08 ސެޕްޓެމްބަރ 2018 - 11:24

އުމުރުން ދުވަސްވީ މުވައްޒަފުން އުޅޭ ސްޓާބަކްސްގެ އައުޓްލެޓެއް މެކްސިކޯގައި ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.
އެ ގައުމުގެ ކޮލޯނިއާ ޑެލް ވެލީގައި ހުޅުވާފައިވާ އައުޓްލެޓުން މިހާތަނަށް ވަނީ، އުމުރުން 50 އާއި 66 އަހަރާ ދެމެދުގެ 14 މީހަކަށް ވަޒީފާގެ ފުރުސަތު ދީފަ އެވެ.
އެމެރިކާގެ މަޝްހޫރު ކޮފީ ކުންފުނި ސްޓާބަކްސް އިން ބުނި ގޮތުގައި އުމުރުން ދުވަސްވީ މުވައްޒަފުން ހިދުމަތް ދޭން ތިބޭ އައުލެޓެއް ހުޅުވުމުގެ މައިގަނޑު މަގުސަދަކީ އެފަދަ މީހުން އެކަހެރި ނުކޮށް ވަޒީފާ ދީގެން އާމްދަނީއެއް ހޯދުމުގެ މަގުފަހިކޮށް ދިނުމުގެ ގޮތުންނެވެ.
ސްޓާބަކްސް އިން މި ހުޅުވައިލި ފުރުސަތުގެ ދަށުން މުވައްޒަފުންނަށް ރަނގަޅު މުސާރައެއް ލިބުމުގެ އިތުރަށް ހެލްތު އިންޝުއަރެންސް ލިބޭނެ އެވެ. އަދި ހަފުތާއަކު ދެ ދުވަސް ޗުއްޓީގެ ގޮތުގައި ލިބޭނެ އެވެ.
މެކްސިކޯގައި ހުޅުވި އައުލެޓްގައި މުވައްޒަފުން މަސައްކަތް ކުރަން ޖެހެނީ ޝިފްޓަށެވެ. އެގޮތުން ދުވާލަކު މަސައްކަތް ކުރަން ޖެހޭނީ ހަ ގަޑި އިރާގައި 30 މިނިޓަށެވެ. އަދި މަސައްކަތުގެ މާހައުލަކީ ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް ވެސް އަޅައިފަ އެވެ.
އެގޮތުން އައުލެޓްގެ އިންޓީރިއާ ތަރުތީބުކޮށްފައި ހުންނާނީ އުމުރުން ދުވަސްވީ މީހުންނަށް ފަސޭހަ ކަމާ އެކު މަސައްކަތް ކުރެވޭ ގޮތަށް ކަމަށް ސްޓާބަކްސް މެކްސިކޯގެ ސީއީއޯ ކްރިސްޓިއަން ގްރިއާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އުމުރުން 40 އަހަރުން މައްޗަށް ދިއުމުން ބައެއް މީހުން ވަޒީފާތަކުގައި ގެންގުޅުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު ސްޓާބަކްސް އިން ސާބިތުކޮށް ދޭން ބޭނުން ވަނީ އުމުރަކީ މީހާ އެކަހެރިކޮށްލަން ޖެހޭ ކަމެއް ނޫން ކަމަށާއި އެ މީހުންގެ ބޭނުން ހިފަން ޖެހޭކަން ކަމަށެވެ.
"މިއީ ހަގީގަތުގައި އުފާވެރިކަން އިހުސާސް ކުރެވޭ ކަމެއް،" ކްރިސްޓިއަން ވިދާޅުވި އެވެ. "ދުވަސްވީ މީހުންގެ މަސައްކަތް އެ މީހުންގެ ހިދުމަތް ބަލައި ގަތުމަކީ ލިބޭނެ ވަރަށް ބޮޑު ޝަރަފެއް."
އެހެންވެ ސްޓާބަކްސް މެކްސިކޯގެ އަމާޒަކީ 2019 ނިމުމުގެ ކުރިން އެ ކުންފުނީގައި މަސައްކަތް ކުރާ އުމުރުން ދުވަސްވީ މީހުންގެ އަދަދު 120 އަށް އިތުރު ކުރުމެވެ.
ސްޓާބަކްސްއަކީ ދުނިޔޭގެ އެތައް ގައުމެއްގައި 25،000 އަށް ވުރެ ގިނަ އައުޓްލެޓް ހިންގަމުން އަންނަ ކުންފުންޏެކެވެ.