންޏަކަށެވެ.
ވަރުންގެ ބައްޕަ ޑޭވިޑް ދަވަންއަކީ ބޮލީވުޑްގައި ކޮމެޑީ ފިލްމްތައް ހަދަން އަރާހުރި އެންމެ ވަރުގަދަ އެކެކެވެ. އަދި އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ރޯހިތު ދަވަންއަކީ ވެސް ޒުވާން ޑައިރެކްޓަރެކެވެ.
ރޯހިތު ޑައިރެކްޝަނަށް ނުކުތީ 2011 ގައި އަކްޝޭ ކުމާރާއި ޖޯން އަބްރަހަމް އަދި ދީޕިކާ ޕަދްކޯން ލީޑް ރޯލް ކުޅުނު ފިލްމް "ދޭސީ ބޯއިޒް" އިންނެވެ. އޭގެ ފަހުން އޭނާ ދެން ޑައިރެކްޓްކުރީ ކޮއްކޮ ވަރުން އާއި ޖޯން އަދި ޖެކްލިން ފެނަންޑޭޒް މުހިއްމު ރޯލްތައް ކުޅުނު 2016 ގެ "ޑިޝޫމް" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އާއިލާ އިން ލޯންޗް ކުރާ ފިލްމް ކުންފުނީގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ އިރު، އަންނަ އަހަރުގެ ތެރޭގައި ކުންފުނީގެ ފުރަތަމަ ފިލްމްގެ މަސައްކަތް ފަށާނެ އެވެ.
އަދި އެ ފިލްމްވެގެން ދާނީ މީގެ ކުރިން ވެސް ޓައިޓްލް އަށް "ނަމްބަރު 1" ހިމަނައިގެން ފިލްމްތައް ގެނެސް ދިން ޑޭވިޑް ޑައިރެކްޓް ކުރާނެ ފިލްމަކަށެވެ. ފިލްމްގެ ބަތަލުގެ ރޯލް ކުޅޭނީ ވަރުން އެވެ.
ޑޭވިޑް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދެނީ ވަރުން ޑަބަލް ރޯލެއް ކުޅުނު މިދިޔަ އަހަރުގެ "ޖުޅުވާ 2" އެވެ.
ދަރިފުޅު ލީޑް ރޯލަށް ލައިގެން އޭނާ ހަދާ ތިން ވަނަ ފިލްމްގެ ސްކްރީންޕްލޭ މިހާރު ރޫމީ ޖެފްރީއާ ހަވާލުކޮށްފައިވާ ކަމަށްވެ އެވެ. އޭނާއަކީ ޑޭވިޑް ޑައިރެކްޓް ކުރި މުޖް ސޭ ޝާދީ ކަރޯގީ (2004) އާއި މޭނޭ ޕިޔާރް ކިޔު ކިއާ (2005) ފަދަ ފިލްމްތަކުގެ ގެ ސްކްރީން ރައިޓަރެވެ.