އަދީބު މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފި
އަދީބު މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފި

ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޑޮކްޓަރަށް ދައްކަން މިއަދު މާލެ ގެނެސްފި އެވެ.

ކަރެކްޝަނަލްސް ސާވިސްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި މާފުށީ ޖަލުގައި ހުންނަވާ އަދީބު އައިޖީއެމްއެޗަށް ގެންދިޔައީ އެހެން ގައިދީން ވެސް ޑޮކްޓަރަށް ދައްކަން ގެންދާ އުސޫލުން ކަމަށެވެ. އޭގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ޑޮކްޓަރަށް ދެއްކުމަށް ފަހު މިހާރު ވަނީ އަދީބު އަނބުރާ ޖަލަށް ގެންގޮސްފަ އެވެ. އެކަމަކު، އޭނާ ޑޮކްޓަރަށް ދެއްކި ސަބަބެއް ސާފެއް ނުވެ އެވެ.

މިއީ ޖަލަށް ލީ ފަހުން އަދީބު ޑޮކްޓަރަށް ދައްކަން މާލެ ގެނައި ފުރަތަމަ ފަހަރެވެ. އޭގެ ކުރިން، ތަހުގީގަށް ދޫނިދޫގައި ބަހައްޓާފައި ހުރިއިރު، މާލެ ގެނެސް ސެނަހިޔާ އަސްކަރީ ހޮސްޕިޓަލަށް ދެއްކި އެވެ. ހަމަ އޭރު، ދޫނިދޫ އަށް އެކްސްރޭ މެޝިނެއް ގެންގޮސް، އަދީބުގެ އެކްސްރޭއެއް ވެސް ނެގި އެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލައާ އެކު ތަފާތު ތިން މައްސަލައެއްގައި އަދީބު ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އަދި އިތުރު ގިނަ ދައުވާތަކެއް ވެސް އުފުލައި ޝަރީއަތް ދަނީ ހިނގަމުންނެވެ.